ވެމްކޯ

ވެމްކޯގެ ބިލުތަކަށް ފައިސާދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް

ވެމްކޯގެ ބިލުތަކަށް ފައިސާދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް އެކުންފުނިން ހަމަޖައްސައިފިއެވެ.

ވެމްކޯއިން ބުނީ ބިލުތަކަށް ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކުން އެކުންފުނީގެ ވެބްސައިޓް avaspay.veshifaara.com އަށް ވަނުމުން ކަސްޓަމަރުގެ އަ.އި.ޑީ ބިލު ނަންބަރު ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ޖަހައިގެން އެ ހިދުމަތް ހޯދޭނެ ކަމަށެވެ. އަދި މައުލޫމާތު ސައްހަކަމުގައި ވާނަމަ، ދައްކަންހުރި ބިލްތަކުގެ ތަފްސީލު ފެންނާނެ ކަމަށާއި އޮންލައިން ބޭންކިން މެދުވެރިކޮށް ބިލުތަކަށް ފައިސާ ވެސް ދެއްކޭނެއެވެ. އޮންލައިންކޮށް ބިލުތަކަށް ފައިސާ ބަލައިގަތުމުގެ ހިދުމަތް 24 ގަޑިއިރު ލިބެމުންދާނެ ކަމަށް ވެސް ވެމްކޯއިން ބުނެ އެވެ.

އޮންލައިންކޮށް ބިލު ދައްކަން ދަތިވާނަމަ އެކޯޕަރޭޝަނުގެ ހުރިހާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއްގައިވާ ކަސްޓަމާ ފްރަންޓް އޮފީހަށް ވެސް ބިލުދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ. ކަސްޓަމާ ފްރަންޓް އޮފީސްތަކުން ބިލު ބަލައިގަތުމުގެ އިތުރުން، ހިދުމަތަށް ރަޖިސްޓްރީކުރުމާއި، ބިލުތަކާއި ގުޅޭ ޝަކުވާ ބަލައިގަންނަމުންދާނެއެވެ. ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތް ފޯރުކޮށްދެމުން ގެންދާނީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު 8:45އިން 3:45 އަށެވެ.

މީގެ އިތުރުން، ވެމްކޯގެ ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ސަރަހައްދެއްގައިވާ ތާޑް ޕާޓީ ބިލުތަކަށް ފައިސާ ބަލައިގަންނަ ފިހާރަތަކުން ވެސް ވެމްކޯގެ ބިލުތަކަށް ފައިސާ ބަލައިގަންނަމުންދާނެ ކަމަށާއި ތާޑް ޕާޓީ އައުޓްލެޓްތަކުގެ ތަފުސީލު އެ ކޯޕަރޭޝަންގެ ވެބްސައިޓު www.wamco.com.mv އިން ފެންނާނެ ކަމަށް ވެމްކޯއިން ބުނެ އެވެ.

ބިލު ދެއްކުމުގައި ސަމާލުވާން ޖެހޭ ކަންކަމުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ކަމަކީ، ވެމްކޯގެ ބިލުތަކަކީ އެސްއެމްއެސްގެ ޒަރިއްޔާއިން ޑިޖިޓަލްކޮށް ފޮނުވޭ ބިލުތަކަކަށް ވެފައި، ބިލު ފޮނުވޭނީ، ހިދުމަތަށް އެދުނުއިރު ދީފައިވާ މޯބައިލް ނަންބަރަށް ކަމެވެ.

ބިލު ލިބުމުގައި އަދި ބިލުގެ ތަފުސީލުގައި މައްސަލައެއް އުޅޭނަމަ، ލަސްނުކޮށް އެ ކޯޕަރޭޝަންގެ ހޮޓްލައިން 1666އަށް ގުޅައި، ރިޕޯޓްކުރުމަށް ވެމްކޯ އިން އެދެއެވެ. އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބިލުދައްކާއިރު މައްސަލައެއް ފާހަގަވާނަމަ، ލަސްނުކޮށް އެ ކޯޕަރޭޝަންގެ ހޮޓްލައިން 1666 އަށް ގުޅައި ރިޕޯޓްކުރަން ޖެހޭނެއެވެ.