Close
ރިޕޯޓް

އިއްޒަތްތެރި މެންބަރުންގެ އެއް ދުވަހުގެ ފަރިއްކޮޅަށް ދުވާލަކު 13000، މީ ބޮޑުވަރު!

ފަތޯނާ ފާއިޒު

އެއްވެސް ޝައްކެއް ނެތެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ "އިއްޒަތްތެރި" މެމްބަރުންނެވެ. އެ މެންބަރުން ރައްޔިތުންގެ ހައްގުގައި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް އައްސަރިބަހާ ސާބަސް ހައްގެެވެ. ދުވާލާއި ރޭގަނޑު މަޖިލީހުގެ ތަޅުމުގައި އެބޭފުޅުން ހަރު އަޑުން ވަކާލާތު ކުރައްވަމުން އެގެންދަވަނީ ނިކަމެތި ރައްޔިތުމީހާގެ ހައްގުގައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، އެކި އަތޮޅުތަކަށް ނިސްބަތްވާ ރައްޔިތުންގެ އަޑު އުފުލައިދީ، އެރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރާ ހަމައަށް ގެނެސްދޭ އެންމެ މުހިންމު އެއް ބަޔަކީވެސް، ދައުލަތުގެ ތިން ބާރުގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ "އިއްޒަތްތެރި" މެމްބަރުންނެވެ. އެމެންބަރުންނަކީ ގާނޫނު ހެދުމުގެ ބުރަ މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވުމާއެކު، އެ ކުރައްވާ މަސައްކަތަށް ނުހަނު ބޮޑު އުޖޫރައެއްވެސް އެބޭފުޅުން އަންނަނީ ނަންގަވަމުންނެވެ. އެކަން ނޭނގޭ ކުޑަ ކުއްޖަކުވެސް ހުރި ހެނެއް ހީއެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވައެވެ. ކޮންމެ މެންބަރަކަށް މަހު މުސާރައިގެ ގޮތުގައި(އެލަވަންސްތަކާއެކު) 82،500 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އެއީ އާންމު ރައްޔިތަކަށް ވަޒީފާގައި ސައުވީސް ގަޑިއިރު، ގައިން ދާ އޮހޮރުވައިގެން، ހޭބޯ ނާރާ މަސައްކަތް ކޮށްގެންވެސް ހޯދޭނެ އުޖޫރައެއް ނޫނެެވެ. މަޖިލީހުގެ މެމްބަރުންނަށް ލިބޭ މުސާރަ ބޮޑުކަމުން ރައްޔިތުން އެކަމުގެ ޝަކުވާ ކުރާތާ އަހަރުތަކެއް ވެއްޖެއެވެ. އެހެންނަަމަވެސް އެކަންވެސް ބަދަލު ކޮށްދެއްވަން ތިއްބެވީ "އިއްޒަތްތެރި" މެމްބަރުން ކަމަށްވާތީ، އެކަން ނުވެ އޮތީއެވެ. އެ މުސާރަ ކުޑަ ނުކޮށްގެން އުޅެނިކޮށް ރައްޔިތުންނަށް މި އެނގުނީ މުސާރައިގެ އިތުރުން އިއްޒަތްތެރިި މެމްބަރުންގެ ފަރިއްކޮޅަށްވެސް ރައްޔިތުންގެ ޖީބުން ބޮޑު ހަރަދެއް ކުރަމުންދާ ކަމެވެ. ރައްޔިތުން، އިއްޒަތްތެރި މެމްބަރުންނަށް ބަލަދުއަރާފައި ތިބި ކަހަލައެވެ.

ރައްޔިތުންގެ މަޖިލީހުގައި ބުދަ ދުވަހު އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، މަޖިލީހުގެ ރަައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާ އޮންނަ ކޮންމެ ދުވަހަކު މެމްބަރެއްގެ ކޮއްތަށް 159 ރުފިޔާ ހަރަދު ކުރާ ކަމަށެވެ. މަޖިލީހުގަައި ތިއްބަވާ 87 މެމްބަރުންނަށް ބަލާއިރު، މިއީ ކޮންމެ ދުވަހަކަށް 13،000އަށްވުރެ ގިނަ ރުފިޔާއެވެ. އާދައިގެ ރައްޔިތު މީހާއަށް 13،000 ރުފިޔާ އެއީ ޖަވާހިރެކެވެ. ނުވަތަ މާލޭގައި ދިރިއުޅޭ އެއްކަލަ ނިކަމެތި ރައްޔިތުމީހާގެ ގޭގެ ކުއްޔެވެ. މަޖިލީހުގެ މެމްބަރުންގެ އެއް ދުވަހުގެ ކެއުމަކީ އާދައިގެ ރައްޔިތު މީހާގެ ގޭގެ ކުއްޔެވެ. ފަރަގު ނިކަން ދެކި ބަލާށެވެ. މޮޅު މީހާއަށް މޮޅު ގޮތެވެ. ދެރަ ނިކަމެތި މީހާއަށް ދެރަ ގޮތެވެ. މިއީ ހަަމަ ޔަގީނުންވެސް ރައްޔިތުންނަށް ހައްގު މިންވަރެއް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ކޮންމެ ހަފުތާއެއްގެވެސް ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ. އެހެންކަމުން ހަފުތާއަކު މެންބަރުންގެ ފަރިއްކޮޅަށް 41728 ރުފިޔާ ހަރަދުވާނެއެވެ. މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ ކެއުންވެސް ހަމަޖައްސަނީ މެންބަރުންގެ ފަރިއްކޮޅަށް ހަރަދު ކުރާ ފަައިސާގެ ތެރެއިންނެވެ. އެހެންކަމުން، ކޮންމެ މެންބަރަކަށް ސީދާ 159 ރުފިޔާ ފަރިއްކޮޅަށް ހަރަދު ނުވާނެ ކަަމަށެވެ. އެ އުސޫލުން ބެއްޔަސް މަޖިލީހުގެ މެންބަރުންގެ ފަރިއްކޮޅަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ހަރަދު ކުޑައޭ ނުބުނެވޭނެއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، ދައުލަތުން މެންބަރުންގެ ކެއުމަށް އެހާ ބޮޑު ހަރަދެއް ކުރުމަކީ ސަގާފަތެއް ކަމަށެވެ. އެގޮތުން 1932އިން ފެށިގެން އެކަން އަންނަނީ ކުރަމުން ކަމަށެވެ. ޖަލްސާތަކާއި، ހާއްސަ ހަފުލާތަކުގެ ކެއުން މަޖިލީހުން ދިނުމާއި، ކޮންމެ ދުވަހެއްގެ ކެއުމަށް އެހާ ބޮޑު ހަރަދެއް ކުރުމާވެސް ހާސް ގުނަ ތަފާތެވެ. މިއީ ސަގާފަތުގެ ތެެރެއިން އަޔަސް ބަދަލު ކުރަން ޖެހޭ ކަމެކެވެ. ރައީސް ނަޝީދުވެސް ވަނީ އެކަން ބަދަލު ކުރެވިދާނެކަން ފާހަގަ ކުރައްވާފަައެވެ. އެގޮތުން، ކޮންމެ މެންބަރަކަށް ކޮއްތަށް ހަރަދުވާ މިންވަރު އިތުރު ކަމަށް މެންބަރުންނަށް ނުވަތަ ރައްޔިތުންނަށް ގަބޫލު ކުރެވޭނަމަ، އެ އަަދަދު ބަދަލު ކުރެވިދާނެ ކަމަަށް ރަައީސް ނަޝީދު ވިދާޅުވިއެެވެ.

މެންބަރުންގެ ކޮއްތަށް ކުރާ ހަރަދު މަޖިލީހުގެ ރަައީސް ހާމަކުރެއްވުމާއެކު ދިވެހި ރައްޔިތުން އެކަމާ ނުރުހުން ފާޅުކުރިއެވެ. މީސްމީޑިއާގެ ކޮންމެ ވަސީލަތަކުންވެސް އެކަން އެހެރީ ފެންނާށެވެ. އެގޮތުން މަޖިލީހުގެ މެންބަރުންގެ ކެއުމަށް ކުރާ ހަރަދު އެހެނިހެން ކަންކަމަށް ކުރުން މާ ބޮޑަށް އެދެވިގެންވާ ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންްނެވެ.

މިއަދު ދިވެހި ރައްޔިތުންްނަކީ ވަރަށް ހޭލުންތެރި ބައެކެވެ. އިންސާފުން ބޭރުން ހިނގާ ކަންކަން ބަލައިގަންނަން އެ ރައްޔިތުން މިއަދު ބޭނުމެއް ނުވެއެވެ.