ފިރިހެން އަދި އަންހެނުންގެ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ބިޑް ހުށަހެޅުމަށް ނިންމައިފިއެވެ.
މިއަހަރުގެ އޭޝިއަން ސެންޓްރަލް ޒޯން ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބިޑް ހުށަހަޅާނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު އިބްރާހީމެވެ.
ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޮލީބޯޅަ އެސޯސިއޭޝަން ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އަދި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު އިބްރާހީމް، އޭޝިއަން ސެންޓްރަލް ޒޯން ބައްދަލުވުމުގައި ބައިވެރިވުމަށް ނޭޕާލަށް ފުރާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި އަންނަ އަހަރުގެ ފިރިހެން އަދި އަންހެނުންގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބޭއްވުމަށް ބިޑް ރާއްޖެއިން ހުށަހަޅާނެ ކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ.
ރާއްޖޭގައި މީގެ ކުރިން 2017 ވަނަ އަހަރު ފިރިހެނުންގެ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ވަނީ ބާއްވައިފައެވެ. ރިހި މެޑެއްޔަކާއި ލޯ މެޑެއްޔެއް ހޯދުމަށްފަހު ރަން މެޑެއްޔަށް ޓާގެޓް ކޮށްގެން ރާއްޖެއިން އެ އަހަރުގެ މުބާރާތުގައި ވާދަކުރި ނަމަވެސް، ރާއްޖޭގެ ޓީމު ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއަކާއެވެ.
ދާދި ފަހުން ރާއްޖެއިން ވަނީ 2023ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ބިޑު ކާމިޔާބުކޮށްފައެވެ.