ޚަބަރު

ފަނަރަ އަހަރަށްފަހު ކަނދޮޅުދޫ ރައްޔިތުން ދުވާފަރުގައި ރަޖިސްޓްރީ ކޮށްދޭން ފަށައިފި

އާނިފާ ހުސެއިން ސިރާޖް

ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ރ. ކަނދޮޅުދޫ ރައްޔިތުންނަށް އެ އަތޮޅު ދުވާފަރުގައި އިމާރާތް ކޮށްދިން 676 ގޭގެ ރަޖިސްޓްރީ ހަދައިދޭން ފަށައިފިއެވެ.

ކަނދޮޅުދޫ ރައްޔިތުން ދިރިއުޅުމަށް ދުވާފަރުގައި ހެދި ގެ ތަކަށް ކަނދޮޅުދޫ މީހުން ބަދަލުވެ އެ ގެ ތަކުގައި މީހުން ދިރިއުޅެން ފެށި ފަހުން މިހާރު 15 އަހަރު ވެފައިވާއިރު، މިހާތަނަށް ވެސް އެ ގެތަކުގެ ރަޖިސްޓްރީ ހަދައިދީފައެއް ނުވެއެވެ.

އެ މައްސަލައަށް ހައްލެއް ގެނެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލަފާފުޅާއެކު ހައުސިންގް މިނިސްޓްރީން އިއްޔެ ވަނީ އެ ގެ ތަކުގެ ރަޖިސްޓްރީ ކުރެވޭނެ ގޮތުގެ ހާއްސަ އުސޫލެއް ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައެވެ.

އެގޮތުން ދުވާފަރުން ދޫކޮށްފައިވާ ގެ ތަކުގެ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައިދިނުމުގައި އަސްލަކަށް ބަލާނީ ދުވާފަރު ގެ ތަކުގެ ވަގުތީ ރަޖިސްޓްރީގެ ގޮތުގައި ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ކަނޑައަޅާފައިވާ ލިސްޓުގެ މައްޗަށް އެކުލަވާލައި ދައުލަތުގެ ކަމާ ގުޅޭ އިދާރާއިން ދޫކޮށްފައިވާ ވަގުތީ ރަޖިސްޓްރީ ކަމަށް ދުވާފަރު ކައުންސިލުން ބުނެއެވެ.

އަދި އެ ލިސްޓުގައި ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ކަނދޮޅުދޫ މީހުންގެ އަނބިން ނުވަތަ ފިރިންގެ ގޮތުގައި އެހެން ރަށް ރަށުގެ ރަށްވެހިން ވެސް ރަޖިސްޓަރީ ވެފައިވީ ނަމަވެސް ދުވާފަރަށް ބަދަލުވުމަށްފަހު ކަނދޮޅުދޫ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ވުމަށް އެ ފަރާތްތަކަށް ވަގުތީ ރަޖިސްޓަރީގައި ދީފައިވާ އެއް މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ކަނދޮޅުދޫ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައި ނުވާނަމަ، އަދި ދުވާފަރުން ލިބުނު ގޭގައި މިހާރު ދިރިއުޅޭ މީހެއް ކަމުގައިނުވާނަމަ، ދާއިމީ ރަޖިސްޓްރީ ހަދައިދޭއިރު ވަރިވެފައިވާ އަނބިންނާއި ފިރިން އެ ލިސްޓުން އުނި ކުރެވޭނެ ކަމަށް އުސޫލުގައިވެއެވެ.

ނަމަވެސް އެ ފަރާތަކީ އެ ގެ އެއްގެ ވަގުތީ ރަޖިސްޓްރީ ހިމެނޭ ކަނދޮޅުދޫ ރައްޔިތަކާ ކައިވެނިކޮށްގެން އުޅޭ ދަރިން ލިބި މިހާރު ވެސް ދުވާފަރުން ލިބިފައިވާ ގޭގައި ދިރިއުޅޭ މީހެއްނަމަ އެ ލިސްޓުން އުނިކޮށްގެން ނުވާނެ ކަމަށް ގެ ދޫކުރުމަށް އެކުލަވާލާފައިވާ އުސޫލުގައި ބުނެފައިވެއެވެ.

އެގޮތުން ދުވާފަރުން ލިބުނު ގެތަކުގެ ރަޖިސްޓްރީ ހެދުމަށް އެދޭ ކަނދޮޅުދޫ ރައްޔިތުން މި އުސޫލަށް އަމަލު ކުރަން ފަށާތައި އެއް އަހަރުގެ ތެރޭގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅަން ޖެހޭނެ ކަމުގައި ވެސް ދުވާފަރު ކައުންސިލުން މައުލޫމާތުދެއެވެ.

އަދި މި އުސޫލަށް އަމަލު ކުރަން ފެށުމުގެ ކުރިން ހަދައިދީފައިވާ އިމާރާތާއި ގޯތީގެ ރަޖިސްޓަރީތައް ދެމި އޮންނާނެ ކަމަށާއި އެއްވެސް ޝަރުއީ ކޯޓަކުން ރަޖިސްޓްރީއެއް ބާތިލް ކޮށްފައިވާނަމަ އަލުން އެ ރަޖިސްޓަރީއެއް ހަދައިދޭނީ ކޯޓުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތިން ކަމަށް ވެސް ދުވާފަރު ކައުންސިލުން ބުނެއެވެ.

ދުވާފަރުގެ ރައްޔިތުންނަށް ރަށްވެހިކަން ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ވަނީ ކަނދޮޅުދޫއިން ދުވާފަރަށް ބަދަލުވި ރައްޔިތުންނަށާއި އަލަށް އުފަންވާ ކުދިންނަށް ވެސް ދުވާފަރުގެ ރަށް ވެހިކަން ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވެފައެވެ.