ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމްޑީޕީއަށް ފަހު އައި ސަރުކާރުތަކުން ލާމަރުކަޒީ ނިޒާމު މަރުކަޒީ ނިޒާމަކަށް ބަދަލު ކުރި: ރައީސް

މަރިޔަމް ޝަހުދާ

އެމްޑީޕީއަށް ފަހު އައި ސަރުކާރުތަކުން ލާމަރުކަޒީ ނިޒާމު މަރުކަޒީ ނިޒާމަކަށް ބަދަލު ކުރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ހުޅުމާލޭ ހުރަވީ ސްކޫލުގައި ކުރިއަށްދާ އެމްޑީޕީ ކައުންސެލަރުންގެ ކޮންފަރެންސް 2019 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ކުރީގެ ސަރުކާރުން ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ތައާރަފު ކުރުމުގެ މަސައްކަތް ފެއްޓެވި ކަމަށެވެ. ނަމަވެސް އޭރު ލާމަރުކަޒީ ނިޒާމުގެ ގާނޫނު ފާސްކުރެވިގެން ދިޔައީ ސަރުކާރުން ބޭނުންވި ގޮތަށް ނޫން ކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ލާމަރުކަޒީ ނިޒާމެއް ގާއިމުކޮށް، ކައުންސިލްތަކަށް ބާރު ހޯދައިދިނުމަށް ކުރީގެ އެމްޑީޕީ ސަރުކާރުން އެތައް މަސައްކަތެއް ކުރެއްވި ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރު ނިމުމަކަށް އައިސް ދެން ޖެހިގެން އައި ދެ ސަރުކާރުންވެސް މަސައްކަތް ކުރީ ލާމަރުކަޒީ ނިޒާމު އުވާލައި، މަރުކަޒީ ނިޒާމަކަށް ބަދަލު ކުރަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމުގެ މަސައްކަތް ކުރީ ދެސަރުކާރުން ހުއްޓުމަކަށް ގެނައުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް ޑިމޮކްރަސީ ގެންނަން ވަކާލާތު ކުރީ އެމްޑީޕީން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގައި އޮންނަން ޖެހޭނީ ހަމަހަމަ ކަމާއި، އިންސާފު ލިބިދޭ އަދި ހިޔާލު ފާޅުކުރުމުގެ ފުރިހަމަ ފުރުސަތު ދެވޭ ވެރިކަމުގެ ނިޒާމެއް ކަމަށެވެ. މިކަމަށް ރާއްޖޭގައި އުޅޭ ރައްޔިތުން ވެރިކަން ކުރާ ރަށަށް ނުގޮސް އަމިއްލަ ރަށުން ދުވަހުން ދުވަހަށް ބޭނުންވާ ހިދުމަތްތައް ލިބެން ޖެހޭނެ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. ލާމަރުކަޒީ ގާނޫނަކީ މިކަންކަން ކުރުމަށް އެކުލަވާލި ގާނޫނެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން މަސައްކަތް ކުރާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބާރުތައް ދީގެން ރައްޔިތުންނާ ވީހާވެސް ކައިރިން މަސައްކަތް ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޖަޒީރާ ރާއްޖޭގެ ހަގީގީ ތަރައްގީ ހާސިލުކުރެވޭނީ ލާމަރުކަޒީ ނިޒާމުގެ ރާއްޖެއެއް ބިނާކުރެވިގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.