ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ނޯމަލައިޒޭޝަން ކޮމިޓީ ސައްހަ ކަމަށް ނިންމައި، އެކަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ، އެފްއައިވީބީއަށް އަންގައިފިއެވެ.
ގިނަ ޝަކުވާތަކަކާ ގުޅިގެން ކަމަށް ބުނެ، ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ވަނީ ވީއޭއެމްގެ ހިންގާ ކޮމިޓީ އުވާލުމަށްފަހު މިދިޔަ ޖޫން މަހުގެ ތެރޭގައި އެ އެސޯސިއޭޝަންގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފައެވެ.
އެކަން ސާފުކުރުމަށް އެފްއައިވީބީ އިން ވަނީ އޮލިމްޕިކް ކޮމިޓީއަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި ނޯމަލައިޒޭޝަން ކޮމިޓީއަކުން ވީއޭއެމް ހިންގާކަމުގެ މައުލޫމާތު ލިބިފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި އެކަން ހިނގައިދިޔަ ގޮތް ސާފުކޮށްދިނުމަށް އެ ފެޑެރޭޝަނުން އެދިފައިވެއެވެ.
އެ ސިޓީއަށް ޖަވާބުދިނުމަށް އޮލިމްޕިކް ކޮމިޓީން އެފްއައިވީބީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ވީއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި ވޮލީ ހަމައަކަށް އެޅުވުމަށް ނޯމަލައިޒޭޝަން ކޮމިޓީއަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. އަދި އެފްއައިވީބީ އިން ވެސް ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއަށް އެއްބާރުލުން ދިނުމަށް ވެސް އޮލިމްޕިކް ކޮމިޓީން އެދިފައިވެއެވެ.
އޭގެ އިތުރުން ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އަދި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު އިބްރާހީމަށް މިއަހަރު ބާއްވާ އޭވީސީ ސެންޓްރަލް ޒޯން އާންމު ޖަލްސާގައި ވީއޭއެމްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ވެސް އޮލިމްޕިކް ކޮމިޓީން ވަނީ އެދިފައެވެ.
ވީއޭއެމްގެ ހިންގާ ކޮމިޓީ އުވާލައި، އެ އެސޯސިއޭޝަންގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ނިންމި ނިންމުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ރައީސްކަމުގެ މަގާމުން ދުރުކުރި މުހައްމަދު ލަތީފު ސިވިލް ކޯޓަށް ވެސް މައްސަލަ ހުށަހެޅިއެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ ލަތީފަށް އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.
ވީއޭއެމްގެ ހިންގުމުގެ އިތުރުން ތިން މަސް ދުވަހުގެ ތެރޭގައި އެ އެސޯސިއޭޝަންގެ ތެރޭގައި ހުރި މައްސަލަތައް އިސްލާހުކޮށް، އާ އިންތިހާބެއް ބޭއްވުމަށް ވެސް ނޯމަލައިޒޭޝަން ކޮމިޓީއާ މަތިކޮށްފައިވެއެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސް އިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީގައި ހިމެނެނީ، އެ ކޮމިޓީގެ ރައީސް އަބްދުﷲ އާމިރު (އައްލޯ) އާއި އެ ކޮމިޓީގެ ނައިބު ރައީސް އަހްމަދު އިސްމާއީލާއި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު އިބްރާހީމާއި މަރިޔަމް ޖުމާނާ އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސައިން މުހައްމަދެވެ.