ޓްރާންސްފާ މާކެޓް

ސްޓަރިޖް، ތުރުކީގެ ޓަރަބްޒަންސްޕޯއާ ގުޅިއްޖެ

އަލީ ރިފްޝާން

ލިވަޕޫލް އަދި ޗެލްސީގެ ކުރީގެ ފޯވަޑް ޑެނިއަލް ސްޓަރިޖް، ތުރުކީގެ ޓަރަބްޒަންސްޕޯއާ ގުޅިއްޖެއެވެ.

ލިވަޕޫލުން މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، އެކްލަބުން ވަނީ އުމުރުން 29 އަހަރުގެ އިނގިރޭސި ފޯވަޑް ސްޓަރިޖް ދޫކޮށްލައިފައެވެ.

ޓްރަބްޒަންސްޕޯ އިން ނެރުނު ބަޔާނެއްގައި ބުނީ މި ހަފުތާގެ ކުރީކޮޅު އެ ކްލަބަށް ސްޓަރިޖް ސޮއިކޮށްފައިވާ ކަމަށާއި އޭނާ އެ ކްލަބާ ގުޅުނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

ޓްރަބްޒަންސްޕޯ އިން ސްޓަރިޖްގެ މުސާރައާ ގުޅޭ ތަފުސީލު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާއަށް މުސާރައިގެ ގޮތުގައި ސީޒަނަކަށް ތިން މިލިއަން ޔޫޔޯ ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެސްޓަން ވިލާ އާއި ކޮވެންޓްރީ ސިޓީން ޔޫތު ކެރިޔަރު ފެށި ސްޓަރިޖް، ސީނިއާ ކެރިޔަރުގައި ފުރަތަމަ ކުޅުނީ މެންޗެސްޓާ ސިޓީއަށެވެ. އެ ކްލަބުގައި ރަނގަޅު ކުޅުމެއް ދެއްކިފައިނުވި ނަމަވެސް، ފަހުން ޗެލްސީން ވަނީ އޭނާ ހޯދައިފައެވެ. ޗެލްސީގައި ހޭދަކުރި ހަތަރު ސީޒަނުގެ ތެރޭގައި އޭނާ ވަނީ 10-2009ގެ ޕްރިމިއާ ލީގު އަދި 12-2011ގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

ޗެލްސީއަށް ކުޅުމަށްފަހު ސްޓަރިޖް، ލިވަޕޫލާ ގުޅުނީ 2013 ވަނަ އަހަރުގެ ޖެނުއަރީގައެވެ. މިދިޔަ ސީޒަނުގެ ނިޔަލަށް ލިވަޕޫލުގައި ހޭދަކުރި ސްޓަރިޖް ވަނީ އެ ކްލަބަށް ކުޅުނު 160 މެޗުން 69 ލަނޑު ކާމިޔާބުކޮށްދީފައެވެ.