ކޮލަމް

މަދީނާގެ އިސްލާމީ ދައުލަތުން ކުރިމަތިލާންޖެހުނު އެންމެ މުހިންމު ތިން މައްސަލަ - 4

އަބްދުﷲ ފާރޫގް ހަސަން

2. ސިޔާސީ އަދި އަސްކަރީ މައްސަލަ ( މައްކާ އާއި މަދީނާގައި ތިބި އިސްލާމީ ތަހްރީކުގެ ދުޝްމިނުންގެ ޢުދުވާނީ ހަމަލަތަކުން މުސްލިމުންނާއި، އިސްލާމީ ދައުލަތް ހިމާޔަތްކުރެއްވުމާއި ދައުލަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދެއްވުމުގެ މައްސަލަ)

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މަދީނާގައި ޤާއިމުކުރެއްވި އުޚުއްވަތުގެ ނިޒާމު ޤާއިމުކުރެއްވީ މުސްލިމުންގެ މެދުގައެވެ. އަންސާރުންނާއި މުހާޖިރުންގެ މެދުގައެވެ. އިތުރުސާހިބާ މަދީނާއަށް ގެމަށް ވަޑައިގެންނެވި އިރު މުސްލިމުންނޫން އެހެން ޖަމާއަތްތަކުގެވެސް ފާހަގަކުރެވޭފަދަ ގިނަ އަދަދެއްގެ މީހުން މަދީނާގައި ދިރިއުޅެމުން ގެންދެއެވެ.

1. އޭގެތެރެއިން އެއްބަޔަކީ އަރަބި މުޝްރިކުންނެވެ. އައުސުވަންހަޔާއި، ޚަޒްރަޖުވަންހައިން އިސްލާމްނުވެ ތިބިމީހުންނެވެ. އިސްޠިލާޙީ ގޮތުން އެމީހުނާމެދު ބެލެވުނީ އަރަބި މުޝްރިކުންކަމުގައެވެ. ދުވަސްކޮޅެއްގެ ފަހުން އެމީހުންވަނީ ވަރަށް ހަލުވި ކަމާއެކު އިސްލާމްދީނަށްވަދެފައެވެ. އާއްމު ނަޒަރުން ބަލާއިރު މުޝްރިކުން ވަނީ މަދީނާއިން ހުސްވެފައެވެ.

2. ދެވަނަބަޔަކީ މުނާފިގުންނެވެ. އެބައިމީހުންނަކީ ބޭރުފުށުން ބަލާއިރު މުސްލިމުންނެވެ. ނަމަވެސް އެބައިމީހުންގެ ހިތްތަކަކަށް އިމާންކަން ވަދެފައެއް ނުވެއެވެ. އެމީހުންނަކީ ހިތުގެ އަޑީން އިސްލާމްވެެގެން ތިބި ބަޔެއްނޫނެވެ. ފާޅުގައި މުޝްރިކުންނާ ބައިވެރިވާ ބައެއްވެސް ނޫނެވެ. ކޮންމެ ކަމެއްގައިވެސް އެބައިމީހުން އަމަލުކުރަމުންގެންދިޔައީ އެބައިމީހުންގެ ވަގުތީ މަސްލަހަތާ އެއްގޮތަށެވެ. އެމީހުންނަށް ޒާތީފައިދާ ލިބޭނެކަމުގައި ބެލެވޭ ގޮތްގޮތަށެވެ. މުސްލިމުންގެ ޖަމާއަތަށް އެބައިމީހުންގެ ފަރާތުން ލިބެމުންދިޔައީ ގެއްލުންތަކެވެ. އެއްވެސް ކަމެއްގައި މަންފައެއް ނުކުރެއެވެ. ނަމަވެސް އެބައިމީހުން ތިމައުރެންނަކީ މުސްލިމުންކަމުގައި ކުރާ ދައުވާވެސް ރައްދުކުރެވޭކަށެއް ނޯވެއެވެ. އެމީހުންގެ ހިތްތައް ފަޅައިގެން ބެލެވޭ ކަށެއްވެސް ނެތެވެ. ކޮންމެޔަކަސް އެބައިމީހުންނަކީ އެއްވެސް ކަމެއްގައި އެމީހުންނަށް އިތުބާރުކޮށް ބަރޯސާވެވޭފަދަ ބައެއްނޫނެވެ. އެފަދަމީހުންގެ އަދަދުވެސް އޭރު ވަރަށް ގިނައެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ އުހުދު ހަނގުރާމައިގެ އެންމެ ނާޒުކު ވަގުތު މުނާފިގުންގެ ރައީސް އަބްދުﷲ ބިން އުބައްޔު ބިން ސަލޫލާއެކު ތިންސަތޭކަ މީހުން ވަނީ އިސްލާމީ ލަޝްކަރާ ވަކިވެފައެވެ.

3. ތިންވަނަ ބަޔަކީ ޔަހޫދީންގެ ތިންވަންހައެވެ. ( ބަނޫޤަޢިނުޤާޢު، ބަނުއނަޟީރު، ބަނޫޤުރައިޟާގެ މީހުންނެވެ.) އެބައިމީހުންގެ އަދަދު ހަތަރު ފަސްހާހަކަށްވުރެ މަަދެއްނޫނެވެ. އެބައިމީހުންނަކީ ދީނީގޮތުންފިޔަވައި ނަސްލީގޮތުންވެސް އަންސާރުންނާއި މުހާޖިރުންނާ ތަފާތު ބައެކެވެ.

އެހެންކަމުން މަދީނާގެ ހުރިހާ އެންމެން އަމަން އަމާންކަމާގުޅޭ މަޤްސަދުތަކުގައި އެއްވަލަކަށް މަހައިލެވިގެން މެނުވީ ކުރިމަތިވާ ދަތި އުނދަގޫ މައްސަލަތަކާ ކުރިމަތިލުމަކީ ފަސޭހަކަމެއް ކަމުގައެއް ނުވެއެވެ. ޤުރައިޝުންގެ ފަރާތުން ކުރިމަތިވާ މައްސަލަތައް އެއްކިބާކޮށްފައި ބެލިކަމުގައިވިޔަސް އިސްލާމީދައުލަތުގެ އެންމެ ކުރީގެ ހައެއްކަ އަހަރު ހޭދަވެގެންދިޔައީ އިސްވެދެންނެވި ގިންތިތަކުގެ އުނގުން އުފެދި ފުޅާވަމުންދިޔަ މައްސަލަތައް ހައްލުކުރުމުގައެވެ. މިދެންނެވި ދީނާއި ނަސްލުތަފާތު މީހުންތައް ދިރިއުޅުނީވެސް ގާތްގާތުގައި އަވައްޓެރިކަމުގައެވެ. ދައުލަތަށާއި މުޖުތަމައަށް ފައިދާހުރި އެއްވެސް ކަމެއްގައި ވަފާތެރި ރައްޔިތުންގެ ހައިޘިއްޔަތުން އެމީހުން ބައިވެރިކޮށްގެން އެއްވެސް ފިޔަވަޅެއް އެޅޭނެކަމުގެ ކަށަވަރުކަމެއް ނެތެވެ. އެންމެންގެލާބަޔާއި މަންފައަށްޓަކައި އެ އެންމެން އެއްދިމާޔަކަށް ލަވަމުން ގެންދެވޭނެ އޮތީ އެންމެ ގޮތެކެވެ. އެގޮތަކީ އޭގެތެރެއިން ކޮންމެ މީހަކަށްވެސް އެމީހެއްގެ އަސާސީ ހައްޤު ތަކާއި، ޘަޤާފީޙައްޤުތަކާއި ދީނީ ހައްޤުތައް ފުރިހަމަޔަށް ރައްކާތެރި ކުރެވިފައިވާކަން ކަށަވަރުކޮށްދިނުމެވެ. އެހެންކަމުން ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެކަމަށްޓަކައި ނުހަނު އަވަހަށް އަމަލީ ދުސްތޫރެއް ތައްޔާރުކުރެއްވިއެވެ. ތާރީޚުގައި އެދުސްތޫރަށް ޚާއްޞަ އަހަންމިއްޔަތެއް ލިބިފައިވަނީ ހަމައެކަނި މީގެ ސާދަ ސަތޭކަ އަހަރުކުރީގެ ވަރަށް އާދަޔާޚިލާފުމޮޅު ގާނޫނީ ފުރޭފެއްގެ ހައިޘިއްޔަތަކުންނޫނެވެ. އަދިކީއްތޯއެވެ. އެދުސްތޫރު ބައްޓަން ކުރައްވައިފައިވާ ގޮތުންވެސް އެއީ ދެވަނަ މިސާލެއް ނުހޯދޭފަދަ މޮޅު ޤާނޫނީ ލިޔުމެކެވެ. ޙަޤީޤަތަށް ދަންނަވާނަމަ ތަފާތު ޖަމާއަތްތަކާއި ވިލިތަކުގެ ޠަބީއަތާއި އެބައިމީހުން ލެނބޭގޮތްތައް ފުރިހަމަޔަށް މޭރުން ކުރައްވައިގެން އެންމެން އެއް މަޤްޞަދުތަކެއްގައި (ޚާއްޞަކޮށް ދިފާއީ ކަންކަމުގައި) އެކުގައި ބައިވެރިވާނެ ގޮތުގެ އެހައި ފުރިހަމަ ދުސްތޫރެއް ތައްޔާރު ކުރެއްވިކަމީ ނަބަވީ ފަރާސަތުގެ މޮޅުކަމާއި، އެމާތް ސާހިބާގެ އަސްކަރީ ދުރުވިސްނުންފުޅާއި ތަދައްބުރުގެ މުއުޖިޒާއެއްފަދަ ހެތްކެކެވެ.

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މަދީނާއަށް ފައިންޕުޅު ބީއްސެވުމަށްފަހު އެންމެ ފުރަތަމަ ސަމާލުކަންދެއްވި އެއްކަމަކީ މި މުހިންމު މުޢާމަލާއެވެ. ޙައްޤުދީނުގެ ދައުވަތުގެ ސިލްސިލާ އޭރުވެސް ދިޔައީނުހަނު ބާރަށް ކުރިޔަށެވެ. ނަމަވެސް އެދައުވަތު ޤަބޫލުކުރުމާއި ނުކުރުންއޮތީ އަފުރާދުންނާއި ވިލިތަކުގެ ފުރިހަމަ އިޚްތިޔާރަށް ދޫކޮށްލެވިފައެވެ. އެއްވެސް މީހަކު ގަދަކަމުން އިސްލާމްދީނަށް ވެއްދުމަކީ އުސޫލީގޮތުން ކުށެކެވެ. މުސްލިމެއްގެ ފަރާތުން އެދެވޭ ހެޔޮއަމަލުކޮށް މުޖްތަމައުގައި އެމީހެއްގެ ބާޖިބު އަދާކުރާނީ އަދި މުޖްތަމައުގެ ހެޔޮލަފާ މެމްބަރަކަށް އެމީހަކުވާނީ އަމިއްލަ އިޚްތިޔާރުގައި ތެދުހިތުން އީމާންވެގެންނެވެ. އެމީހެއްގެ ހިތުގައި ޞައްޙަ ޢަޤީދާއެއް ބިންވަޅުނެގިފައި އޮވެގެންނެވެ. މީހަކަށް ބިރުދައްކައިގެން ނުވަތަ ކަމަކަށް ދަހިވެތި ކުރުވައިގެން ތިމާއާ އެއްބައި ކުރުވުމަކުން އެމީހަކު ޙަޤީޤީ އެއްބައިވަންތަ މީހެއްކަމުގައެއްނުވެއެވެ. އެމީހެއްގެ ފުށުން ލިބުން އެދެވޭ މަންފައެއްވެސް ނުލިބެއެވެ. އަދި ހަމައެފަދައިން އެމީހަކީ އިތުބާރު ކުރެވޭ މީހަކު ކަމުގައެއްވެސް ނުވެއެވެ. އެހެނީ އެމީހަކު ބިރުގަތް ނުވަތަ ދަހިވެތިވި ސަބަބު ނެތިދިޔުމުން އެމީހަކު އެނބުރި ރުޖޫޢަވާނީ އެމީހެއްގެ ކުރީގެ ގޮތަށެވެ. އެހެން ފަރާތަކުން އޭނާ މާބޮޑަށް ބިރުގަންނަވައިފިނަމަ ނުވަތަ އޭނާއަށް ލިބެމުން އަންނަ ނަފަޔަށް ވުރެ ބޮޑު މަންފައެއް ލިބިދޭން ހުށަހަޅައިފިނަމަ އެމީހަކު އެއަތަށް ފިރައިލުމަކީ ވެސް ވެދާނެ ކަމެކެވެ.

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މިގޮތުން އެކުލަވައިލެއްވި ދުސްތޫރާއި އެމާތްސާހިބާ ފަރުމާކުރެއްވި ނިޒާމު ޚާއްޞަ ވަނީ ހަމައެކަނި އެނިޒާމަކީ އެޒަމާނުގެ ދުނިޔެއަށް މުޅީންއާ މަފޫހުމެއްކަމުގައި ވާތީއެއް ނޫނެވެ. އަދި ކީއްތޯއެވެ. އެނިޒާމުވަނީ ބޭނުންވި މުއްދަތަށް ކާމިޔާބު ކަމާއެކު ހިންގިފައެވެ. އެންމެ ދަތިއުނދަގޫ ހާލަތް ތަކުގައި ވެސް މަދީނާގެ މުޖްތަމަޢު ރޫޅުނަނުދީ ހިފަހައްޓައިފައެވެ. އެދުސްތޫރުގެ ޚާއްޞަ މޮޅުކަމަކީ ލަފުޒުތަކާއި އިބާރާތްތަކުގެ ކެހިވެރި އެތުރުމެއްގައި މީހުން ނުމަހައި، ނުބަނދެ ހެޔޮނިޔަތާއި އިޚްލާސްތެރިކަމާއެކު ކޮންމެ ބައެއްގެވެސް ޠަބީޢީ ހައްޤުތައް ތެދުހިތުން ޤަބޫލުކޮށްފައިވުމެވެ. ހަމައެއާއެކު ތެދުމަގުގައި ތިބި ސާލިހު ޖަމާއަތަށް އެ ހާލަތުގައިވެސް މަޑުމަޑުން ގޮސް އެންމެ ކުރިޔަށް އެރޭ ގޮތަށް މަގުފަހިކޮށްފައިވާ ކަމެވެ. ޝައްކެއްނެތެވެ. ހުސްއެކަނި އިސްދާނަކަން ހޯދަން ފެންބޮވައިގެންފައި ތިބޭ މީހުންނަކީ ކިތަންމެ ބަދަހި ޝަރުޠުތަކެއް އެކަށައެޅި ކަމުގައިވިޔަސް މަދުފިޔަވަޅުތަކަކަށް މެނުވީ ކުރިޔަށް ދިޔުމުގައި ކާމިޔާބު ހޯދޭ ބައެއް ނޫނެވެ.

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ކުރިމަތިލައްވާން ޖެހިވަޑައިގެންފައިއޮތް ސިޔާސީ އަދި އަސްކަރީ މައްސަލަ ހަމަޖެއްސެވުމަށްޓަކައި މަދީނަތުލް މުނައްވަރާގެ ތަފާތު ވަޒަންވެރީންގެ މެދުގައި ޤާއިމުކުރެއްވި އެއްބައިވުމާއި އެއްބާރުލުމުގެ ދުސްތޫރުގެ އަސާސީ މަޤްޞަދުތަކަކީ އިތުރު ތައާރުފަކަށް ބޭނުންކަންކަމެއްނޫނެވެ. އެހެންކަމާއެކުވެސް އެކަންކަމުގެ ޚުލާޞާއެއް ދަންނަވާނަމަ އެއީ:

1. ޖުމުލަ ގޮތެއްގައި ކޮންމެ އާބާދީއަކީވެސް އަމާންކަމާއި ހަނުހިމޭންކަމާއެކު ދިރިއުޅޭން ބޭނުންވާ ބައެކެވެ. ބިރެއްނުވަތަ ފިކުރެއްނެތި ތިމައުރެންގެ މައީޝަތުގައި މަޝްޣޫލުވެ އަޅުމަށްޓަކައެވެ. ވީހައިވެސް ތަނަވަސް ދިރިއުޅުމެއް ހޯދުމަށްޓަކައެވެ. ތިމާމެންގެ ދަރީންނަށް އެދެވޭ ތަރުބިޔަތެއް ދިނުމަށްޓަކައެވެ. މުޖްތަމައާ ގުޅުންހުރި ކަންކަމުގައި ރިވެތި ގޮތުގައި ބައިވެރިވުމަށްޓަކައެވެ. އަމާންކަމެއް ހަމަޖެހުމެއްނެތުމަކީ ފިޠުރަތު ސަލާމަތުންހުރި އެއްވެސް މީހަކު ރުހުމުގެ ލޮލަކުން ބަލާނެކަމެއްނޫނެވެ.

2. އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ވިއްޔެއްގެ އަޤީދާއާއި އުސޫލުތަކަށް މުނާސަބުނޫން ހުރަސްތަކެއް ކުރިމަތި ކުރެވުމަކީ ބަލައިގަނެވޭނެކަމެއް ނޫނެވެ.

3. ފިތުނަ ފަސާދައަށް ހުޅުވޭ ކޮންމެ ދޮރެއް ބަންދުކުރެވެންޖެހޭނެއެވެ.

4. ބޭރުގެ ހަމަލާތަކާއި ބޭރުމީހުންގެ ރާވާ ކެހިވެރިރޭވުންތައް ހުއްޓުވުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އެހެނީ އެކަންކަމަކީ ހަމައެކަނި ދާޚިލީއަމަންއަމާންކަން ނަގައިލާކަންކަމެއްނޫނެވެ. އަދިކީއްތޯއެވެ. އޭގެ ސަބަބުން ރައްޔިތުންގެ މައީޝަތުގެ ވަސީލަތްތައް ހަލާކުވެއެވެ. ޖާނާއި މާލުގެ ރައްކާތެރިކަން ގެއްލެއެވެ. ދަރީންގެ ތަރުބިޔަތަށް ބުރޫއަރައެވެ. މުޖްތަމައަށްޓަކައި ކުރުންލާޒިމުކަންތައްތަކުގެ ނިޒާމު ބޮއްސުންލައި އޮޅުންބޮޅުންވެއެވެ. އިންސާނީ ހަޔާތުގެ މުޅިޖައްވު ޔަޤީންކަމެއް ނެތުމުގެ ޠޫފާނީ ހާލަތަކަށް ބަދަލުވެއެވެ. އިންސާނީ ފިތުރަތު ސަލާމަތުން ހުރިހައި ހިނދަކު މިފަދަ ހާލަތެއް އުފައްދާކަށެއް ނުރުހޭނެއެވެ.

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މަދީނާގެ އަހްލުވެރީން އެ ދުސްތޫރެއްގެ ޒަރީއާއިން އެއްވަލަކަށް މައްސަވައިލެއްވި ދުސްތޫރާ މެދު ވިސްނައިފިކުރުކުރުމުން އެނގިހާމަވަނީ އެދުސްތޫރުގެ މަޤްސަދަކީ އިސްވެ ބަޔާންކުރެވުނު ކަންކަން ހައްލުކުރެއްވުން ކަމެވެ. އަންނަނިވި ފޮޅުވަތްތަކުގައި މިވަނީ އެމުހިންމު ދުސްތޫރުގެ ނުވަތަ މުއާހަދާގެ އަވަސް ތަރުޖަމާއެކެވެ.

(ނުނިމޭ)