ވ. ފުލިދޫ

ކުށެއް ކުރަން އުޅޭކަން އެނގިއްޖެނަމަ އަމަލު ކުރަން ޖެހޭނެ ގޮތް ދަރިވަރުންނަށް ބުނެދީފި

ފަތޯނާ ފާއިޒު

ކުށެއް ކުރަން އުޅޭކަން އެނގޭނަމަ އަމަލު ކުރަން ޖެހޭނެ ގޮތް ބުނެދިނުމަށް ވ. އަތޮޅު ފުލިދޫގައި ހުންނަ އެ އަތޮޅުގެ މަދަރުސާގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

އެ ޕްރޮގްރާމުން ހިންގާފައިވަނީ ވ. އަތޮޅު ޖެންޑަރއިން އިސްނަގައިގެން، ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި ވ. އަތޮޅު ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެންނެވެ. މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ވ. އަތޮޅު މަދަރުސާގެ މުދައްރިސުންނާއި ބެލެނިވެރިން އަދި ދަރިވަރުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް ފުލުހުން ބުނެއެވެ.

މި ޕްރޮގްރާމުގައި ވ. އަތޮޅު މަދަރުސާގެ ގުރޭޑް ހައެއް، ހަތެއް، އަށެއް، ނުވައެއް އަދި 10 ގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަންތަކުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ މުހިންމު ކަމާއި، އެ ހައްގުތައް ރައްކާތެރި ކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި، ކުށްމަދު މުޖުތަމައެއް ބިނާކުރުމަށް ދަރިވަރުންގެ ފެންވަރުގައި ކުރެވޭނެ މަސައްކަތްތަކާއި، ކުށެއް ކުރަން އުޅޭކަން ނުވަތަ ކުށެއް ކުރާކަން އެނގޭ ނަމަ އަމަލު ކުރަން ޖެހޭ ގޮތްތައް ބުނެދީ ދަރިވަރުން ހޭލުންތެރި ކުރުވާފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މުދައްރިސުންނަކީ ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާ ބައެއްކަމަށް ވެފައި މުދައްރިސުން ދަރިވަރުންނަށް ނަމޫނާ ބަޔަކަށް ވާން ޖެހޭ ކަމަށާއި ދަރިވަރުންގެ މެދުގައި ތަފާތު ކުރުން ނުގެންގުޅުމަށާއި، ގަނާކުރުން ފަދަ އަމަލެއް ހިނގާކަމަށް ފާހަގަ ކުރެވޭ ނަމަ މުދައްރިސުން އަމަލުކުރަން ޖެހޭނެ ގޮތްތަކާއި އެކަމުން ދަރިވަރު ސަލާމަތް ކުރުމަކީ މުދައްރިސުންގެ ދައުރެއް ކަމަށް، އެ ޕްރޮގްރާމްގައި ހަނދާން ކޮށްދީފައިވެއެވެ.

ކުށްތަކުން ދުރު އަމާން މާހައުލެއް ހުޅުވިގެން ދާނީ މުޖުތަމައަށް ނިކުންނަ ދަރިވަރުންގެ ސިކުނޑިތައް ކުށްތަކުން ދުރުކޮށްގެން ކަމަށާއި ދަރިވަރުންގެ މެދުގައި އިހްތިރާމް ކުރުމާއި ރިވެތި އަޙްލާގުގެ ވެރި ބަޔަކަށް ދަރިވަރުން ހެދުމަށް ކުރެވޭނެ ކަންކަމާ ގުޅޭ މައުލޫމާތު މުދައްރިސުންނަށް ދީފައިވެއެވެ.

މި ޕްރޮގްރާމުގައި، ބެލެނިވެރިންގެ ދައުރަކީ ކޮބައިކަމާއި، ދަރިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅޭނެ އުކުޅުތަކާއި، ފުރާވަރަށް އަންނަ ކުދިންގެ މައްސަލަތައް ހައްލު ކުރުމަށް ކުރެވޭނެ ކަންކަމާއި، ދަރިންނާއި މައިންބަފައިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.