ވިޔަފާރި

''ބަވަތި'' ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމަށް!

މަރިޔަމް ޝަހުދާ

ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓް ފޯމަށް އޮލިމްޕަހުގައި މިހާރު އެޅުވުމަށް ތައްޔާރުވަމުން އަންނަ ''ބަވަތި'' ފިލްމް ގެނައުމަށް ސޮއިކޮށްފިއެވެ.

''އައި ފިލްމްސް''ގެ ފުރަތަމަ ފީޗާ ފިލްމް ''ބަވަތި'' ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓް ފޯމަށް ގެނައުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހަފުތާގައެވެ.

ދިރާގުން މިކަމާ ގުޅިގެން ބުނެފައިވަނީ އެ ކުންފުނިން ކުރިއަށް އޮތްތާގައިވެސް ދިވެހި އުފެއްދުންތަކަށް އެއްބާރުުލުންދީ، އޮންޑިމާންޑް ޕްލެޓްފޯމުން ދިވެހި އުފެއްދުންތަކަށް ހާއްސަ ފުރުސަތުތަކެއް މަގުފަހި ކޮށްދޭނެ ކަމަށެވެ. އަދި ދިރާގުގެ އަމާޒަކީ އެކުންފުނީގެ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ދިވެހި ފިލްމީ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކޮށްދިނުން ކަމަށް ދިރާގުން މައުލޫމާތު ދިނެވެ.

ދިރާގުން މައުލޫމާތު ދިންގޮތުގައި އެކުންފުނިން އަންނަނީ އެކުންފުނީގެ ވީޑިއޯ ލައިބްރަރީ އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ ކުންފުނީގެ ވީޑިއޯ ލައިބްރަރީ ފުޅާކޮށް، މުއްސަނދިކޮށް ވީހާވެސް ގިނަ ދިވެހި ކޮންޓެންޓް ބެލުންތެރިންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

އެކުންފުނީގެ ''ދިރާގު ޓީވީ''ގެ އޮންޑިމާޑް ޕްލެޓްފޯމަށް ގެނައުމަށް އެއްބަސް ވި ''ބަވަތި'' ފިލްމަކީ އަންނަ ސެޕްޓެމްބަރު ދޭއްގައި އެޅުވުމަށް ހަމަޖައްސާފައިވާ ފިލްމެކެވެ. މި ފިލްމުގެ ބަތަލަކީ ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފުވާ އިފްނާޒް ފިރާގެވެ. ފިލްމްގެ ބަތަލާއަކީ މިހާރު ފިލްމީ ދާއިރާގައި މަޑުމަޑުން ފައިތިލަ ސާބިތުކުރަމުން އަންނަ ނުޒުހަތި ޝުއައިބު (ނުޒޫ) އެވެ. ދިރާގުން މައުލޫމާތު ދިން ގޮތުގައި މި ފިލްމު ދިރާގުގެ އޮން ޑިމާންޑް ޕްލެޓްފޯމުން ފެންނާނީ ފިލްމް ސްކްރީނިންގް އަށް ފަހުއެވެ.

ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ އެކި ކޮންޓެންޓް ބޭނުން ވަގުތެއްގައި ބޭނުންތަނެއްގައި ބަލައިލުމުގެ ފުރުސަތު ލިއްބައިދޭ ޕްލެޓްފޯމެކެވެ.