ވިޔަފާރި

ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ މޮޑެލްގެ ފޯނު ރާއްޖޭގެ މާކެޓަށް ތައާރަފުކޮށް ޕްރީ އޯޑާ ކުރުމަށް ހުޅުވާލައިފި

މަރިޔަމް ޝަހުދާ

ދިރާގުން ސެމްސަންގް ގެ އެންމެ ފަހުގެ މޮޑެލް ސެމްސަންގް ގެލެކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް ފޯނު ރާއްޖޭގެ މާކެޓަށް ތައާރަފްކޮށް ޕްރީ އޯޑަރު ކުރުމަށް ހުޅުވާލައިފި އެވެ.

ރާއްޖޭގެ މާކެޓަށް ސެމްސަންގް ގެލެކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް ދިރާގުން ތައާރަފު ކޮށްފައިވަނީ ރޭ ދިރާގު ހެޑްކުއާޓާސްގައި އެކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ސެމްސަންގްގެ އެންމެ ފަހުގެ ފޯނު ތައާރަފު ކޮށްދެއްވީ ދިރާގުގެ ޗީފް މާކެޓިން އޮފިސަރު މަހުމޫދު ދައްސޭ އާއި ސެމްސަން އިންޑިއާ އިލެކްޓްރޯނިކްސް ކުންފުނީގެ އޮފިޝަލެއް ކަމަށްވާ ވައި ކޭ ހޮންގްއެވެ.

ސެމްސަންގް ކުންފުނިން ސެމްސަންގް ގެލެކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް އަކީ ސްމާޓްފޯނު ޓެކްނޮލޮޖީއަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ ފޯނުތަކެއް ކަމަށް މީގެ ކުރިން އެކުންފުނީގެ ފްލެގްޝިޕް ފޯނު ގެލެކްސީ އެސް10 ލޯންޗްކުރި އިރު ވަނީ ބުނެފައެވެ.

މި ފޯނުގައި ދުނިޔޭގައި ފުރަތަމަ ފަހަރަށް އަލްޓްރާސޮނިކް އޮން ސްކްރީން ފިންގަޕްރިންޓް ޓެކްނޮލޮޖީ ބޭނުންކޮށްފައިވެއެވެ. އޭގެއިތުރުން ވަޔަލެސްކޮށް ފޯނު ޗާޖު ޝެއާކުރުމާއި ވަރުގަދަ އާ ސްކްރީން އަދި މޮޅު ކެމެރާގެ ހިދުމަތްވެސް އެ ފޯނުން ލިބިގެންދާނެ ކަމަށް އޭރު ބުނެފައިވެއެވެ.

އޭރުވެސް ސެމްސަންގް ކުންފުނިން ބުނެފައިވާ ފަދައިން މިފަހަރު ސެމްސަންގް ގެލެކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސްގައި ކެމެރާގެ މޮޅު ފީޗާއެއް ވެއެވެ. އެއީ ''ލައިވް ވީޑިއޯ ފޯކަސް'' ގެ ފީޗާއެކެވެ. މި ފީޗާގެ އެހީއާއެކު ލައިވް ވީޑިއޯ ކުރާ ވަގުތު ފަހަތް ބްލޮކް ކޮށްލެވެއެވެ. މީގެ އިތުރުން މި ފޯނަކީ އޭގެ ސްކްރީން އާދަޔާ ހިލާފަށް ބޮޑު ފޯނެކެވެ.

މި ފޯނުގައި "އެސް ޕެން" ގެ އެޑްވާންސް ފީޗަރއެއް ހިމަނާފައިވެއެވެ. މި ފީޗަރ މެދުވެރިކޮށް އެސް ޕެން ފޯނުގައި ނުޖައްސައި ފޯނާ ކުޅެލެވޭ ގޮތަށް ބްލޫ ޓޫތުން ފޯނާ ގުޅުވާލައެވެ. އަދި މި ފޯނުގެ ޗާޖު ގިނަ ވަގުތަށް ހިފަހައްޓާލުމަކީވެސް މި ފޯނުގެ ހާއްސަ ފީޗަރއެކެވެ.

ދިރާގު މެދުވެރިކޮށް ހާއްސަ ޕެކޭޖްތަކަކާއެކު ސެމްސަންގް ގެލެކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް މިހާރު އޮންލައިންކޮށް ޕްރީ އޯޑަރު ކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.