މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 32

އަބްދުﷲ ފާރޫގް ހަސަން

ނެރުމަގު ކެހުން

(20 އޯގަސްޓުގެ އަދަދާ ގުޅޭ)

މަލިކުމީހުންގެ އާދަކާދައިގެ ތެރެއިން އެބައިމީހުން ޚާއްޞަ ގޮތެއްގައި ފާހަގަކުރާ ކަންތައްތަކުގެ ތެރޭގައި، ނެރުމަގު ކެހުން ހިމެނެއެވެ. މިކަމަކީ ރަށުގެ ހުޅަނގު ފަރާތުގައި އޮންނަ އެރަށުގެ ފަޅަށް ވަދެވޭން ހުންނަ ނެރުތައް ތިލަވިޔަނުދީ ބެލެހެއްޓުމުގެ ގޮތުން ނެރު ސާފުކުރުމަށް ކުރާ ކަމެކެވެ. ނަމަވެސް މިކަމާ ދޯނިފަހަރު ވާދަޖެހުމާ ގުޅުވުމުގެ ސަބަބުން ކުޅިވަރެއްގެ ސިފައާއި އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތް މިކަމަށްވަނީ އައިސްފައެވެ.

މަލިކުގައި ނެރުމަގު ކަހާ ދުވަހަކީ ވަރަށް ޚާއްޞަ ދުވަހެކެވެ. ޒުވާނުންނާއި ކުޑަކުދީންނަށް އަންނަ ޢީދުދުވަހެއް ކަހަލަ ދުވަހެކެވެ. އެދުވަހު ބޮޑެތި މީހުންނާއެކު މޫދަށްގޮސް ބޮލިހޮވުމާއި، މޫދަށް އެރުމާ މިފަދަ ކުޅިވަރުތަކުގައި ބައިވެރިވެވޭތީއާއި އެދުވަހަކީ ހުރިހާ އޮޑިވެރި ގެއެއްގައި ޚާއްޞަ ގޮތަކަށް ކައްކާ ދުވަހަކަށްވާތީއެވެ.

ނެރުމަގު ކެހުން އޮންނަނީ ކޮންމެ އަހަރަކުވެސް ވިހާނަކަތުގެ ނުވަތަ ނޮރަނަކަތުގެ އެންމެބޮޑަށް ދިޔަވަރުހިކޭ ދުވަހެއް ބަލައިފައި އެދުވަހަކުއެވެ. ޢާންމުކޮށް މިކަން ކޮށްއުޅެނީ އެނަކަތުގައި އެންމެ ބޮޑަށް ދިޔަވަރުހިކޭ، ހުކުރުދުވަހެއްގައެވެ.

ކޮންމެ އަހަރަކުވެސް މާނަކަތް ލައިގަތުމާއެކު މަލިކުގެ ހުރިހާ ކެޔޮޅުންގެ ބައްދަލުވުމެއް ބާއްވައެވެ. މިބައްދަލުވުން އޮންނަނީ އެރަށުގެ ކެޔޮޅުންގެ ވެރިޔާ އަދި އާރުކާޓީގެ ވެރިކަމުގެ ދަށުގައެވެ. މިޖަލްސާގައި ނެރުމަގު ކަހާނެ ދުވަހެއް ކަނޑައަޅައެވެ. އެދުވަހަކަށް ރަށުގެ ހުރިހާ މަސްއޮޑިފަހަރުގެ ވެރީންނާއި ފަޅުވެރީންނާއި ރައްޔިތުން ނެރުމަގު ކަހާން ތައްޔާރުވެއެވެ.

ނެރުމަގު ކަހަންދާ އެންމެންނަށް އެ ދުވަހެއްގެ މެންދުރު ކެއުން އޮންނަނީ އޮޑިވެރިގެއިންނެވެ. މީހެއްގެ އަމިއްލަ މަސްއޮޑިއެއް ނަމަ އެމީހަކު އެކަމަށް ޚަރަދުކުރެއެވެ. އަވަށެއްގެ މަސްއޮޑިއެއް ނަމަ އަވަށުގެ ފަރާތުން އެކަމަށް ޚަރަދުކުރެއެވެ.

އިހުޒަމާނުގައި މަލިކުގައި އެންމެ ގިނައިން މަސްއޮޑި ހުރި ދުވަސްވަރު މަލިކުގައި ހުރިކަމަށްވަނީ 18 މަސްއޮޑިއެވެ. ނަމަވެސް މިހާރު މަލިކުގައި 33 ކެޔޮޅުން އެބަތިއްބެވެ. މަހަށްދާ އިންޖީނުލީދޯނި (މަލިކުމީހުން ކިޔާ ގޮތަށް ދަންނަވާނަމަ ލާންޗި) ވެސް އެޢަދަދަށް އެބަހުއްޓެވެ.

ހުކުރުން ފައިބައިގެން އައިސް އޮޑިވެރިގެއިން ކައިބޮއި ހަދައިގެން އޮޑިފަހަރަށް މީހުން އަރައިގެން ދަނީ ނެރުމަގަށެވެ. ނެރުމަގަށް ދާއިރު ކޮންމެ އޮޑިޔަކާއެކު ކުޑަ ބޮއްކުރައެއް ގެންދެއެވެ. ނެރުކަހަން ބޭނުންކުރާނެ ތަކެއްޗާއި، ނަގާ ގާ އަޅާނެ މުޅޯށި ގެންދެއެވެ.

މިސިލްސިލާގައި މީގެ ކުރިންވެސް ބަޔާންކޮށްފައިވާނެ ފަދައިން މަލިކު ފަޅުތެރެއަށް ވަދެވޭން އޮންނަނީ ހަތަރު ނެރެވެ. އެއީ ސާލުމަގާއި ކަނޑިންމަމަގާއި ނެރުމަގާއި ފޯޗަންޗޯރުމަގެވެ. ނެރުކަހާ ދުވަހު މިހަތަރު ނެރުމެ ކަހައެވެ. ނަމަވެސް އެންމެ އިސްކަންދޭ އެންމެ މުހިންމު ނެރަކީ ނެރުމަގެވެ.

އޮޑިފަހަރު ނުވަތަ "ލާންޗިފަހަރު" ގައި ނެރުމަގު މައްޗަށް ގޮސް ދިޔަވަރު އެންމެބޮޑަށް ހިކުނީމާ ނެރުކަހަން ފަށަން ކެޔޮޅުންގެ ވެރިޔާ އަމުރުކުރެއެވެ. ދެން އެވީ އެބަޔަކު ސާފުކުރަން ހަމަޖެހިފައިވާ ނެރެއް ސާފުކުރުމުގެ މަސައްކަތް ފަށާށެވެ. ފީނައިގެން އަޑިޔަށް ގޮސް ގާތަކާއި މުރަކަތައް ނަގައި މުޅޯއްޓަށް އަޅައިގެން ގެންގޮސް އަޅަނީ އެކަމަށްޓަކައި ގެނެސްފައި އޮންނަ ކުޑަ ބޮއްކުރަޔަށެވެ. ބޮއްކުރާ ބަރުވުމުން ގެންގޮސް ނެރާދުރަށް ގާތައް އޮއްސާލަނީއެވެ.

ނެރުމަގު ކެހުމުގެ މަސައްކަތް ފުރިހަމަވަނީ ފަޅުތެރެއިން ނެރުތަކާ ހަމައަށް ދެވޭން އޮންނަ މަގުގެ އެކި ހިސާބުހިސާބު ގައްޔާއި، ފަޅުތެރޭގައި ހުންނަ އޮޑިދޯނިފަހަރު ބީހޭ ވަރުގެ ގާގަލުގައި ކަނި (ހޭރި) ޖެހުމުންނެވެ. ހޭރީގެ ގޮތުގައި ޖަހަނީ ރުއްގުޅިޔާއި މިދިލިގަސް ފަދަ ތަކެއްޗެވެ. މިދަންނަވަނީ އެކިއެކި މަގު (ނެރު) ތަކުގައި ޖަހަންޖެހޭ ހޭރިތަކާއި ހޭރިޖަހަންޖެހޭ އޮޑިފަހަރުގެ ނަމެވެ.

ނެރުމަގުގައި ހުންނަ ޚާއްޞަ ކަނިތައް:

1. ބޭރުކަނި ރަށްމެދުބޯޓު
2. ގޮނޑުކަނި އައުމަގުބޯޓު (އަގަރުތަލަ)
3. ބާޑަދަށުކަނި ވެލާގޭބޯޓު
4. ފުއްލަހިމެރިކަނި ނޫމަސްބޯޓު
5. ބޯފެޅިކަނި ސޭޑިވަޅުބޯޓު
6. ރިތްޖެހިކަނި ކައްލިކަބޯޓު
7. ޓަންގިކަނި އޮޑިވަޅުކަޏާރުބޯޓު
8. ބޯފެޅިކަނީގެ ގޮނޑުދޮށުކަނި (ކޮޅުގެދޮރުބޯޓު)
9. ހުރަހުކަނި އޮޅުގެބޯޓު
10. ދެބައިންބައިކަނި ފަލައްސޭރިބޯޓު
11. އެއްގައުތުރަކަނި ބާޑަބޯޓު
12. ހިރީކަނި ބޮޑުއަތިރީބޯޓު

ކަނޑިންމަމަގުގައި ހުންނަ ޚާއްޞަ ކަނިތައް:

1. ކަނޑިންމަބޭރުކަނި ފުންހިލޯޅުބޯޓު
2. ކަނޑުބެގަލުކަނި ކެނޑިޕާޓީބޯޓު
3. މެދުކަނި މާވަޑިބޯޓު
4. ދޯނިގަލުކަނި ކުދެހިބޯޓު
5. ދޮޅީކަނި ހެއްޔޯބޯޓު
6. ދޭތެރެތަރަގަނޑުކަނި ތަކަންދޫބޯޓު
7. މުގުރާންލާ ތަރަގަނޑުކަނި ކިރާގޯތިބޯޓު
13. ކެޔޮޅުބޭ ތުރާކަނި ދިއްލީބޯޓު

ސާލުމަގުގައި ހުންނަ ޚާއްޞަ ކަނިތައް:

1. ވައްގަލުހިރީކަނި ދިވެހިބޯޓު
2. ގައުބައިކަނި މިސަބާވަގޯތިބޯޓު
3. ތިލަހިރިކަނި ރޭވަގޯތިބޯޓު
4. ހިރީކަނި މަލިންގޭބޯޓު

ފޯޗަންޗޯރުމަގުގައި ހުންނަ ޚާއްޞަ ކަނިތައް:

1. ބޭރުކަނި ފުއްރުވާބޯޓު
2. ގޮނޑުކަނި ކަޅިބިލަބޯޓު
3. ދޮޅީކަނިގަނޑު އަސްރަފުބޯޓު
4. މެދުކަނި ފަތްމިނިބޯޓު
5. ކަނޑާތާކަނި ހުނޑިކާބޯޓު
6. ހަރުފުންތަރަކަނި އައުމަގު ތަޤްދީރުބޯޓު
7. ބަރިބުތަރަކަނި ކިރުބުއިބޯޓު
8. ދޭތެރެހިރީކަނި އަތިރިމެދުގޭބޯޓު
9. ދޭތެރެތަރަނގަޑުކަނި ޤާއިމުބޯޓު
10. ކަނބޯގޯތީ އޮޑިހިރީކަނި ކަށިކެއުބޯޓު

ކަނިތައް ޖަހައި ނެރުތައް ސާފުކޮށް ނިމުމުން ކެޔޮޅުންގެ ވެރިޔާ "އޮޑިޔަށް/ބޯޓަށް އަރައު" މިގޮތަށް އަމުރު ކުރުމުން އެ ބަޔަކަށް ވީހާވެސް އަވަހަކަށް އޮޑިފަހަރަށް އަރައިގެން ރަށަށް އަންނަނީ ވާދަ ޖަހާފައެވެ. މިމަންޒަރު ބެލުމަށްޓަކައި ރަށުގެ މީހުން އަތިރިމައްޗަށް ނުކުމެއެވެ.

(ނުނިމޭ)