ޚަބަރު

ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އިންފްރާސްޓްރަކްޗާއެއް ގާއިމު ކުރުމަށް އޭޑީބީ އިން އެހީވަނީ

މަރިޔަމް ޝަހުދާ

ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އިންފްރާސްޓްރަކްޗާއެއް ގާއިމު ކުރުމަށް އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް (އޭޑީބީ) އިން އެހީވާނެ ކަމަށް އޭޑީބީގެ ރައީސް ޓަކަހިކޯ ނަކައޯ ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ނަކާއީ މިހާރު ކުރައްވާ ދަތުރުފުޅުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަކައޯ ވިދާޅުވީ އޭބީޑީ އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ތިމާވެއްޓާ ރައްޓެހި އިންފްރާސްޓްރަކްޗާއެއް ރާއްޖޭގައި ގާއިމު ކުރުމަށް 2020 އިން ފެށިގެން 2022 އާ ދެމެދު 120 މިލިއަން ޑޮލަރު އޭޑީބީ އިން އިންވެސްޓުކުރުމަށް ވަނީ ހަމަޖައްސައިފައެވެ. މިއީ ތިލަފުށީގެ ވޭސްޓް-ޓު-އެނާޖީ ފެސިލިޓީ އަދި ލިކުއިފައިޑް ނެޗުރަލް ގޭސް ޕްރޮޖަކްޓް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ދާ ހަރަދާއެކު ކަމަށް ނަކައޯ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ނަކައޯ ވަނީ ރާއްޖޭގެ ޖީޑީޕީއާ އަޅާބަލާއިރު ގައުމުގައި ދަރަނި ބޮޑުކަން ފާހަގަކޮށްފައެވެ. ނަކައޯ ވިދާޅުވީ ރާއްޖޭގެ ދަރަނި ބޮޑުވެފައިވަނީ ސަރުކާރުގެ ދަރަނީގެ އިތުރުން ކޮމާޝަލް ބޭނުންތަކަށް ސަރުކާރުން ގެރެންޓީ ދީފައި ހުރި ލޯނުތަކާއެކު ކަމަށެވެ. އަދި ރާއްޖޭގެ ފިސްކަލް ޑެފެސިޓް ކުޑަކުރުމަށް އޭޑީބީ އިން ސަރުކާރާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ނަކައޯ ވިދާޅުވިއެވެ.

ފާއިތުވެދިޔަ 41 އަހަރުގައި އޭޑީބީ އިން އަންނަނީ ރާއްޖޭގެ ތަރައްގީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން މިހާތަނަށް އޭޑީބީ އިން ރާއްޖެއަށް ލޯނު، ގްރާންޓް އަދި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 227 މިލިއަން ޑޮލަރު ވަނީ ދީފައެވެ.