އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް

ފަސޭހަކަމާއެކު ނޭޕާލް ބަލިކޮށް، ރާއްޖެ ސެމީއަށް

އަލީ ރިފްޝާން

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ނޭޕާލް ބަލިކޮށް، ރާއްޖެއިން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ގްރޫޕު ސްޓޭޖުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލްގެ މައްޗަށް ރާއްޖެއިން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ މެޗުގައި ހޯދި ގޯސްތައް ރަނގަޅުކޮށް، މިއަދުގެ މެޗުގައި ރާއްޖެއިން ވަނީ ވަރުގަދަ ކުޅުމެއް ދައްކައިފައެވެ.

މިއަދު ހަވީރު ކުޅުނު އެ މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ގެންދިޔައީ 25-22 އިންނެވެ. އެ ސެޓުގެ ފުރަތަމަ ޕޮއިންޓު ނޭޕާލުން ގެންދިޔަ ނަމަވެސް، ރާއްޖެއިން ވަނީ ފަހަތުން އަރައި ލީޑު ހޯދައިފައެވެ. ނޭޕާލުން ފަރަގު ކުޑަކުރުމަށް މަސައްކަތްކުރި ނަމަވެސް، ރާއްޖެ އަތުން ލީޑު ގެއްލިފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ސެޓު ރާއްޖެއިން ގެންދިޔައީ ވާދަވެރި ކުޅުމަކަށްފަހު 25-21 އިންނެވެ. އެ ސެޓުގެ ފުރަތަމަ ޕޮއިންޓު ވެސް ގެންދިޔައީ ނޭޕާލުންނެވެ. އެ ސެޓުގެ ކުރީކޮޅުގައި ނޭޕާލުން ލީޑު ހިފަހައްޓަމުން ދިޔަ ނަމަވެސް، ފުރަތަމަ ދިހަ ޕޮއިންޓަށްފަހު ރާއްޖެއިން ވަނީ ނަތީޖާ ހަމަހަމަކޮށް ލީޑުވެސް ހޯދައިފައެވެ. އެއަށްފަހު ހޯދި ލީޑު ދަމަހައްޓަމުން ގޮސް، ރާއްޖެއިން ވަނީ އެ ސެޓު ކާމިޔާބުކޮށްފައެވެ.

މެޗުގެ ތިންވަނަ ސެޓު ރާއްޖެއިން ގެންދިޔައީ މާ ބޮޑު އުނދަގުލަކާ ނުލައި، 11 ޕޮއިންޓުގެ ލީޑަކާއެކުއެވެ. ބޮޑު ލީޑެއްގައި ހިފަހައްޓަމުން ގޮސް، އެ ސެޓުގައި ރާއްޖެއިން ނޭޕާލްގެ މައްޗަށް ކުރި ހޯދީ 25-14 އިންނެވެ.

މިއަދުގެ މެޗަށް ރާއްޖޭގެ ޓީމު ނުކުތް އިރު، ގްރޫޕު ސްޓޭޖުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ކިރްގިސްތާން އަތުން ވަނީ ބަލިވެފައެވެ. އަދި ނޭޕާލްގެ ފުރަތަމަ މެޗުގައި އެޓީމު ވެސް ވަނީ ކިރްގިސްތާން އަތުން ބަލިވެފައެވެ. އެހެންކަމުން މިއަދުގެ މެޗު ފާހަގަކޮށްލެވުނީ އެ ގްރޫޕުން ކިރްގިސްތާނާއެކު ސެމީއަށް ދަތުރުކުރާ ޓީމެއް ކަށަވަރުކުރުމަށް ކުޅުނު މެޗެއްގެ ގޮތުގައެވެ.

އެންމެ ފަހުން އެ މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރުކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. އެ އަހަރުގެ މުބާރާތުގައި ރާއްޖެއިން ވަނީ ލޯ މެޑެއްޔެއް ހޯދައިފައެވެ. އޭގެ ކުރިން 2015 ވަނަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖެއިން ވަނީ ރިހި މެޑެއްޔެއް ހޯދައިފައެވެ. 2017 ވަނަ އަހަރު އެ މުބާރާތް ރާއްޖޭގައި ބޭއްވި ނަމަވެސް، ރާއްޖެއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ.

ރާއްޖެއިން ސެމީގައި ވާދަކުރާ ޓީމެއް ކަށަވަރުވާނީ އެ މުބާރާތުގެ 'ގްރޫޕު ބީ'ގައި މިރޭ ބަންގުލަދޭޝްއާއި ތުރުކުމެނިސްތާން ބައްދަލުކުރާ މެޗަށްފަހުއެވެ.