ޕޮލިސް

ފުލުހުންގެ ޒަމާނީ ބައެއް ޓެކްނޮލޮޖީތައް އުކުޅަހުގައި ދައްކާލައިފި

ފަތޯނާ ފާއިޒު

ފުލުހުން ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީގެ ބައެއް ވަސީލަތްތައް އއ. އުކުޅަހުގައި ކުރިއަށްދާ ޓެކް ފެއާގައި ދައްކާލައިފިއެވެ.

އުކުޅަހުގައި މިއަދު ހުޅުވި ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ މި ފެއާގައި، ފުލުހުން މިހާރުވެސް ބޭނުންކުރަމުން އަންނަ ބައެއް ސިސްޓަމްތަކާއި އާލާތްތަކުގެ އިތުރުން މިހާރު ތަރައްގީ ކުރަމުން އަންނަ ބައެއް ސިސްޓަމްތައް ވެސް ދައްކާލާފައިވެއެވެ.

އެގޮތުން ޕްރޮފެސަރު ހަސަން އުގައިލްއާއެކު ފުލުހުން ކުރިއަށްގެންދާ އެކްސެލެރޭޓަރ ޕްރޮގްރާމްގެ ދަށުން ޑިވެލޮޕް ކުރަމުން އަންނަ ފޭސް ރިކޮގްނިޝަން ސިސްޓަމްގެ ޕްރޮޓޯޓައިޕް ތަޖުރިބާ ކުރުމުގެ ފުރުސަތު މި ފެއާއިން ލިބިގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން، ފުލުހުންގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސަރވިސަސް އިން އިމްޕްލިމެންޓް ކުރަން ފަށާފައިވާ، ނަމްބަރ ޕްލޭޓް ރެކޮގްނިޝަން ސިސްޓަމާއި ޑިވޮލޮޕް ކުރުމުގެ މަސައްކަތްކުރަމުން އަންނަ އޮބްޖެކްޓް ރެކޮގްނިޝަން ސިސްޓަމްގެ ޕްރޮޓޯ ޓައިޕެއްވެސް މި ފެއާ އިން ފެނިގެންދާނެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގައި ބޭނުންކުރާ ޒަމާނީ މުވާސަލާތީ ވަސީލަތްތައް ދައްކާލުމުގެ އިތުރުން ތަހުގީގުތަކުގައި ބޭނުންކުރާ އިންޓަވިއު ރެކޯޑިން ސިސްޓަމް މަސައްކަތްކުރާ ގޮތްވެސް މި ފެއާގައި ދައްކާލާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިއަދުން ފެށިގެން މިމަހު 28 ގެ ނިޔަލަށް ކުރިއަށްދާ ޓެކް ފެއާ ރަސްމީކޮށް ހުޅުއްވައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޓެކް ފެއާ އާއެކު ކުރިއަށްދާ ސައިންސްވެރިންގެ ކޮންފެރެންސްގައި ފުލުހުންގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.