ފުރާނަދަންދެން

ފުރާނަދަންދެން - 31

8

ލިބުނު ޓޯކަން ނަމްބަރ ހިފައިގެން ގޮނޑީގައި އިށީނުމަށްފަހު ފުން ނޭވައެއް ލަމުން ޙައްވަ ކުރިމައްޗަށް ބަލައިލިއެވެ. އެވަގުތު އޭނާގެ ކުރިމަތީގައި ހުރި ނަތާޝާ ފެނުމާއެކު ޚައިރާންވިއެވެ. ދެވަނަ ސިކުންތުގައި ޙައްވަގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ނަތާޝާ ވެސް ހީލިއެވެ. ނޭނގޭ ސަބަބަކާއި ހުރެ އަޒްކާއާއި ބައްދަލުވެދާނެ މަގެއް ފެނިދާނޭ އޭނާގެ ހިތަށް އަރާ ހިތް އަވަސް ވެލިއެވެ.

"އެކޮއިވެސް އެބައުޅެންތަ...؟" ޙައްވަ އަހައިލިއެވެ.

"ލައްބަ. ޙައްވައްތަ މިރަށް ތަ...؟ ފެނުނީމަ ވަރަށް އުފާވެއްޖެ" ނަތާޝާ ބުނެލިއެވެ.

"ޙައްވައްތަ އުފަން ރަށް މިއީ... ނަޝްވާގެ އާއިލާ ރަނގަޅުތަ...؟ ކޮންއިރަކުން މާލެ ދަނީ" ޙައްވަ އަހައިލިއެވެ.

"މިރަށް ނިމުނީމަ އަދި މި އަތޮޅުގެ ބާކީ ދެ ރަށް އެބައިން. މާދަމާ ހަވީރު ކަންނޭނގެ މިރަށުން ފުރާނީ..." ކިހާ ހިސާބެއްގައި ޙައްވައްތަގެ ގެ ހުންނަނީ" ނަތާޝާ އަހައިލިއެވެ.

"ބުންޏަސް ކިހިނެއް އިނގޭނީ. އެކޮއިއަށް މިރަށު ހިނގަން އިނގޭތަ...؟" ހީލުމަކާއެކު ޙައްވަ އަހައިލިއެވެ. އޭނާއަށް ފާޅުގައި ދެކޮޅަށް އެއްޗެއް ބުނަން ނުކެރުނީއެވެ. ނަތާޝާ ރަށުގައި ހުރިކަން އިނގިއްޖެނަމަ އަޒްކާއަށް ވާނެ ގޮތެއްވެސް އިނގެނީއެއް ނޫނެވެ.

"މަޑުކޮށްލައްޗެ... ވަރަށް ލަސް ނަންބަރެއް ދޯ ލިބުނީ..." ނަތާޝާ އަހައިލިއެވެ.

އިރުކޮޅެއް ވީތަނާ ޙައްވަ ކުރިމަތީގައި އައިސް ހުއްޓުނީ ނިރާޝްއެވެ. ކައިރީގައި ނަތާޝާ ހިނިތުންވެފައި ހުއްޓެވެ.

"ޙައްވައްތަ ދަންނަންތަ ނަތާ..." ނިރާޝް އަހައިލިއެވެ.

"ކުރިން އެމަންޖެގެ އެއްބަނޑު ދައްތަގެ ގޭގައި މަސައްކަތްކުރީ. އެހެންވީމަ ނޭނގިއެއް ނުހުންނާނެއްނު" ޙައްވަ ބުނެލިއެވެ.

"ނިރާޝްއަށް އިނގޭތަ ޙައްވައްތަމެން ގެ ހުންނަ ތަނެއް...؟ މިރޭ އެގެއަށް ވަދެލަން ބޭނުން. ޙައްވައްތައާއި އެއް ފަސްގަނޑަކަށް އައިސް އެގެއަށް ނުވަދެ ފުރައިގެން ދާން އެއްގޮތަކަށްވެސް ބޭނުމެއްނޫން" ނަތާޝާ ވާހަކަދެއްކިއެވެ.

"އާނ... ނަތާމެންގެ ކެއުން ހަމަޖެހިފަ އިން ގޭ ކުރިމައްޗަށް އެހުރީ އެގެ. އެއްކަލަ ދުވަހު އަހަރެމެން ތިބީމެއްނު އެގޭ ކުރިމަތީގައި ހުރި ޖޯލިފަތީގަ" ނިރާޝް އޮޅުންފިލުވައިދިނެވެ.

"އޯ...އެއީތަ...؟ އަޅެ ނުވެސް އިނގޭ. ނިރާޝް ބުނި އެގޭގައި އަންހެންކުއްޖެއް ހުރެއޭ. އެވާނީ ޙައްވައްތަގެ ދަރިފުޅަކަށްތާ. އެހެންވީމަ ކޮންމެހެންވެސް ބައްދަލުކުރަން ޖެހޭނެ" ނަތާޝާ ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި ވަނީ ޖޯޝެވެ.

ނަންބަރ ޖެހުމުން ޙައްވަ ނަތާޝާ އިން މޭޒާއި ކައިރިވެލިއެވެ. ހުރިހާ ކަމެއް ޓެސްޓު ކުރުމަށްފަހު މަރުކަޒުން ޙައްވަ ނިކުތްއިރު ހަވީރު ވާން ގާތްވެއްޖެއެވެ. ގެއާއި ދިމާލަށް ދަމުން އޭނާ ވިސްނަމުން ދިޔައެވެ. "ވާން މިއުޅެނީ ކިހިނެއްބާއެވެ؟ ނަތާޝާ އެގެއަށް އައުމުން ނިކުންނާނީ ކޮންފަދަ ނަތީޖާއެއް ބާއެވެ؟ އަޒްކާގެ އަމަލުތައް ހުންނާނީ ކިހިނެއް ހެއްޔެވެ؟ އެގޭ ތެރެއިން ނަތާޝާއަށް އަޒްކާ ފެނިއްޖެނަމަ ހީކުރާނީ ކީކޭ ބާއެވެ؟ ޔަޤީނުންވެސް އަހަރެން ދޮގުހެދިކަން ފަޅާއަރާނެއެވެ. ނަތާޝާ ރަށުގައި ހުރި ވާހަކަ އަޒްކާ ކައިރީގައި ބުނަންވީ ބާއެވެ؟" ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް ޙައްވަ ގެއަށް ވަނީ މާތްﷲ އާއި ހުރިހާ ކަމެއް ވަކީލުކޮށްފައެވެ.

ގެއަށް ވަތްއިރު އަޒްކާ ފެންނާކަށް ނެތެވެ. އެގަޑީގައި އަޒްކާ ވާނީ ކުޅޭތަނުގައި ކަން ޙައްވަ ހަނދާންވިއެވެ. އޭނާއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނީ ނަތާޝާ އަންނައިރު އަޒްކާ ގޭގައި ނުހުންނާނޭކަން އިނގުމުންނެވެ. ޙަމީދު ވަދެގެން އައީ ވިސްނުމެއްގައި ކޮޓަރި ދޮރު ކަނީގައި ޙައްވަ އަތް އަޅުވާލައިގެން ހުއްޓައެވެ.

"މަންމާ...!! ކިހިނެއްވެފަ ތިހުންނަނީ.." ޙަމީދު ޙައްވަގެ ކޮނޑުގައި އަތް ޖައްސައިލަމުން އަހައިލިއެވެ.

"މިހުންނަނީ... މިއަދު ނަތާޝާއާއި ދިމާވެގެން....." މަރުކަޒުގައި ނަތާޝާއާއި ދިމާވެގެން ދެކެވުނު ހުރިހާ ވާހަކަތަކެއް ޙައްވަ ޙަމީދަށް ކިޔައިދިނެވެ.

"މަންމާ...! ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް. އަހަރެންނަށް ފެންނަނީ ތިވާހަކަ އަޒްކާއަށް ނާންގާ އެދެކުދިން ބައްދަލުކުރުވުން. އެއީ އަހަރެމެންގެ އަޒްކާގެ ހަޔާތަށް އަންނަ އުޅޭ އުފާވެރިކަމުގެ ފެށުމަކަށްވެސް ވެދާނެއްނު" ޙަމީދު ބުނެލިއެވެ. ޙައްވަ ވިސްނާލިއެވެ. ޙަމީދު އެބުނީ ތެދެކެވެ. އަޒްކާއަށް އުފާވެރި ހަޔާތެއް ހޯދައިދެން ބޭނުންނަމަ އަޒްކާއަށް ނަތާޝާ އެ ރަށުގައި ހުރިކަން ޖެހޭނީ ސިއްރު ކުރާށެވެ.

ނަތާޝާއާއި އެކީގައި ހިނގާފައި ދިޔަ ނިރާޝްގެ ހިތުގައި ވަނީ ހިތްހަމަޖެހުމެވެ. ނަތާޝާއާއި އެކީގައި އަޒްކާ ދިރިއުޅޭ ގެއަށް ވަދެވޭތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ. އަޒްކާ ނުފެންނަތާ ދެ ދުވަސް ވީއިރު އޭނާގެ ވަނީ އެސޫރަ ދެކިލާހިތުން ކެތްމަދުވެފައެވެ.

"ތެންކިޔު ނަތާ...! ނަތާ ތިކޮށްދިނީ ވަރަށް ބޮޑު ކަމެއް...؟" ނިރާޝް އޭނާއާއި އެއްވަރަށް ހިނގަމުން އަންނަ ނަތާޝާއަށް ބުނެލިއެވެ.

"ތެންކްސް...؟ ވައި...؟ ނަތާ ކޮންކަމެއް ކުރީ...؟" ނަތާޝާ އަހައިލިއެވެ.

"ލީވް އިޓް......." ކުޑަ ހީލުމަކާއެކު ނިރާޝް ބުނެލިއެވެ.

"އައްސަލާމް އަލައިކުމް..." ބަދިގޭ ބޭރުގައި ހުރި މޭޒަކަށް ސައި ހަދަން ހުރި ޙައްވަގެ ކަންފަތުގައި ޖެހުނީ ނިރާޝްގެ އަޑެވެ. ވަގުތުން އޭނާއަށް ނަތާޝާ އައީކަން އިނގުނެވެ. ޖޯލީގައި އިން ޙަމީދަށް ބަލައިލުމަށްފަހު ޙައްވަ ސަލާން ބަލައިގަތެވެ.

އެކީގައި ވަދެގެން އައި ނިރާޝްއާއި ނަތާޝާ ޙަމީދަށް ހިނިތުންވުމެއް ދިނެވެ. ޙައްވަ ދެއްކި ގޮނޑީގައި ނަތާޝާ އިށިން އިރު ބެލެނީ އެމީހުން ތިބި ދިމާ ތަންކޮޅެއް ދުރުގައި ދަމާފައި ހުރި ރޯނެއްގައި އަޅުވާލާފައި އޮތް ހުދު ކުލައިގެ ޓީޝާޓަކަށެވެ. އެ ޓީޝާޓްގެ ފަހަތުގައި ފެހި ކުލައިގެ ބަޓަރފްލައި އެއް އިންއިރު ނަތާޝާގެ ސިކުނޑިއަށް މީގެ އެއް އަހަރު ކުރީގެ ހަނދާނެއް އަންނަމުން ދިޔައެވެ.

"މިއީ އަޒްކީ އަށް. މިއީ ނަތާއަށް...." އިނގޭ މިއަދު މިއީ ޙާއްސަ ދުވަހެއް ނޫންކަން. އެކަމު ރާދު އެހާ ލޯބިން ގަނެދިނީމަ. ފިހާރައިގަ އިނީވެސް މި ކުލައިގެ މި ދެ ޓީޝާޓް އެކަނި. އެހެންވީމަ ހިތަށް އެރީ ރާދު ކައިރީގައި ބުނާނީއޭ... ޕްލީޒް އެކްސެޕްޓް ދިސް" އަޒްކާ އެ ޓީޝާޓުގައި ހިފީ އެއީ ނަތާޝާގެ ފަރާތުން އޭނާއަށް އެގޮތަށް ލިބުނު ފުރަތަމަ ހަދިޔާއަށް ވީމައެވެ.

"އަޒްކީގެ ބަނޑު ނުލެވިގެންނޭ ކިޔާފައި މީތި އެއްލާލައިގެން ނުވާނެ... ޕްރޮމިސް ކުރޭ..." ނަތާޝާ އެދުނެވެ. ވަގުތުން އަޒްކާ ނަތާޝާގެ އަތާއި އަތް ޖަހާ ވަޢުދުވިއެވެ.

"އަހަރެން ކޮންމެ ތަނެއްގައި ހުއްޓަސް ނަތާގެ މި ހަނދާން އަހަރެންނާއި އެކުގައި ވާނެ. ބަލާތި މި ޓީޝާޓްގެ ސަބަބުން އަދި އެއްދުވަހަކުން ދެމީހުން ވަކިވެފަ ދިމާވެސްވާނެ...." އަޒްކާގެ އެޖުމްލައާއެކު ރޯނަށް ބަލަހައްޓައިގެން އިން ނަތާޝާއަށް ތެޅިގަނެވުނެވެ. ވަގުތުން ދެފަރާތް ހޯދައި ބަލައިލެވުނެވެ. އަޒްކާއާއި ދާދި ކައިރީގައި ވާ ކަމުގެ އިހުސާސް އޭނާއަށް ކުރެވިއްޖެއެވެ.

"ކިހިނެއްވީ..؟ ހެދިކާ ނުބައީތަ...؟" ނަތާޝާގެ ބުރަކަށީގައި ފިރުމައިލަމުން ޙައްވަ އަހައިލިއެވެ.

"ނޫން... ކޮބާ މިގޭގައި އުޅޭ ޙައްވައްތަގެ ދަރިފުޅު...." ނަތާޝާ އަހައިލިއެވެ.

"އެއީ ތެދެއް ޙައްވައްތާ... ކޮބާތަ އަޒް މިއަދު...؟" އަޒްކާ ފެންނަން ނެތުމުން އަހައިލަން ނުކެރިފަ އިން ނިރާޝްއަށް ނަތާޝާގެ ވާހަކައިން އަޒްކާގެ ވާހަކަ އަހަން ފަސޭހަވިއެވެ.

"އަޒްއޭ...އައިމީން.... އަޒްތަ ކިޔަނީ..." ޤަބޫލުނުކުރެވިފައި އިން ނަތާޝާ އަހައިލިއެވެ. ހިނދަކަށް ފަހު ހިނދެއް އޭނާގެ ހިތުގައި އުފެދިފައިވި ޝައްކު ޔަޤީނާއި ގާތަށް ދަތުރުކުރަމުން ދިޔައެވެ.

"ޔެސް. އެއީ އަޒްކާ... ނަތާ ވާނެ އޭނައާއި ފްރެންޑްވެލާން...." ނިރާޝްގެ އަނގައިން އަޒްކާގެ ފުރިހަމަ ނަން ބޭރުވެގެން ދިޔަ ހިނދު ނަތާޝާއަށް އަނގައާއި ދިމާލަށް ގެންދިޔަ ގުޅަ ތިރިކޮށްލެވުނެވެ. އޭނާއަށް އަޑު އިވުނު ގޮތް ބާވައެވެ. ޚައިރާންވެފައި އޭނާއަށް ބަލައިލެވުނީ އޭނާގެ ފަހަތުގައި ހުރި ޙައްވަގެ މޫނަށެވެ.

"ޙައްވައްތާ...!! ކޮން އަޒްކާއެއް އެއީ...؟ ޙައްވައްތަ ދޮގު ދޯ ހެދީ... ކީއްވެތަ ދޮގުހެދީ....؟؟" ނަތާޝާ ކޮޅަށް ތެދުވެ ޙައްވަގެ ދެކޮނޑުގައި ހިފައިލިއެވެ. ވަގުތުން ޙައްވަ އިސްޖަހާލިއެވެ. ނަތާޝާގެ ހުރިހާ ސުވާލެއްގެ ޖަވާބު ޙައްވަގެ އެ އަމަލުން ލިބިގެން ދިޔައެވެ. ވާނުވާ ނޭނގިފައި އިން ނިރާޝްވެސް އެއްފަހަރު ނަތާޝާގެ މޫނަށް ބަލައިލިއްޔާ އަނެއްފަހަރު ބަލައިލަނީ ޙައްވަގެ މޫނަށެވެ.

"އެކޮއިއަށް ތި ހީވީ ރަނގަޅަށް. އަޒްކާ ހުންނަނީ މިގޭގަ. ޙަމީދުބެމެން އެ މަންޖެ ބަލަނީ. އެކޮއި އެ މަންޖެއަށް އެހީވެދީ. އެމަންޖެ ހުރީ ދިރިއުޅެން ހަނދާންނެތިފަ. އުފާވެރިކަމާއި ހިތްހަމަޖެހުމަކީ އެމަންޖެ ދަންނަ އެއްޗެއް ނޫން" ނަތާޝާގެ ހުރިހާ ސުވާލަކަށް ޖަވާބު ދިނީ ދުރުގައި ހުރި ޙަމީދެވެ. ނަތާޝާގެ ދެލޮލުން ރޮނގަކަށް ކަރުނައެއް ދެމިގެން ދިޔައެވެ. އޭނާގެ ދެލޮލުގެ ތެރެއިން އުފާވެރިކަމުގެ ވިދުމެއް ފެންނަން ހުރިއިރު މޫނުމަތީގައި ވަނީ ހިތާމައިގެ ކުލަވަރެވެ.

"ކޮބާ އަޒްކީ...؟؟ ޙަމީދުބޭ ކޮބާތަ އަޒްކީ...؟ އަޒްކީ ރަނގަޅުތަ...؟ އަޒްކީގެ ބޭބީ ރަނގަޅުތަ...؟" ކަރުނައިގެ ތެރެއިން ނަތާޝާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ދުވެފައި ގޮސް ރޯނުގައި އޮތް ޓީޝާޓް ނެގިއެވެ. ހީލަމުން އެ ޓީޝާޓަށް ބަލައިލިއެވެ.

"ނަތާއަށް އޭރުވެސް އިނގުނު އަޒްކީގެ އެއްޗެއްކަން މިއީ. ހެހެހެ... އަޒްކީ އެއްދުވަހު ބުނި ނަތާއާއި ދެމީހުން ވަކިވިޔަސް މި ޓީޝާޓްގެ ސަބަބުން ދިމާވާނޭ...." ނަތާޝާގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައިރުވެސް ހެވެނީއެވެ.

"ޙައްވައްތާ...! ކޮބާ އަޒްކީ...؟" ޙައްވައާއި ދިމާލަށް ހިނގާފައި އައި ނަތާޝާ ހުއްޓުނީ ދޮރާށިން ވަދެގެން އަންނަ އަންހެންކުއްޖާ ފެނިފައެވެ. ކަކުލާއި ހަމައަށް އަރާ ދޫ ކަޅު ހެދުމުގައި އިސްޖަހާލައިގެން ހުރެ މަޑު ފިޔަވަޅުތަކެއްގައި އެ އަންނަނީ އަޒްކާ ކަން ނަތާޝާއަށް އިނގުނެވެ. މިނިވަންކަމާއެކު ދޫކޮށްލާފައިވާ އޭނާގެ ބުޅި އިސްތަށިގަނޑު ޖެހެމުންދާ މަޑުމަޑު ވައިރޯޅިއާއި ސަމާސާ ކުރަމުން ދާއިރު ފިލްމެއްގެ މަންޒަރަކާއި އެއްވެސް ތަފާތެއް ނެތެވެ.

"އަޒްކީ....!!" ނަތާޝާއަށް ގޮވައިލެވުނެވެ. ގޯތި ތެރެއަށް ވެރިވެފައިވި ހަމަހިމޭންކަމުގެ ތެރެއިން އަޒްކާގެ ކަންފަތާއި ހަމައަށް ނަތާޝާގެ އެ އަޑު ފޯރިއެވެ. އޭނާގެ ފިޔަވަޅުތައް ބިންމަތީގައި ތަތްވި ކަހަލައެވެ. އޭނާ އިސްއުފުލާ ކުރިމައްޗަށް ބަލައިލިއިރު ހެވިފައި ހުރި ނަތާޝާ އޭނާއާއި ދިމާލަށް އަންނަމުން ދިޔައެވެ.

"ނަތާ...!!" އަޒްކާގެ ދެ ތުންފަތް ދޭތެރެއިން ވައި އަޑުން ނިކުތެވެ.

ދެ އެކުވެރިން އެކަކު އަނެކަކު ހަށިގަނޑުގައި އޮޅުލައިގަތްއިރު މަންޒަރު ބަލަން ތިބި ޙައްވައާއި ޙަމީދުގެ ދެލޯ ވަނީ ކަރުނުން ފުރިފައެވެ. ނަމަވެސް ނިރާޝްގެ މޫނުމަތިން ފެންނަނީ ޚައިރާންކަމެވެ. ދާދި ދެންމެއަކު ނަތާޝާގެ ދުލުން ބޭރުވި ބަސްތަކުން ނިރާޝްގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދިއްޖެއެވެ.

"އަޒްކީ...!!! އޯ އެމް ޖީ... އައި ކާންޓް ބްލީވް.... ކޮބާ ބޭބީ...؟؟" އަޒްކާގެ ބަނޑުގައި ފިރުމާލަމުން ނަތާޝާ އަހައިލިއެވެ. ވަގުތުން އަޒްކާގެ ދެލޯ ފުރިގެން އައެވެ. ނަތާޝާއަށް ބުނަން ނުވާވަރުގެ އެއްޗެއް ބުނެވުނުކަން އިނގުނީ އަޒްކާގެ ދެލޮލުން ހޯސްލާފައި އޮހިގަތް ކަރުނަތައް ފެނުނީމައެވެ. ވަގުތުން ނަތާޝާގެ ތުންފަތް މަތީގައިވި ހިނިތުންވުން ގެއްލުނެވެ. އަޒްކާގެ ދެލޮލުން ފޭބި ކަރުނަތައް ފެނި ހިތާމައިގެ ފުން ކަނޑަކަށް އޭނާ ގެނބުނު ފަދަ އިހުސާސެއް ކުރެވުނެވެ.

"ނަތާ...!! ބޭބީ މަރުވީ" އަޒްކާ ބުނެލިއެވެ. ނަތާޝާއަށް ޝޮކެއް ލިބުނު ކަހަލައެވެ. ވަގުތުން އޭނާ ހުއްޓުން އެރިއެވެ. އަޒްކާ ނަތާޝާގެ ކޮނޑުގައި ބޯއަޅާލިއެވެ. ނަތާޝާ ފެނުމުން އަޒްކާއަށް މާބޮޑަށް އަސަރުކޮށްފިއެވެ. އެތައް ސަތޭކަ ޓަނުގެ ވޭން ހަށިގަނޑާއި ވަކިވެއްޖެ ކަމުގެ އިހުސާސްވެ ހައްޓަށް ލުއިކަމެއް އިހުސާސް ކުރެވުނެވެ. ދެލޯ ކައިރި ފޮހެލަމުން ނަތާޝާ އަޒްކާގެ ދެލޯ ކައިރި ލޯތްބާއެކު ފޮހެލިއެވެ. އަޒްކާގެ އަތުގައި ހިފައިގެން ގޮސް ހުއްޓުނީ ޙައްވަ ކުރިމަތީގައެވެ.

"ނަތާއަށް އިނގޭ ޙައްވައްތަ ތެދު ހާމަނުކުރީ އަޒްކީ ބުނެގެންކަން. ނަތާގެ ހިތުގައި ޙައްވައްތައަށް އެއްވެސް ބުރަކަމެއްނެތް. ހަމަ އެންމެ ހުއްދައެއް ބޭނުމީ..." ޙައްވަގެ އަތުގައި ހިފާލަމުން ނަތާޝާ ބުނެލިއެވެ.

ޙައްވަ އިސްއުފުލާ ނަތާޝާއަށް ބަލައިލިއެވެ. ކައިރީގައި ހުރި އަޒްކާވެސް ބަލައިލީ ނަތާޝާ އޭނާއާއި އެކުގައި އަޒްކާ މާލެ ގެންދަން އުޅެފާނެތީއެވެ.

"ކޮން ހުއްދައެއް...؟" ޙައްވަ އަހައިލިއެވެ.

"ނަތާ ފުރަންވަންދެން މިގޭގައި އަޒްކީ ކައިރީގައި ހުންނަން ބޭނުމީ" ނަތާޝާ އެދުނެވެ. ވަގުތުން ޙައްވަ ބޯޖަހައިލިއެވެ.

"ދިޔައީ އިނގޭ ނަތާ. ޙައްވައްތާ ފަހުން އަންނާނަން އިނގޭ..." އޭނާ އެތަނުގައި ހުރުމުގެ އެއްވެސް ބޭނުމެއްނެތޭ ހިތަށް އެރުމުން ނިރާޝް ކުރިއަށް ޖެހިލާފައި ވާހަކަދެއްކިއެވެ. އަޒްކާ ބަލައިލިއެވެ. ނިރާޝް ހުރިކަން ނަތާޝާ ހަނދާންވިއެވެ. ނިރާޝް ބަލައިލި ހިނދު އަޒްކާގެ ދެލޮލާއި ނިރާޝްގެ ދެލޯ ބައްދަލުވެގެން ދިޔައެވެ. ނިރާޝްގެ ދެލޮލުގައި އެތައް ޝަކުވާއަކާއި ސުވާލުތަކެއް އުފެދިފައިވާނެކަން އަޒްކާއަށް އިނގުނެވެ. ނިރާޝްގެ ނަޒަރު ވަކިވަންދެން އަޒްކާ ނިރާޝްއަށް ބެލިއެވެ.

"ނޫން ނަތާ... ނަތާއަށް މިކަހަލަ ތަނެއްގައި ނުނިދޭނެ. ހެނދުނު އާދޭ. އަހަރެން އިންތިޒާރު ކުރާނަން" އަޒްކާ ދެކޮޅު ހެދިއެވެ.

"ތިއީ އަޒްކީއަށް ހީވާގޮތް. ޕްލީޒް ނަތާ ފޮނުވާލަން ނޫޅޭ. ނަތާ މިގޭގައި އަޒްކީ ކައިރީގައި އޮތަދީ..." އިތުރަށް އެއްޗެއް ބުނަން އަޒްކާ ބޭނުމެއްނުވިއެވެ. ނަތާޝާ ފޮނުވާލަން ހުދު އޭނާވެސް ބޭނުމެއްނުވެއެވެ.

މަޣްރިބް ނަމާދަށް ބަންގި ދިން ވަގުތު ރަށުގެ ބޮޑު މަގު ހުރިގޮތަށް ހިނގާފައި ދިޔައެވެ. އޭނާގެ ހިތުގައި ވަނީ އެތައް ސުވާލުތަކެއް އުފެދިފައެވެ. މިއަދު އޭނާއަށް އަޒްކާއާއި ބެހޭގޮތުން އިނގިގެން އެދިޔައީ އާ ކަންތައްތަކެކެވެ. އަޒްކާ ކުރިން މީހަކާއި ކައިވެނިކޮށް ދަރިއަކު ލިބުނު ކަން އޭނާއަށް އިނގުނު ހިނދު ހިތުގައި ޖެހުނެވެ. އަޒްކާގެ ހިމޭންކަމުގެ ފަހަތުގައިވާ ޙަޤީޤަތް މިހާރު އޭނާއަށް އިނގޭ ކަހަލައެވެ. އެހެން ނަމަވެސް އޭނާ ޖަވާބު ބޭނުންވާ އެތައް ސުވާލުތަކެއް ހިތުގައި ވަނީ އުފެދިފައެވެ. އެސުވާލުތަކުގެ ޖަވާބު އޭނާ ހޯދަން ބޭނުންވަނީ އަޒްކާގެ ފަރާތުންނެވެ. އުފެދުނު އަނެއް ސުވާލަކީ އޭނާއަށް އަޒްކާގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިދާނެބާއެވެ؟ އަދި އޭނާއަށް ނޭނގޭ ކިތައް ކަންތައް އަޒްކާއާއި ގުޅިފައި ވޭބާއެވެ.

ޙައްވަ ނިދަން ވަތްއިރު ގޯތި ތެރޭގައި ހުރި ޖޯލިފަތީގައި އަޒްކާއާއި ނަތާޝާ ވާހަކަދައްކަން ތިއްބެވެ. ފުރުމުގެ ކުރިން އޭނާއަށް އަޒްކާއާއި އެކީގައި ހޭދަކޮށްލަން ލިބިފައިވަނީ ވަރަށް މަދު ވަގުތުކޮޅެކެވެ. އޭނާ ބޭނުންވަނީ ހުރިހާ ވަގުތެއް އަޒްކާއަށް ހުސްކުރާށެވެ.

"ނަތާ މެރީކުރީތަ މިހާރު..؟" އަޒްކާ އަހައިލިއެވެ.

"ނުކުރަން. ބަޓް ސޫން އައި ވިލް. އަޒްކީ ގެންދާނަން އެދުވަހަކުން" ނަތާޝާ ވާހަކަދެއްކިއެވެ.

"އެންމެން ރަނގަޅުތަ...؟ ކޮބާ ފަޒާ މިހާރު...؟" އަޒްކާ އަހައިލިއެވެ.

"އެންމެންވެސް ރަނގަޅު. ފަޒާދައްތަ ހުންނަނީ ބޭރުގަ. ކިޔަވަނީ... ދެން އަޒްކީ ކިޔައިދީބަލަ ބޭބީއަށް ކިހިނެއްވީ...؟؟" ނަތާޝާ އަހައިލިއެވެ. ވަގުތުން އަޒްކާ އިސްޖަހައިލިއެވެ. އެވާހަކަދައްކަން އޭނާއަށް ފަސޭހައެއް ނޫނެވެ.

"އެދުވަހު ނަތާ މަންމަ.... އަހަރެން ނިކުމެ ދާނެ ތަނެއް ނެތިގެން މަގުގެ އެއްފަރާތުގައި ހުއްޓި ހުރީ. އެހެން ހުއްޓާ ނަތާމަންމައާއި ފަޒާމަންމަ ތިގެއިން ނިކުމެގެން ދިޔައީ. އޭގެފަހުން އަހަރެން ވަރަށް ވިސްނުމަށްފަހު އުޅުނީ މިސްކިތެއްގައި މަޑުކުރަން. ހިނގައިގަތްތަނާ ފަހަތުން އައީ ޙައްވައްތަ. ޙައްވައްތަ އައީ އަހަރެންގެ ހުރިހާ އެއްޗެއް ހިފައިގެން. ޙައްވައްތަ އަހަރެން ގެންދިޔައީ ޙައްވައްތަ ކުއްޔަށް ހިފާފައި ހުންނަ ކުޑަ ކޮޓަރިއަށް. އަހަރެން ވަގުތުތައް ހޭދަކުރީ އެކޮޓަރި ތެރޭގައި ވިސްނުންތަކާއި ފިކުރުތައް އެއްވެގެން ހީވީ އެކުޑަ ކޮޓަރި ތެރޭގައި އަހަރެން ނޭވާ ހާސްކޮށްގެން މަރާލާ އުޅޭހެން. ރަނގަޅަށް ނުވެސް ކެވޭ. ނުވެސް ނިދޭ. ކަމެއް ކުރަން ހިތްވަރުވެސް ނުހުންނަނީ. އެގޮތުގައި ދެ ހަފްތާ ފާއިތުވެގެން ދިޔައީ. އެއްދުވަހު ހެނދުނު ވަރަށް ގަދައަށް ބަނޑުން ތޮޅީލި. ފަހުން ބޭބީގެ އެއްވެސް މޫވްމަންޓެއް އަހަރެންނަށް ފާހަގައެއް ނުކުރެވުނު. އެހެންވެ ޙައްވައްތަ ކައިރީގައި ބުނީ. ވަގުތުން ޙައްވައްތަ އަހަރެން ގެންދިޔައީ އޭޑީކޭއަށް. އެއީ އެކޮޓަރިއާއި އޭޑީކޭ ހުންނަނީ އެއް މަގެއްގަ. އެމީހުން ވަގުތުން ސްކޭން ހަދާފައި ބުނެފި ބޭބީއެއް ނެތޭ. ވަރަށް ގިނައިރު ވެއްޖެއޭ. އަހަރެން ހާދަ ދެރައެއްވިޔޭ.... އެމީހުން އަހަރެންނަށް ބޭސްދީގެން ވިއްސުވީ. އަހަރެން އަހަރެންގެ ދަރިފުޅު ދުށިން. އުރާވެސްލިން. ޙައްވައްތަ ފޯނުން ފޮޓޯވެސް ނެގިން. ވަރަށް ލޯބި ކުއްޖެއް. އައިޒާ.... ބޭބީ ވަޅުލީ ނަން ކިޔާފައި. ޙައްވައްތަ ބުނީ ހީވަނީ ހަމަ އަހަރެން ހެންނޭ.. ޑޮކްޓަރުން ބުނީ އަހަރެން ފިކުރު ކުރާތީވެ ކަމަށޯ ބޮޑަށް ލަފާ ކުރެވެނީ..... މިރަށަށް ޙައްވައްތަ އަހަރެން ގޮވައިގެން އައީ ދިވެހި ބޭސްކުރަންވެގެން. އަހަރެން އެދުނިން ޙައްވައްތަ ކައިރީގައި އެއްވެސް މީހަކާއި ހަމައަށް އަހަރެންގެ ވާހަކަ ނުގެންދަން. ޙައްވައްތަ ހާދަ ރަނގަޅޭ...." ވާހަކަތައް ނިންމާލިއިރު އަޒްކާއަށް އިނީ ރޮވިފައެވެ. އޭނާއަށް ގިސްލެވެން ފެށުނެވެ. އެ މަންޒަރު ފެނި ނަތާޝާއަށް ވެސް ރޮވުނެވެ. އެނާ އަޒްކާގެ މޫނުގެ ދެފަރާތުގައި ހިފާފައި ކަރުނަތައް ފޮހެދިނެވެ. އަޒްކާއަށް ހިތްވަރު ދިނެވެ.

*********************

ބަދިގޭ ޒިންކު ކައިރީގައި ތަށިތައް ދޮންނަން ހުރި ނައިޝީ ސިހުނީ ފަހަތުން އޭނާގެ ހަށިގަނޑުގައި މީހަކު ދެއަތް ވަށާލުމުންނެވެ. އޭނާ ސިހުނެވެ. ނަމަވެސް އެއީ ނާހިދްގެ އަމަލެއްކަން އިނގުމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ.

"އަދިވެސް ނުނިމޭތަ...؟" ނާހިދް އަހައިލިއެވެ.

"މި ނިމުނީ. ނާހިދް ދޭ ކޮޓަރިއަށް. މިދަނީ..." ނާހިދާއި ދުރުވެލަމުން ނައިޝީ ބުނެލިއެވެ.

"ނީޑް ޓު ޑިސްކަސް އެބައުޓް..." ނާހިދް ބުނެލިއެވެ.

"އެބައުޓް....؟" ނައިޝީ އަހައިލިއެވެ.

"ކޮޓަރިއަށް އާދޭ... އޭރުން ބުނާނީ..." ނާހިދް ހިނގައިގަތުމުން ނައިޝީ އަތްމަތި އަވަސް ކޮށްލިއެވެ.

ނައިޝީ ކޮޓަރިއަށް ވަތްއިރު ނާހިދް އިނީ އެނދުގައެވެ. އޭނާގެ ދެލޯ އަމާޒުވެފައި ވަނީ ކުރިމަތީގައި ހުޅުވާފައި ހުރި ލެޕްޓޮޕަށެވެ.

"ކޮންކަމަކާއި ޚިޔާލު ހޯދާލަންތަ އުޅުނީ..؟" ނައިޝީ އަހައިލިއެވެ. ނާހިދްގެ ސަމާލުކަން ނުލިބުމުން ލެޕްޓޮޕް ލައްޕާލާފައި ދުރުކޮށްލިއެވެ.

"އާދެބަލަ އޮށޯންނަން..." ނައިޝީއަށް އުނދަގުތަކެއް ވިޔަސް ދެކޮޅު ހަދަން ނުކެރުނެވެ. ފަހަކަށް އައިސް އޭނާއަށް އަބަދު ނާހިދަށް ނޫނެކޭ ބުނުން އާންމުވެއްޖެއެވެ.

"އަހަރެން ބުނަން އުޅުނީ ހިނގާށޭ އިޝީ ޑޮކްޓަރަށް ދައްކަން. ބޭނުންވިއްޔާ މިކޮޅަށް ނުދައްކާ ލަންޑަނަށްވެސް ދެވިދާނެ. ފަސޭހަވެސް ވާނެ. އެކޮޅުގައި ކާފަވެސް ހުންނާނެ" އޭނާގެ އަތްމަތީގައި ނައިޝީ އޮށޯވެލުމުން ނާހިދް ބުނެލިއެވެ. ނައިޝީ ޚައިރާންކަމާއެކު ނާހިދްގެ މޫނަށް ބަލައިލިއެވެ. އޭނާ ޑޮކްޓަރަށް ދައްކަންޖެހޭ ސަބަބެއް ނޭނގެއޭ ބުނާ ކަހަލައެވެ.

"ކޮންކަމަކަށް ޑޮކްޓަރަށް ދައްކަންވީ...؟" ނައިޝީ އަހައިލިއެވެ.

"ޕްރެގްނުވާތީ. ވެދާނެ ދޯ މަގޭ މައްސަލައަކަށްވެސް" ނާހިދް ވާހަކަދެއްކިއެވެ. ނައިޝީގެ މޫނުމަތީގައިވާ ކުލަވަރު ބަދަލުވާން ސިކުންތެއްވެސް ނުނެގިއެވެ.

"ނާހިދް ބޭބީއެއް ބޭނުންވީތަ...؟" ނައިޝީ އަހައިލިއެވެ.

"އެހެއްނުވާނީ. އޭޖު ކަޓަނީ ވިއްޔާ... ޑޭ ވަން އިން ފެށިގެން އަހަރެން މަސައްކަތް އެބަކުރަން. އެކަމަކު އިޝީގެ ބޮޑީ އެއްވެސް ރިއެކްޓެއް ނުކުރެއެއްނު" ނާހިދް ވާހަކަދެއްކިއެވެ.

ނައިޝީއަށް ނާހިދްގެ އަތްމަތިން ތެދުވެވުނެވެ. އޭނާ ނާހިދަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އޭނާ ބޭސް ބޭނުންކުރަނީ ނަސްލު އޮޅުވާލަން ބޭނުންނުވާތީއެވެ. މި ދަނޑިވަޅުގައި އޭނާ ބަނޑުބޮޑު ވެއްޖެނަމަ ދަރިފުޅުގެ ޙަޤީޤީ ބައްޕަ ޔަޤީނެއް ނުވާނެއެވެ.

"ކިހިނެއްވީ..؟ އިޝީ އަދި ބޭނުންނުވަނީތަ...؟" ނާހިދް އަހައިލިއެވެ. ނައިޝީ ކައިރީގައި އޭނާ އިށީނެވެ.

"ބޭނުންނުވަނީކީ ނޫން. އަދި ތަންކޮޅެއް އަވަސްހެން ހީވަނީ. ޑޮކްޓަރަށް ދައްކާ ވަރެއް އަދި ނުވެއެއްނު. އަދި ދުވަސްކޮޅަކު މަޑުކޮށްލަމާ ދޯ..." ނައިޝީ ވާހަކަދެއްކިއެވެ. ނާހިދް އެގޮތާއި ރުހުނެވެ.

*******************

ނަތާޝާ ފުރުވަން ބަނދަރު މައްޗަށް ޙައްވައާއި އެކުގައި އަޒްކާވެސް ނިކުތެވެ. އެއްފަރާތުގައި ވަކިން ނިރާޝް ވެސް ހުއްޓެވެ. ބައިވެރިން ލޯންޗަށް އަރަން ފެށުމުން ނަތާޝާ އަޒްކާއާއި ކުރިމަތިލިއެވެ. އަދި އަތުގައި އޮތް ފޯނަށް ލައްވާފައިވާ ސިމްކޮޅު ނެގުމަށްފަހު ފޯން އަޒްކާއަށް ދިއްކޮށްލިއެވެ. އަޒްކާ ނަތާޝާގެ މޫނަށް ބަލައިލިއެވެ.

"މި ފޯނު އަޒްކީއަށް. މާލެ ދެވުނީމަ ބައްޕަ ކައިރީގައި ބުނެގެން އަހަރެން ފޯނެއް ހޯދާނަން. މީގަ އިންނާނެ ނަތާގެ ދިރާގު ސިމް. އެ ނަންބަރު އިނގޭނީ ހަމައެކަނި ރާދުއަށް. މީގެފަހުން މި ފޯނަކީ އަޒްކީގެ އެއްޗެއް" ނަތާޝާ ވާހަކަދެއްކިއެވެ. އަޒްކާ ކައިރީގައި ހުރި ޙައްވަގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"އެކަމަކު.. މި ފޯނުގަ ހުންނާނެއްނު ނަތާގެ މުހިންމު ޑޮކިޔުމަންޓްސް ތައްވެސް" އަޒްކާ ބުނެލިއެވެ.

"ނުހުންނާނެ. ހުންނާނީ ހަމައެކަނި ފޮޓޯތަކެއް. އަޒްކީއާއި މާލެއިން ބައްދަލުވި ދުވަހަކުން އަހަރެންނަށް ފޮޓޯތައް ލިބޭނެއްނު" ނަތާޝާ ވާހަކަދެއްކިއެވެ. އޭނާ ފަހަތް ބަލައިލީ ލޯންޗުގައި ހުރި އޭނާގެ ސްޕަރވައިޒަރ ގޮވައިލުމުންނެވެ.

"އަދި އެއްވާހަކަ. އުންމީދުކުރަން ވީ އެންމެ އަވަހަކަށް އަޒްކީ މާލެ އައިސް ނަތާއަށް ގުޅާނެކަމަށް. ދެން ދިޔައީ. ވިލް މިސް ޔޫ ސޯ މަޗް. ޓޭކް ކެއަރ. އައި ލަވް ޔޫ..." ނަތާޝާ އަޒްކާގެ ހަށިގަނޑުގައި ބައްދާލަމުން ޙައްވައާއި ސަލާންކޮށްލިއެވެ.

ޙައްވައާއި އެކުގައި އޭނާ ގެއާއި ދިމާލަށް މިސްރާބު ޖެހީ ލޯންޗު ފަޅުން ނިކުމެ މާ ސިންގާ ކަނޑުގައި ހޮޅިލާފައި ނަގަމުން ދިޔަ ރާޅުތައް ކަފަމުން ކުރިއަށް ދާން ފެށުމުންނެވެ.

ގަސް ދަށުގައި މަޑުކޮށްލައިގެން ހުރި ނިރާޝް އޭނާއަށް ފެނުނީ ވަކި ހިސާބަކަށް ހިނގި ފަހުންނެވެ. ފުރަތަމަ ފަހަރަށް އަޒްކާގެ ތުންފަތް މަތިން ނިރާޝްއަށް ހިނިތުންވުމެއް ފެނުނެވެ. އޭނާ ހުރީ ނަތާޝާ ދިން ފޯނު މޭގައި ޖައްސާލައިގެންނެވެ. ނިރާޝް ބަލައިލުމުން އޭނާ ނިރާޝްއަށް ވެސް ހިނިތުންވުމެއް ދިނެވެ. އަޒްކާ އެދިން ހިނިތުންވުން އޭނާގެ ހިތުގެ އެންމެ ފުނުގައި ރައްކާކުރިއެވެ.

ރޭގަނޑުގެ ކެއުން ކުރިއަށް ދިޔައިރުވެސް އަޒްކާއަށް މޭޒު ކައިރީގައި އިނދެވުނީ ނަތާޝާ ދިން ފޯނަށް ބަލަހައްޓައިގެންނެވެ. މާލެ ދެވުނުހާ އަވަހަކަށް ނަތާޝާ ގުޅާނެކަން އިނގޭތީ އޭނާ އިނީ ތައްޔާރުގައެވެ. ޙައްވައާއި ޙަމީދު އެކަކު އަނެކަކަށް ނަޒަރެއް ބަދަލުކޮށްލިއެވެ.

"ދަރިފުޅު އުފަލުންތަ ތިނީ.." ޙައްވަ އަހައިލިއެވެ. އަޒްކާ ބޯޖަހައިލިއެވެ.

"މާތްﷲ ގެ ރަޙްމަތްފުޅު މީހުންގެ މައްޗަށް އޮށްސަވާގޮތް ތި ފެންނަނީ. ހެޔޮލަފާ ރަޙްމަތްތެރިއެއް މިދުނިޔެ މަތިން މިންވަރު ކުރައްވާނީ ނަސީބުވެރިޔަކަށް. އެކަހަލަ ރައްޓިއްސެއް ލިބުން އެއީ ތިމާ މީހާއަށް މާތްﷲ ދެއްވި ނިޢުމަތެއް" ޙައްވަ ވާހަކަދެއްކިއެވެ. އަޒްކާ އިނީ އަޑުއަހާށެވެ.

"ޙައްވަ ތިބުނީ ތެދެއް. ނަތާ ކަހަލަ ރައްޓިއްސެއް އަޅުގަނޑަށް ދެއްވީތީ އެކަލާނގެއަށް ޝުކުރުކުރަން. އެކަމަކު... ނުޝައިބާއްތަމެން އަޅުގަނޑަށް ވަރަށް ނަފްރަތުކުރޭ... އެހެންވެ ވަރަށް ބިރުގަނޭ...." އަޒްކާ ވާހަކަދެއްކިއެވެ.

"އެއީ މައްސަލައެއްނޫން. ދުނިޔޭގައި އެކަހަލަ މީހުން އުޅޭނެ. ކޮންމެސް ދުވަހަކުން ޙަޤީޤަތް އިނގޭނެ. ދަރިފުޅުގެ ތި ބަނަ ދުވަސްތައް ފަސްދީ ކުރިއަށް ދިޔުމަށް އެހީވެދޭނެ ކުއްޖަކަށް އެ މަންޖެވާނެ" ޙައްވަ ވާހަކަދެއްކިއެވެ.

"މާލެ ފުރަން ބޯޓުގަ ނަން ނޯޓު ކުރަންވީ ދޯ..." ޙަމީދު ބުނެލިއެވެ. ވަގުތުން އަޒްކާ ޙަމީދަށް ބަލައިލިއެވެ. އޭނާ ލަސްލަހުން ބޯޖަހައިލިއިރު ހިތުގައި ނުތަނަވަސް ކަމެއް ވިއެވެ. ނާހިދާއި އެއްފަސްގަނޑަކަށް އެރެން އުޅޭތީ ހިތް އަވަސްވެލިއެވެ.

*******************

ނާހިދާއި އެކުގައި ބޭރަށް ދާން ނައިޝީ ނިކުތީ ގަޔާވެގެނެއް ނޫނެވެ. މަގުމަތިން މާހިލް ފެނި އޭނާގެ ބޮލުގެ ރިހުން ހައްތަހާ ގަދަވާނެތީ އޭނާ ބޭނުންވަނީ އަބަދު ގޭތެރޭގައި އޮންނާށެވެ. ނަމަވެސް ނާހިދްގެ އުފަލަށްޓަކައި އޭނާ ތައްޔާރުވެގެން ނިކުމެ ނާހިދްގެ ސައިކަލް ފަހަތަށް އެރިއެވެ.

މަގު ކަންމަތީގައި އެކުވެރިންތަކަކާއެކު ދަޅެއް ހިފައިގެން ހުރި މާހިލްއަށް ނާހިދްގެ ފަހަތުގައި ހެދިލައިގެން އިން ނައިޝީ ފެނުމުން އެތެރެ ހަށީގައިވާ ލޭތައް ކެކިގަތެވެ. އޭނާ މައްސަލައެއް ނޫންކަމަށް ހަފާދައި އަޅާނުލާން އުޅުނަސް ހިތަށް އުނދަގުތަކެއް ވާން ފަށައިފިއެވެ. އޭނާ ނައިޝީއާއި ގަދަކަމުން ގުޅުން ހިންގި ކަމުގައި ވިޔަސް އޭނާގެ ހިތުގައި އޭނާއަށް ވެސް ނޭނގި ނައިޝީގެ ނަން ރަން އަކުރުން ފެވެމުން ދިޔައެވެ. އޭނާގެ ހިތުގައި ނައިޝީއަށް ހާއްސަ ޖާގައެއް ހެދުނެވެ.

"ހޮޓް ޗިކެއް ދޯ..." މާހިލް ބަލައިލީ އޭނާގެ ކޮނޑުގައި އެތަނުން އެކުވެރިޔަކު ހިފާލާފައި ވާހަކަދެއްކުމުންނެވެ. އެ އެކުވެރިޔާ އިޝާރާތްކޮށްގެން ހުރި ދިމާލަށް އޭނާ ބަލައިލިއިރު ނާހިދް ފަހަތުން މޭވާއާއި ތަރުކާރީ ވިއްކާ ފިހާރައަށް ނައިޝީ ވަންނަނީއެވެ. އެކުވެރިޔާގެ އެ ސަމާސާ މާހިލްއަށް ކަމުނުދިޔައެވެ. އޭނާ އަތުގައި އޮތް ދަޅު މަގުމައްޗަށް އެއްލާލުމަށްފަހު ހިފީ އެކުވެރިޔާ ލައިގެން ހުރި ޓީޝާޓްގެ ކަރު ވަޅުގައެވެ. އެވަގުތު ތަނުގައި ހަރުލާފައިވި މަޖާގަނޑަށް ހުއްޓުމެއް އައިސް ސީރިޔަސްކަން މާހައުލުގައި ވަށައިލިއެވެ. މާހިލްގެ ދެލޮލުން އަލިފާން ކަނި ބުރާ ކަހަލައެވެ.

(ނުނިމޭ)