ކޮލަމް

ކެޔޮނިރު: ދޯކާ ދީގެން ތަރައްޤީ ކޮށްދޭނެ ގޮތް

މުހައްމަދު ބުޝްރީ

1

މިއީ ޚިޔާލީ ވާހަކައެކެވެ! އަޅުގަނޑުގެ ގެޔަށް ގެނައި ހައުސް ކީޕަރެއްގެ ވާހަކައެވެ. އެފްރިކާގެ ޤައުމަކަށް ނިސްބަތްވާ ބަބުރެކެވެ. އޭނަގެ ވަޒީފާގެ ޒިއްމާ އަކީ ގެއަށް ބޭނުންވާ ކާބޯތަކެތި ގަތުމާއި، ކެއްކުމާއި، ކާން ހެދުމާއި، ގެ ސާފު ކުރުމާއި މަރާމާތުކޮށް ބަލަހައްޓައި ތަރައްޤީ ކުރުމެވެ. ހައުސް ކީޕަރުގެ ވަޒީފާއަށް އަޅުގަނޑު ދިން ނަމަކީ "ރައީސް" އެވެ! ރައީސް އަށް އަޅުގަނޑު ދިނީ ފަސް އަހަރުގެ ކޮންޓްރެކްޓެކެވެ. ކޮންމެ މަހަކުވެސް ގޭގެ ހުރިހާ ކަމަކަށް ބަޖެޓެއް ކަނޑަ އަޅައި، އޭނާއާ މަހަކު 25،000 ރުފިޔާ ހަވާލު ކުރަމެވެ.

ހައުސް ކީޕަރގެ މަސައްކަތާ މިކަލޭގެ ޙަވާލުވި ފަހުން ގޭގެ ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމަ ވެއްޖެ އެވެ. ހެނދުނުގެ ނާސްތާއަށް ހުނަނީ ތިން ވައްތަރުގެ ފުރުޓް، ކޯން ފްލޭކްސް، ސައި، ކޮފީ، ބީފް ސަލާމީ ސޭންޑްވިޗް، ކްރޮއިސޯން، މާމުއި، ބޭކަޑް ބީންސް ފަދަ މީރު ކާނާއެވެ. މެންދުރުގެ ކެއުމަށް ކުކުޅު ބިރިޔާނީ، ގްރީން ސެލެޑް، ޗިކަން ޕައި، އޮރެންޖް ޖޫސް، އައިސް ކްރީމް ފަދަ ކާނާ އެވެ. އަދި ހަވީރު ސަޔަށް ތަފާތު ވައްތަރު ތަކުގެ، ކުޅި، ފޮނި ޕޭސްޓްރީ އާއި ކަޕުޗީނޯ އެވެ. ރޭގަނޑުގެ ކެއުމަށް ރޯސް ކުކުޅާއި ފަރާޓާ އާއި ކޯލްސްލޯ ސެލެޑާއި މިލްކް ޝޭކް އަދި ޕިރިނީ އެވެ. ރޭގަނޑު ނިދުމުގެ ކުރީން އައިސް މައިލޯ އެވެ.

"ރައީސް" ގެ ބެލުމުގެ ދަށުން ގޭގެ ހުރިހާ ބޮކިތައް ލެޑް ލައިޓަށް ބަދަލު ކޮށް އަލުން މުޅި ގޭގައި ވެދަރ ޕްރޫފް ކުލަ ލައި، ސޯފާ ސެޓް ވެސް އެންމެ ޒަމާނީ ސޯފާސެޓަކަށް ބަދަލު ކޮށްފި އެވެ. ގޭގައި ދުއްވާ ކާރު ވެސް ދެދުވަހުން އެއް ދުވަހު ފުލްސާރވިސް ހައްދާފަ، ދޮވެ، ޕޮލިޝް ކުރެއެވެ. އަޅުގަނޑު އަންހެނުން ކައިރީ ބުނީމެވެ: "މިއީ ކޮންފަދަ މޮޅު ރައީސެއް ހެއްޔެވެ! މަހަކު 25،000 ރުފިޔާ ދިނުމުން މިހާ މޮޅަށް ކާން ދީފަ، މުޅި ގެ އަޕްގްރޭޑް ކޮށް ތަރައްޤީ ކުރެއެވެ."

ޖަވާބުގައި އަންހެނުން ބުންޏެވެ: "ތިއީ މޮޅު އިކޮނޮމިސްޓެކެވެ. އޭނައަށް މޮޅަށް ކަންކަން ކުރަން ހަމަ އެނގެނީ އެވެ."

ރައީސްގެ "ޔަމީ" ކެއުން ކައިގެން، އެއްވެސް "ހެޑޭކެއް" ނެތި، އުފަލުގައި އަޅުގަނޑާއި، ގޭގެ އެންމެން ދުވަސްތައް ގުނަމުން ގޮސް ހައުސް ކީޕަރ ނުވަތަ "ރައީސް" ގެ ފަސް އަހަރުގެ ކޮންޓްރެކްޓް ހަމަވެއްޖެ އެވެ. މިކަލޭގެ ބޭނުން ވަނީ އަދި އިތުރު ފަސް އަހަރުގެ ކޮންޓްރެކްޓެކެވެ. އަޅުގަނޑާއި އަންހެނުން ތިބީ ރައީސްގެ ތަރައްޤީ ފެނިފައި އާޝޯހު ވެފައެވެ. އިތުރު ފަސް އަހަރުގެ ކޮންޓްރެކްޓެއް ދޭން ކެތް މަދުވެފައެވެ.

އާ ކޮންޓްރެކްޓްގައި ސޮއި ކުރަން އޮތީ އާދީއްތަ ދުވަހެއްގައެވެ. އިއްތިފާގުން އެއީ ބަންދު ދުވަހެކެވެ. އަޅުގަނޑު ހެނދުނުގެ "ޔަމީ" ބްރެކްފަސްޓް ކާލައިގެން ޅިސްޖެހިފަ އިންދާ އަންހެނުން އައިސް ބުރަކަށި މައްޗަށް ވެއްޓިގެންފަ ބުންޏެވެ: "އަހަރުމެންގެ ކައިވެނީގެ ފޮޓޯ އަލްބަމް ބަލައިލަމާދޯ ފޫހި ފިލުވައިލާން."

ކައިވެނީގެ ފޮޓޯ އަލްބަމާއި، ކައިވެނީގެ ކުރިން ދޭ ތިންގަނޑެތި އާއި، ކައިވެނީގެ ރަނަށް ދިން ރަން ފައްޓަރު ބަޔާއި، އުނަގަނޑުގައި އަޅާ އާސާރި ރިހި ފައްޓަރު ބަޔާއި، މަންމަ ހައްޖުން އަންނަމުން މައްކާއިން އަންހެނުންނަށް ގެނެސްދިން ދޯންޏެއްގެ ނަގިލިހާ ބަރު 7 ގަނޑު ރަން ތަނޑިއާއި، އާއޮމުކޮށް ނާޅާ ބަހައްޓާފަ ހުރި "ހިސް އެންޑް ހާސް" ރޮލެކްސް ގަޑިއާއި، ރިބާ އެކުލެވިދާނެތީ ބޭންކަށް ނުލާ ތިޖޫރީގަ "ސޭވް" ކޮށްފައި ހުރި ތިން މިލިއަން ރުފިޔާ އާއި، ބުމްރުންގްރެޑް ހޮސްޕިޓަލުން މެޑިކަލް ހައްދަން ބެންކޮކަށް ފުރަންވާއިރަށް ހައްދާފަ ހުރި ހަތް ހާސް ޑޮލަރުވެސް ހުރީ ބޮޑު ތިޖޫރީ ގައެވެ. އަންހެނުން ހެވިލާފަ ގޮސް ތިޖޫރީ ހުންނަ އޮފީސް ކޮޓަރި (ސްޓަޑީ) ހުޅުވާލިއެވެ. ކަމަކު ދާކަށް ނެތެވެ. ތިޖޫރީ ހުރިތާގަ ހުރީ ފުން ވަޅުގަނޑެކެވެ!

އަންހެނުން ރޮމުން ރޮމުން އައިސް އަޅުގަނޑުގެ ކޮނޑު މައްޗަށް ވެއްޓިގަތެވެ. "ލޯބީ. އަހަރުމެން ބަރުބާދު ވެއްޖެ. ތިޖޫރީ ވަގަށް ނަގައިފި. އެތާ ހުރީ ފުން ވަޅުގަނޑެއް."

ރައީސް ދިން މޮޅު ބްރެކްފަސްޓް ކައިގެން ޅިސްޖެހިފައި އިން އަޅުގަނޑު، ކުއްލިއަކަށް އެލާޓަށް އައިސް، ބޮނޑެއް ކާލައިގެން އިން ނަންނުގައްޗެއްހެން ތެދުވެ ދުއްވައިގަތީމެވެ. ތެދެކެވެ. ތިޖޫރީއެއް ނެތެވެ. އެހުރިހާ ރަނާއި، ރިއްސާއި، މިލިއަނުން ނަގުދު ފައިސާ އާއި، ހުރިހާ އަލްބަމަކާއި އެކު ތިޖޫރީ ވަގަށް ނަގައިފިއެވެ. ތިޖޫރީ ހުންނަ ކޮޓަރިއަކީ އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުން އާއްމުކޮށް ވަންނަ ތަނެއް ނޫނެވެ. އެދުވަހު ތިޖޫރީ ހުޅުވަން ދިޔައީ ނުހުޅުވާތާ އެތައް އަހަރެއް ވީފަހުންނެވެ. އެހެންވީމަ ތިޖޫރީ ވަގަށް ނެގީ ކޮން ދުވަހަކު ކަން ބުނަންވެސް ދައްޗެވެ. ކޮންމެއަކަސް "ރައީސް" އަށް ގޮވައިގެން ގެނެސް މިމަންޒަރު ދައްކާފަ ސުވާލު ކޮށްފީމެވެ. ރައީސް ދައްކަން ފެށީ މުޅިން އެހެން ވާހަކައެކެވެ.

އެހާ މޮޅަށް ކާން ދީފަ، އެހާ ރަނގަޅަށް ގެ އަޕްގްރޭޑް ކޮށް، ތަރައްޤީ ކޮށްދީފަ، ހުރިހާ ކަމެއް ކޮށް ދިނީމަ ވެސް ދައްކަން އެނގެނީ އެންމެ ތިޖޫރީ އެއްގެ ވާހަކައޭ ކިޔާފަ ޝަކުވާ ކުރަން ފެށިއެވެ. ފުލުހަށް ގުޅައިފީމެވެ. ތަހްޤީގް ނިމުނުއިރު މިވާ ގޮތަކީ، ފަސްއަހަރުގެ ކޮންޓްރެކްޓްގެ މުއްދަތުގައި ހައުސް ކީޕަރ މިކުރާ ކަމަކީ ތިޖޫރީން ރަނާއި ރިއްސާއި ފައިސާ ވަގަށް ނަގަނީ އެވެ. އަދި އެނަގާ ތަކެތި ވިއްކައި، ލިބޭ ލާރީގެ ދަބައިކުޅަ އެއްބައި "ރައީސް" ގެ އެކައުންޓަށް ލައި، އަނެއްބައިން އަގުބޮޑު ކާނާ ގަނެ އަޅުގަނޑުމެންނަށް ކާން ދިނީއެވެ. ގެ އަޕްގްރޭޑް ކޮށް ތަރައްޤީ ކޮށް އަޅުގަނޑުމެންނަށް ކާން މިދިނީ އަޅުގަނޑުމެންގެ އަމިއްްލަ ހަރު މުދާ ވިއްކައިގެން، ވައްކަން ކޮށްގެން ލިބޭ މިލިއަނުން، ހައުސް ކީޕަރަށް ކަޓް ނަގާފަ ބާކީވާ ފައިސާ އިންނެވެ. ވެންމަސް ވެނަށް ކާންދިނީ އެވެ. ކޮންފަދަ މޮޅު ރައީސެއް ހެއްޔެވެ؟

މިކަލޭގެއަށް ދޭންވީ އިތުރު ފަސް އަހަރުގެ ކޮންޓްރެކްޓެއް ނޫނެވެ. ފަންސާސް އަހަރުގެ ޖަލު ހުކުމެކެވެ. މިއީ ތަރައްޤީ ނަމަ މިކަހަލަ ތަރައްޤީ ގެންނާނެ ކަމެއްނެތެވެ. އަޅުގަނޑުގެ އާއިލާ ބަގުރޫޓް ކޮށް، ދަރުވާލައި، ހަރު މުދާކޮޅު ވިއްކައި، ތިޖޫރީ ވަގަށް ނަގައި، އެތަނުގައި ފުން ވަޅުގަނޑެއް ބެހެއްޓި މީހެކެވެ. މީނަ ދިން އެއްޗެތި ކައިގެން މީނައަށް ހުޝާމަދު ކޮށްކޮށް ފަސްއަހަރު ތިބިއިރު ފަރުދާގެ ފުރަގަހުން ހިންގަމުންދިޔަ ކަންތައްތައް އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނަށް ނޭނގުނީއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!