އއ. އުކުޅަސް

އުކުޅަސް ކޮންވެންޝަން ސެންޓަރު ހުޅުވައިފި

މަރިޔަމް ޝަހުދާ

އއ. އުކުޅަހުގައި ސަރުކާރުން އިމާރާތްކުރި ކޮންވެންޝަން ސެންޓަރު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ކޮންވެންޝަން ސެންޓަރަކީ، ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން އަމީން ކޮންސްޓަރްކަޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އިމާރާތްކުރި ތަނެކެވެ.

މިއަދު ހެނދުނު އުކުޅަހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކޮންވެންޝަން ސެންޓަރު ހުޅުއްވައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ 400 މީހުންގެ ޖާގައިގެ މި ކޮންވެންޝަން ސެންޓަރު ހެދުމުގެ މަޝްރޫއަކީ މިހާތަނަށް އެންމެ ބާރު ސްޕީޑްގައި ނިމިގެން ދިޔަ މަޝްރޫއު ކަމަށެވެ.

އުކުޅަހުގައި މިއަދު ކޮންވެންޝަން ސެންޓަރު ހުޅުވުމަށް ފަހު އެތަނުގައި ވަނީ އުގެއިލް ފައުންޑޭޝަނުން ރާއްޖޭގައި އާޓިފިޝަލް އިންޓެލިޖަންސް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ އުކުޅަސް ޓެކް ފެއާ 2019ގެ އިތުރުން އިންޓަނޭޝަނަލް ވޯކްޝޮޕް އޮފް އެޕްލައިޑް އާޓިފިޝަލް އިންޓަލިޖަންސް 2019 އަދި ސްކީމާ 2019 ފަށާފައެވެ. މިއީ މިއަދުން ފެށިގެން 28 އޮގަސްޓްގެ ނިޔަލަށް އުކުޅަސް ކޮންވެންޝަން ސެންޓަރުގައި ކުރިއަށް ގެންދާ އިވެންޓެކެވެ.