Close
ލައިފް ސްޓައިލް

މާގިނައިން "ސޮރީ" ނުބުނާތި!

ފަތޯނާ ފާއިޒު

ވަރަށް ކުދި ކުދި ކަންތައްތަކުގައި މާފަށް އެދުމަކީ ބައެއް މީހުންގެ ކިބައިގަައި ހުންނަ އާދައެކެވެ. އެގޮތުން ޒިންމާ ނަގަން ނުޖެހޭ ކަމެއް ހިނގިޔަސް، ވަަރަށް ފަސޭހައިން މާފަށް އެދުމަކީ އެފަދަ މީހުންގެ ފަރާތުން ފެންނަ ސިފައެކެެވެ.

ކިރިޔާ ކަމެއް ވާއިރަށް "ސޮރީ" ބުނުމަކީ ވަރަށް އާއްމު ކަމަކަށްވާއިރު ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި އެއީ އެދެވިގެންވާ ކަމެއް ނޫނެވެ. ބައެއް މީހުންނަކީ އެވްރެޖްކޮށް ދުވާލަކު އަށް ފަހަރު ސޮރީ ބުނާ މީހުންނެވެ. ތިބާ އަކީ ގިނައިން މާފަށް އެދޭ މީހެއް ނަމަ، އަވަހަށް އެކަން ބަދަލު ކުރާށެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގަައި މީހަކު މާ ގިނައިން "ސޮރީ" ބުނުމަކީ، ފަައިދާއަށް ވުރެ ބޮޑަށް އެމީހަކަށް އެކަމުގެ ސަބަބުން ގެއްލުން ވެދާނެ ކަމެކެވެ. އެގޮތުން ތިބާ އަބަދު ކަމެއް ކޮށްފައި މާފަށް އެދޭނަމަ، އެބަހުގެ ބާރު ގެއްލި، މީހުން ތިބާގެ ފަރާތުން "ސޮރީ" އެބަސް އަހަން ފޫހިވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މާގިނައިން މާފަށް އެދޭނަމަ، ތިބާއާ ދޭތެރޭގައި އެހެން މީހުން ވިސްނާ މިންވަރު ކުޑަވެއެވެ. އެގޮތުން ތިބާ އަކީ އަމިއްލަ ނަފުސަށް އިތުބާރު ނުކުރެވޭ، އަދި ބަލިކަށި މީހެއްގެ ގޮތުގައި އެެހެން މިހުން ދެކޭނެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި، ގިނައިން މާފަށް އެދޭ މީހުން، އެކަމާމެދުގައި ވިސްނައި، އެކަން ބަދަލު ކުރަން މަސައްކަތް ކުރަންޖެހެއެވެ.

އެގޮތުން، އެކަން ހުއްޓުވުމަށް ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި ތަޖުރިބާކާރުން ބުނަނީ ސޮރީ ބުނެވޭ ހާލަތްތަކަކީ ކޮބައިތޯއާއި އެކަންކަމަކީ ހަގީގަތުގައިވެސް ތިބާ އެބަސް ބޭނުން ކުރަންޖެހޭ ހާލަތްތަކެއްތޯ ވިސްނުން ހިމެނެއެވެ. އަދި މާގިނައިން ސޮރީ ބުނެވޭނަމަ، އެބަހުގެ ބަދަލުގައި ބުނާނެ އެހެން އިބާރާތެއް ކަނޑައަޅުމަކީވެސް ކުރެވިދާނެ ކަމެކެވެ.