އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް

ސެމީގައި ބަލިވެ، ރާއްޖެއިން ލޯ މެޑެއްޔަށް ޓާގެޓް ކުރަން ޖެހިއްޖެ

އަލީ ރިފްޝާން

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި އުޒްބަކިސްތާން އަތުން ބަލިވެ، ރާއްޖެއިން ލޯ މެޑެއްޔަށް ޓާގެޓް ކުރަން ޖެހިއްޖެއެވެ.

ނޭޕާލްގައި ކުރިއަށްދާ އެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު ސެމީގެ މެޗުގައި އުޒްބަކިސްތާން އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ފަހުން އުޒްބަކިސްތާނުން ކުޅުން ވަރުގަދަކޮށް، ސެޓު ގެންދިޔައީ 25-20 އިންނެވެ.

ފުރަތަމަ ސެޓެކޭ އެއްގޮތަށް ދެވަނަ ސެޓުގެ ކުރީކޮޅުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އުޒްބަކިސްތާނުން ލީޑުގައި އޮއްވައި، ރާއްޖެއިން ނަތީޖާ ހަމަހަމަކުރި ނަމަވެސް، އުޒްބަކިސްތާން އަތުން ލީޑު ގެއްލިފައެއް ނުވެއެވެ. ދެވަނަ ސެޓު އުޒްބަކިސްތާނުން ގެންދިޔައީ 25-19 އިންނެވެ.

ތިންވަނަ ސެޓުގައި ރާއްޖޭގެ ފަރާތުން ގޯސްތަކެއް ފެނިގެންދިޔަ އިރު، އުޒްބަކިސްތާނުން ދިޔައީ އޭގެ ފައިދާ ނަގަމުންނެވެ. އެ ސެޓުގައި އުޒްބަކިސްތާނުން ބޮޑު ލީޑެއްގައި އޮއްވައި، ރާއްޖެއިން ފަރަގު ކުޑަކުރިއެވެ. ނަމަވެސް އުޒްބަކިސްތާން އަތުން ލީޑު ގެއްލިފައެއް ނުވެއެވެ. އެ ސެޓު 25-21 އިން ކާމިޔާބުކޮށް، އުޒްބަކިސްތާނުން ވަނީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

ލޯ މެޑެލް ހޯދާ ޓީމު ކަށަވަރުކުރުމަށް މާދަމާ ކުޅޭ މެޗުގައި ރާއްޖެ ނުކުންނަން ޖެހޭނީ ސެމީގެ ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން ބަލިވި ތުރުކުމެނިސްތާނާ ދެކޮޅަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ކިރްގިސްތާނާއި އުޒްބަކިސްތާނެވެ.