އެމްޑީޕީ

ކައުންސިލް އިންތިހާބުގައި އަންހެނުންގެ ހިއްސާ %33 އަށް ހަދަން އިސްލާހު ހުށަހަޅާނަން: ރައީސް ސޯލިހު

މަރިޔަމް ޝަހުދާ

ރަށު އަދި ސިޓީ ކައުންސިލުތަކުގެ އިންތިހާބުގައި އަންހެނުންގެ ހިއްސާ %33 އަށް ހަދަން އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ހުޅުމާލޭ ހުރަވީ ސްކޫލުގައި، ކުރިއަށްދާ އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް 2019 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ޑްރާފްޓް ކޮށްފައިވާ ކަމަށާއި އެ އިސްލާހުތަކަށް ކައުންސިލަރުންގެ ކޮންފަރެންސްގައި ހިޔާލު ހުށަޅައި އެ ކަންކަން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ ކަންކަމުގައި އަންހެނުންނާއި ޒުވާނުންގެ ރޯލު ފުޅާ ކުރަންޖެހޭ ކަމަށެވެ. އަދި މުޖުތަމައުގެ ކުރިއެރުމަށް އަންހެނުންނާއި ޒުވާނުން ކަންކަމުގައި ބައިވެރިކުރުވުމަކީ ލާމަރުކަޒީ ނިޒާމުގެ މުހިއްމު އެއްބައި ކަމުގައި ރައީސް ފާހަގަ ކުރެއްވި އެވެ. އަންހެނުންނަކީ މުޖުތަމައުގެ ދެބައިކުޅަ އެއްބައި ކަމަށް ވީއިރު އަންނަން އޮތް ޖީލުތަކަށް ކުރިއެރުމާއި ތަރައްގީ ލިބެން އޮތީ އަންހެނުންގެ ހިޔާލާއި އިލްމާއި ލަފާގެ ބޭނުން ރަނގަޅުގޮތުގައި ހިފިގެންކަމަށް ރައީސް ވިދާޅުވިއެވެ.

އެކި ކަންކަމުގައި އަންހެނުންގެ ބަހަކީ ފިރިހެނުންނެކޭ އެއްފަދައިން މުހިއްމު އެއްޗެއްކަމަށް ދެކެން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ގާނޫނަށް، ރަށު އަދި ސިޓީ ކައުންސިލުގެ ގޮނޑީގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރަން ނިންމައި އިސްލާހެއް ހުށަހަޅާފައިވަނީ މިކަމަށް ވިސްނަވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ކައިންސިލުތަކުން އަންހެނުންނަށް 33 ޕަސެންޓު ހާއްސަކޮށްފި ނަމަ، އެއީ ގާނޫނަކުން ލާޒިމުކޮށްގެން ވަކި އަދަދެއްގެ ކޯޓާ އަންހެނުންނަށް ދެވޭ ފުރަތަމަ އިންތިޚާބަށް ވެގެން ދާނެ އެވެ.

މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަންހެނުންނަށް ވަކި އަދަދެއްގެ ކޯޓާއެއް ކަނޑައެޅުމަށް ތާއީދުކުރާ ކަމަށް ބުނެފައެވެ.