ދުނިޔެ

ކޮއިމްބަތޫރު، ޓަމިލް ނާޑޫ އަދި ޗެންނާއީ ހައި އެލާޓުގައި!

ޓަމިލް ނާޑޫއަށް ޓެރަރިސްޓުންތަކެއް އެތެރެވެފައިވާ ކަމުގެ އިންޓެލް ރިޕޯޓަކާ ގުޅިގެން ކޮއިމްބަތޫރު، ޓަމިލް ނާޑޫ އަދި ޗެންނާއީ ހައި އެލާޓަށް ގެނެސް ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފިއެވެ.

މަސްދަރުތަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން، ލަންކާއިން ކަނޑުމަގުން އެތެރެވެފައިވަނީ ލަޝްކަރީ ތޮއިބާ (އެލްއީޓީ)ގެ ޓެރަރިސްޓުންގެ ގުރޫޕެކެވެ. ހަ މީހުން ހިމެނޭ އެ ގުރޫޕުގައި ހިމެނެނީ ލަންކާގެ ފަސް މީހަކާއި ޕާކިސްތާން މީހެކެވެ.

އެލާޓާއި ގުޅިގެން ކޮއިމްބަތޫރަށް ދާން އޮންނަ މައިގަނޑު 14 މަގެއްގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ. އަދި ސިފައިންގެ ޔުނީފޯމާއި އާދައިގެ ހެދުމުގައި އުޅޭ 2000 އަށްވުރެ ގިނަ އޮފިސަރުން ވަނީ މަގުތަކަށް ނެރެ ފޯރިމަރަން ފަށައިފައެވެ.

ކޮއިމްބަތޫރުގެ ޕޮލިސް ކޮމިޝަނަރު ސުމިތް ސަރަންއާ ހަވާލާދީ އޭއެންއައި ނޫހުގައި ބުނެފައިވަނީ، ހޮޓެލްތަކާއި އެއާޕޯޓްތަކާއި ރެއިލްވޭ ސްޓޭޝަން ތަކުގެ އިތުރުން ތިއޭޓަރުތަކާއި މޯލްތަކާއި އަދި އަޅުކަންކުރާ ތަންތަނުގެ ސެކުއިރިޓީ އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ. ނަމަވެސް ނުރައްކާތެރި ހާލަތެއް އަދި ނާންނަ ކަމަށާއި އެއްވެސް ކަމަކާ ހާސް ނުވުމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"މައުލޫމާތެއް ލިބިގެން ފައުޖުތައް ވަނީ އެލާޓަށް ގެނެސްފައި. އަހަރެމެން އާންމުންގެ ފަރާތުން އެދެނީ ޝައްކުކުރެވޭ އެއްވެސް ކަހަލަ މީހަކު ނުވަތަ ޝައްކުކުރެވޭ އެއްވެސް ކަހަލަ ކަމެއް އުޅެންޏާ ފުލުހުންނަށް އެކަން އެންގުން،" ޓަމިލް ނާޑޫގެ އިސް ފުލުސް އޮފިސަރަކު އެންޑީޓީވީއަށް ވިދާޅުވިއެވެ.