ސަރުކާރުން، ފިނޭންސް މިނިސްޓަރު ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 1.7 ބިލިއަން ރުފިޔާކަން ހާމަވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް މި ފޮނުއްވީ މި އަހަރު ހިނގާނެ ކަމަށް ލަފާކުރެވޭ ހަރަދު، ކުރީން ފާސްކޮށްފައިވާ ބަޖެޓަށް ވުރެ އިތުރުވާނެތީ އެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސަޕްލިމެންޓަރީ ބަޖެޓުގެ އަދަދަކީ، 1،703،198،070 އެވެ.
ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅާފައި މިވަނީ، މި އަހަރަށް އަމާޒުކޮށް 30.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ފާސްކޮށްދީފައި ވަނިކޮށެވެ.
ސަރުކާރުން ބުނީ، ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅީ އެ ބަޖެޓް ހުސްވެގެން ނޫން ކަމަށާއި، މިހާތަނަށް އެ ބަޖެޓުން ހަރަދު ކޮށްފައިވަނީ 14.7 ބިލިއަން ރުފިޔާ ކަމަށެވެ.
ނަމަވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމީ ކޮންޓިންޖެންސީއަށް ވުރެ ބޮޑު އަދަދެއް ކޯޓުތަކުން ކުރާ ހުކުމްތަކާއި އެނޫން ގޮތްގޮތަށް ބަދަލުގެ ގޮތުގައި ސަރުކާރުގެ ބަޖެޓުން ދައްކަން ޖެހިފައިވާ މައްސަލައިގައި ބަޖެޓުން ފުރުސަތު ހޯދުމަށް ކަމަށްވެސް މި ބަޖެޓް މަޖިލީހަށް ފޮނުވަމުން ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި މިފަދަ ބަޖެޓެއް ހުށަހެޅުމުގެ މަގުސަދަކީ، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދު ތަކުގެ ތެރެއިން މެނިފެސްޓޯގައި ހިމެނޭ ބޮޑެތި ޕްރޮޖެކްޓްތައް ފެށުން ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.
ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް މިއަދު ހުށަހެޅުމުން، ބަޖެޓު ދިރާސާ ކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލއިްޔަތު ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީ އެކުވެގެން އެކުލަވާލާ ކޮމިޓީއަކަށް ފޮނުއްވައިފައެވެ.
މަޖިލިސް ރައީސް އެދިވަޑައިގެންފައިވަނީ ކޮމިޓީން މިއަދު ބަޖެޓްގެ މަސައްކަތް ނިންމަވައި މާދަމާ އޮންނަ މަޖިލީހަށް ކޮމިޓީގެ ރިޕޯޓް ހުށަހެޅުއްވުމަށެވެ.