އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ނިންމާފައިވާ ފަތުވާއެއް އާންމުވެއްޖެ އެވެ.
"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި އެ ފަތުވާއަކީ، އަންހެނުން ގާޒީ ކަމަށް އައްޔަން ކުރުމާ ގުޅޭ ގޮތުން، ރައުޔަކަށް އެދިވަޑައިގެން މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، ހުށަހެޅުއްވުމާ ގުޅިގެން ފަތުވާ މަޖިލީހުން ނިންމާފައިވާ ނިންމުމެކެވެ. އެ ނިންމުމުގައިވާ ތާރީޚަކީ މިދިޔަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހެވެ. އަދި އެ ނިންމުން ނިންމާފައި ވަނީ ފަތުވާ މަޖިލީހުގެ ފަސް މެންބަރުންގެ އިއްތިފާގުންނެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ވަކި ގާނޫނަކުން، އިސްލާމިކް މިނިސްޓަރުގެ ދަށުން މިނިވަން މުއައްސަސާއެއްގެ ގޮތުގައި، ހަމަޖައްސާފައިވާ ފަތުވާ މަޖިލިސްގައި ފަސް މެންބަރުން ތިއްބަވަ އެވެ. އެއީ، ޝެއިޚް މުހައްމަދު ރަޝީދު އިބްރާހީމް އާއި ޝެއިޚް އިބްރާހީމް އަހުމަދު އާއި ޝެއިޚް އިސްހާގު މުހައްމަދު އާއި ޝެއިޚް މޫސާ އަންވަރު ހަސަން އަދި ޝެއިޚް ހަސަން ތައުފީގު އަބްދުއްރަހުމާން އެވެ. އެ މަޖިލީހުގެ ރައީސް އަކީ ޝެއިޚް މުހައްމަދު ރަޝީދު އިބްރާހީމް އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މި މަޖިލީހަށް އަދި މިހާތަނަށް އައި އިރު އެއްވެސް ބަދަލެއް ގެންނަވާފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އެދިވަޑައިގަތުމަށް ފަތުވާ މަޖިލީހުން ނިންމި އެ ނިންމުން ފޮނުއްވާފައި ވަނީ ސީދާ އެ މެންބަރަށެވެ. އެއީ އާންމުކޮށްފައިވާ ފަތުވާއެއް ނޫނެވެ.
ފަތުވާ ދޭ މަޖިލީހުގެ ނިންމުމުގައި ބުނެފައި ވަނީ، އެ މަޖިލީހުގެ މެންބަރުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރީންގެ އިޖުމާޢު އާއި އިލްމުވެރީންގެ ބަސްފުޅުތަކުގެ އަލީގައި، އަންހެނުން ފަނޑިޔާރުކަން ކުރުމާއި ބެހޭގޮތުން އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތް ހޯދުމަށް ކުރި ދިރާސާއިން ހާމަވެ އެނގުނީ، އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭގޮތުން އިސްލާމީ ޝަރީއަތުގައި ތިން ރައުޔެއް އޮންނަކަން ކަމަށެވެ.
އޭގެ ތެރޭގައިން ފުރަތަމަ ރައުޔަކީ، "ސުންނަތް ޖަމާއަތުގެ ހަތަރު މަޒުހަބު ކަމުގައިވާ މާލިކީ މަޒުހަބާއި ޝާފިއީ މަޒުހަބާއި ހަންބަލީ މަޒުހަބާއި ހަނަފީ މަޒުހަބުގެ ގިނަ އިލްމުވެރީންނާއި ސުންނަތް ޖަމާއަތުގައި ނުހިމެނޭ ޝީޢާއިންގެ އަލްއިމާމިއްޔާއިންނާއި ޝީޢާއީންގެ ޒައިދީންނާއި ޚަވާރިޖުންގެ ތެރޭގައި ހިމެނޭ އިބާޝީންގެ ރައުޔެވެ. އެ ރައުޔުގެ ހުލާސާއަކީ، އެއްވެސް ކަހަލަ ގަޒިއްޔާއެއްގައި އެއީ މުދަލާއި ގުޅޭ ކަމަކަށް ވިޔަސް، ނުވަތަ ޤިޞާޞާއި ހައްދުތަކާއި ގުޅުންހުރި ކަމެއް ކަމުގައި ވިޔަސް، އަދި އެނޫން މައްސަލައެއްކަމުގައި ވިޔަސް، އެ މައްސަލަތައް ބަލައި ހުކުމް ކުރުމަށް އަންހެނަކާ ހަވާލުކުރުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމެވެ. މި ކަމުގައި، ހަވާލުކުރި މީހާއާއި ހަވާލުކުރެވުނު މީހާ ފާފަވެރި ވާނެ އެވެ. އަދި އެ ހުކުމަކީ، ހައްގަށް ވާސިލު ވިޔަސް، ތަންފީޒު ނުކުރެވޭނެ ހުކުމެކެވެ."
މި ރައުޔުގެ އިލްމުވެރީންގެ ދަލީލަކީ، އައްނިސާއު ސޫރަތުގެ 34 ވަނަ އާޔަތާއި އަލް ބަޤަރާ ސޫރަތުގެ 228 ވަނަ އާޔަތާއި އަލްއިމާމް އަލް ބުޚާރީގެ 4425 ވަނަ ހަދީޘާއި އަލް އިމާމް މުސްލިމްގެ 4719 ވަނަ ހަދީޘާއި 4720 ވަނަ ހަދީޘް ކަމަށް ފަތުވާ މަޖިލީހުގެ ފަތުވާގައި ބުނެފައިވެ އެވެ.
އަދި މީގެ އިތުރުން ސަލާމާއި ޞަލާމް ލެއްވި ރަސޫލާ އާއި އެކަލޭގެފާނުގެ މާތް ހަތަރު ޚަލީފާއިންނާއި ބަނޫ އުމައްޔާގެ ޚަލީފާއިންވެސް އެއްވެސް އަންހެނަކު ފަނޑިޔާރުކަމަށް އިސްކުރައްވާފައި ނުވުން ވެސް މީގެ ދަލީލު ތަކުގެ ތެރޭގައި ހިމެނޭ ކަމަށް ފަތުވާގައި ބުނެފައިވެ އެވެ.
ފަތުވާ މަޖިލީހުގެ ފަތުވާގައި ބުނެފައިވާ ގޮތުގައި އިސްލާމީ ޝަރީއަތުގެ ދެވަނަ ރައުޔަކީ، އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ހައްދުތަކާއި ޤިޞާޞް ހިފުމުގެ ގަޒިއްޔާތައް ފިޔަވައި އެހެން ހުރިހާ (އެއީ މާލީ މައްސަލަތަކާއި އަންހެނުން އާދަކޮށް ދެކެއުޅޭ މައްސަލަތަކާއި އަދި އެނޫނަސް އެފަދަ) މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ ކަމަށް ބުނާ ރައުޔެކެވެ. މިއީ ހަނަފީ މަޒުހަބުގެ މަދު އިލްމުވެރީންގެ ރައުޔެއް ކަމަށް ފަތުވާގައި ބަޔާންކޮށްފައިވެ އެވެ.
ފަތުވާގައި ބުނެފައިވާ ގޮތުގައި، މި ޤައުލުގެ އިލްމުވެރީންގެ ދަލީލަކީ، އަންހެނާގެ ހެކިބަސް ގަބޫލުކުރެވޭ ކަންކަމުގެ މައްޗަށް ޤިޔާސްކޮށް، އެކަންކަމުގައި ހުކުމް ކުރުމުގެ އިހުތިޔާރު އޭނާއަށް އޮތުމެވެ. ކީރިތި ޤުރުއާނުގެ އަލްބަޤަރާ ސޫރަތުގެ 282 ވަނަ އާޔަތުގައި މާލީ ކަންކަމުގައި ފިރިހެނަކާއި ދެ އަންހެނުންގެ ހެކިބަސް ގަބޫލުކުރެވޭ ގޮތަށް އޮތުމުން އަންހެނުންނަށް ހައްދުތަކާއި ޤިޞާޞް ހިފުމުގެ ގަޒިއްޔާތައް ފިޔަވައި އެހެން ހުރިހާ މައްސަލަތަކެއްގައި ފަނޑިޔާރުކަން ކުރެވޭނެ ކަމަށެވެ. އެއީ މާލީ ކަންތައްތަކާއި އަންހެނުން އާންމުކޮށް ދެކެއުޅޭ ކަންތައްތައް ކަމުގައިވާ ހައިޟު ނިފާސާއި ބަލިވެ އިނުމާއި ކިރުދިނުމާއި އިއްދާގައި އިނުމުގެ މައްސަލަތައް ފަދަ މައްސަލަތަކެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފައިވާ ގޮތުގައި އިސްލާމީ ޝަރީއަތުގެ ތިން ވަނަ ރައުޔަކީ، އިސްތިސްނާއެއް ނެތި، ހުރިހާ ބާވަތެއްގެ މައްސަލަތަކެއްގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށް ބުނާ ރައުޔެކެވެ. މި ރައުޔުގެ ވެރިޔަކީ އަލްއިމާމުއް ޠަބަރީ އެވެ. މި ރައުޔަށް ތާއީދުކުރާ އެއްވެސް ދަލީލެއް ނެތް ކަމަށާއި އަދި މިއީ އަލް އިމާމުއްޠަބަރީގެ ރައުޔެއްކަން އެނގޭ އެއްވެސް ލިޔުމެއް ވެސް ނެތް ކަމަށާއި އޭނާއަކީ ތަފްސީރާއި ތާރީޚުގެ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ އިލްމުވެރިޔެއް ކަމަށް ފަތުވާ މަޖިލީހުގެ ފަތުވާގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް އެއިން އެއްވެސް ފޮތެއްގައި، މި ރައުޔުގެ ވާހަކަ ލިޔުއްވާފައި ނުވާ ކަމަށް ފަތުވާގައި ބަޔާންކޮށްފައި ވެއެވެ.
"އަންހެނުން ފަނޑިޔާރުކަން ކުރުމާއި ބެހޭގޮތުން، އިސްވެ ބަޔާންވެދިޔަ ތިން ރައުޔަށް ބަލާއިރު، އޭގެ ތެރެއިން އެންމެ ހަރުދަނާ ރައުޔަކީ އިލްމުވެރިންގެ ޖުމްހޫރުންގެ ރައުޔެވެ. އެއީ ފުރަތަމަ ރައުޔެވެ. އެއީ އެ ރައުޔުގެ ދަލީލުތަކާއި ހުއްޖަތުތަކުގެ ވަރުގަދަކަމުންނެވެ. އަދި އެއީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ރައުޔަކަށް ވާތީ އެވެ. އަދި ދެވަނަ ރައުޔަކީ ދަލީލުގެ ގޮތުން ބަލިކަށިވެފައި އިސްލާމީ ޝަރީއަތުގައި ހިމެނޭ ހުރިހާ ބާވަތެއްގެ މައްސަލަތައް ޝާމިލުވެފައި ނުވާ ރައުޔަކަށް ވާތީ، އެ ރައުޔުގެ ބުރަދަނެއް ނުވާކަން ފާހަގަ ކުރެވެ އެވެ. އަދި ތިން ވަނަ ރައުޔަކީ ދަލީލެއް ނެތިފައި، އަލް އިމާމުއްޠަބަރީގެ ބަސްފުޅެއް ކަމާމެދު ޝައްކު އުފެދިފައިވާ ރައުޔަކަށް ވާތީ، އެ ރައުޔުގެ ވެސް ބުރަދަނެއް ނެތެވެ. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން ބުރަވަނީ ޖުމުހޫރު އިލްމުވެރިންގެ ރައުޔަށެވެ. އެއީ ފުރަތަމަ ރައުޔެވެ." ފަތުވާ މަޖިލީހުގެ ފަތުވާ ނަންބަރު 11 ނިންމަވައިލައްވަމުން ވިދާޅުވެފައިވެ އެވެ.
އަންހެން ފަނޑިޔާރުންގެ މައްސަލައިގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ އިރު، ރާއްޖޭގެ ކޯޓުތަކުގައި މިހާރުވެސް އަންހެން ފަޑިޔާރުން އެބަތިއްބެވި އެވެ. އަދި ރައީސް ސޯލިހު، ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމަށް މިހާރު ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގެން ފޮނުއްވާފައިވާ ދެ ބޭފުޅުން ކަމަށްވާ، އައިޝާ ޝުޖޫން އާއި ޑރ. އަޒްމިރަލްޑާ ޒާހިރު އަކީ ވެސް ކުރީން ފަނޑިޔާރުކަން ކުރައްވާފައިވާ ދެބޭފުޅުންނެވެ.
އެ ގޮތުން ޝުޖޫން މަސައްކަތް ކުރެއްވީ ސިވިލް ކޯޓުގަ އެވެ. ޑރ. އަޒްމިރަލްޑާ ހުންނެވީ ހައިކޯޓުގަ އެވެ. އެ ދެބޭފުޅުން މަގާމުން އިސްތިއުފާދެއްވީ ރައީސް ޔާމީނުގެ ވެރިިކަމުގަ އެވެ.
ސުޕީރިއާ ކޯޓުތަކުގައި މިހާރުވެސް ތިން ގާޒީއަކު މަސައްކަތްކުރައްވަމުން ގެންދަވަ އެވެ. އެއީ އާއިލާއާ ބެހޭ ކޯޓުގައި އާމިނަތު ހުޒައިފާ، އަދި ސިވިލް ކޯޓުގައި މަރިޔަމް ވަހީދު އާއި ހާފިޒާ އަބްދުލް ސައްތާރު އެވެ. އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މެޖިސްޓްރޭޓުންގެ ގޮތުގައި ވެސް އަންހެނުން މިހާރު ވެސް މަސައްކަތް ކުރަމުން ގެންދެ އެވެ.