ދުނިޔެ

އިޓަލީގައި ތިން ވަނަ ދަރިއެއް ހޯދާ ފަރާތްތަކަށް ބިމެއް ދެނީ

އިޓަލީގެ އާބާދީ ދައްވަމުން ދާތީ، ތިންވަނަ ދަރިއެއް ހޯދާ އާއިލާތަކަށް ބިމެއް ދޭގޮތަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އިޓަލީގެ ސަރުކާރުން ނިންމި މި ނިންމުން ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައެވެ. އެ ނިންމުމުގައި ވާގޮތުގައި 2019 އާއި 2021 އާ ދޭތެރޭ ތިން ވަނަ ދަރިއެއް ހޯދާ ފަރާތްތަކަށް ދަނޑުގޮވާން ކުރުމަށް 20 އަހަރުގެ މުއްދަތަށް ބިން ދޭނެއެވެ.

އިޓަލީއަކީ ޔޫރަޕުގައިވެސް އެންމެ ވިހާރޭޓް ދަށް ގައުމެވެ. އިޓަލީގެ ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ވިދާޅުވި ގޮތުގައި އެންމެންވެސް އިޓަލީ މީހުން މާ މަދުން ވިހާ ވާހަކަ ދައްކާތީ އެކަން ބަދަލު ކުރަން މުހިއްމު ފިޔަވަޅުތަކެއް އަޅަން ޖެހުނީ އެވެ. އެހެންވެ މިއީ ހާއްސަކޮށް ރޫރަލް ސަރަހައްދުތަކަށް އަމާޒުކޮށް ނިންމި ނިންމުމެއް ކަމަށެވެ.

މިދިޔަ އަހަރު އިޓަލީގައި އުފަންވެ ރަޖިސްޓަރީ ކޮށްފައި ވަނީ 464000 ކުދިންނެވެ. އެއީ ޔޫރަޕްގެ އެހެން ގައުމު ތަކާ އަޅާ ބަލާއިރު ވަރަށް ދަށް އަދެދެކެވެ.