ގައުމީ ޔުނިވަސިޓީ

އެމްއެންޔޫއަށް އާ ވައިސް ޗާންސިލަރެއް މިއަދު ހަމަޖައްސަނީ

އާނިފާ ހުސެއިން ސިރާޖް

މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީ (އެމްއެންޔޫ) އަށް އާ ވައިސް ޗާންސިލަރަކު އައްޔަންކުރަން ނިންމާފައިވާ ކަމަށް އެމްއެންޔޫގެ މިހާރުގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

ޑރ. އަލީ ފަވާޒް އެމްއެންޔޫގެ ބައެއް މުވައްޒަފުނަންނަށް މިއަދު ކުރެއްވި މެސެޖެއްގައި ވަނީ މިއަދު އެމްއެންޔޫއަށް އާ ވައިސް ޗާންސެލަރެއް އައްޔަން ކޮށް މާދެމާއިން ފެށިގެން މަސައްކަތް ކުރަން ފަށާނެކަމަށް އޭނާއަށް އަންގާފައިވާ ކަމަށެވެ.

ޑރ. ފަވާޒް މުވައްޒަފުނަނަށް ކުރެއްވި މެސެޖުގައި އިތުރަށް ވިދާޅުވީ އެމްއެންޔޫގެ މުވައްޒަފުންނާއެކު މަސައްކަތް ކުރައްވަން ލިބިވަޑައިގަތުމުން ވަރަށް އުފާވާ ކަމަށާއި އެމްއެންޔޫއާ ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާތީ ދެރަވާކަމަށެވެ. ޑރ. ފަވާޒް ވަނީ ވައިސް ޗާންސިލަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު މުވައްޒަފުންގެ ފަރާތުން ލިބިވަޑައިގެންނެވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށާއި މުވައްޒަފުންނަށާއި އެމްއެންޔޫއަށް ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އާ މެނޭޖްމެންޓާއި ގުޅިގެން މަސައްކަތް ކުރާތަން ދެކިވަޑައިގަންނަވަން ބޭނުންވާ ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އަދިވެސް އެމްއެންޔޫއަށް ހިދުމަތްކުރެއްވުމުގެ ފުރުސަތު ލިބިގެން ދިއުމަށް އުންމީދުކުރައްވާ ކަމަށްވެސް ޑރ. ފަވާޒް ވަނީ ވިދާޅުވެފައެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހީމް ހޫދު "ވަން އަށް" މިއަދު ވިދާޅުވީ، އެމްއެންޔޫ އަށް އާ ވައިސް ޗާންސެލަރެއް މިއަދު އައްޔަން ކުރައްވާނެ ކަމަށެވެ.

ނަމަވެސް އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސިލާރ "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އާ ވައިސް ޗާންސިލަރެއް އައްޔަން ކުރާކަމުގެ މައުލޫމާތު އަދި ލިބިވަޑައިގެންފައި ނުވާކަމުގައެވެ.