ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާއިން މިހާރަށް ވުރެ ބޮޑަށް ރާއްޖެއަށް ފައިދާ ހޯދޭނެ: އޭޑީބީގެ ރައީސް

މަރިޔަމް ޝަހުދާ

ފަތުރުވެރިކަމުގެ ދާއިރާއިން މިހާރަށް ވުރެ ބޮޑަށް ރާއްޖެއަށް ފައިދާ ހޯދޭނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ރައީސް ޓަކަހިކޯ ނަކައޯ ވިދާޅުވެއްޖެއެވެ.

ނަކައޯ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ދެއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ނަކައޯ ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާއިން މުއްސަނދި ގައުމެއް ކަމަށެވެ. އަދި މިހާރަށް ވުރެ ބޮޑަށް ރާއްޖެއަށް ފަތުރުވެރިކަމުގެ ދާއިރާއިން ފައިދާ ހޯދޭނެ ގޮތްތަކާ މެދު މިނިސްޓަރު އަމީރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސޯލިހު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ހިއްސާކުރައްވާފައިވާނެ ކަމަށެވެ.

ނަކައޯ ވިދާޅުވީ ރާއްޖެއަށް މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން އަހަރަކު ޒިޔާރަތް ކުރާ ކަމަށެވެ. ނަމަވެސް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ މިންވަރާއި އެއްވަރަށް ވަޒީފާގެ ފުރުސަތު އިތުރު ނުވާ ނަމަ، ފަތުރުވެރިކަމުގެ ދާއިރާއިން ފައިދާއެއް ނުކުރާނެ ކަމަށް ނަކައޯ ވިދާޅުވިއެވެ. އަދި ރިސޯޓުތަކުން ލިބޭ ފައިދާ ދިވެހިންނަށް ލިބޭނަމަ އޭގެ ހެޔޮ ބަދަލު ޖީޑީޕީ އިން ދައްކާނެ ކަމަށް ނަކައޯ ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހީން، ގެސްޓްހައުސް ވިޔަފާރީގެ ބޭނުންކޮށްގެން ފަތުރުވެރިންގެ ކިބައިން ފައިދާ ހޯދޭނެ ގޮތްތަކާ މެދު ރައީސް ނަޝީދާ މަޝްވަރާ ކުރެއްވި ކަމަށް ނަކައޯ ވިދާޅުވިއެވެ. އަދި ރާއްޖޭގެ މަސްވެރިކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް ނަކައޯ ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރިކަމާ ގުޅޭގޮތުން މައިގަނޑު ގޮތެއްގައި މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާނެ ކަމަށް ނަކައޯ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަސްވެރިކަމަކީ އޭގެ ސަބަބުން ރާއްޖޭގައި އެތައް ވަޒީފާއެއް އުފައްދާފައިވާ ދާއިރާއެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން އިތުރަށް ކުރިއެރުވުމަށް ފިޝް ފާމިންގް ރާއްޖެއަށް ތައާރަފުކޮށް، ރާއްޖޭގެ އިގްތިސާދު އިތުރަށް ކުރިއެރުވިދާނެ ކަމަށް ކަމަށް ނަކައޯ ފާހަގަކުރެއްވިއެވެ.

ނަކާއޯ ވަނީ އޭޑީބީ އިން ރާއްޖޭގެ ''ކީ ޑީވަލޮޕްމަންޓް ޗެލެންޖަސް'' ރަނގަޅު ކުރަން އެހީތެރިވެދޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.