ޕޮލިސް

ތޭރަ އަހަރުގެ ކުއްޖަކަށް ދޮންބައްޕަ ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގައި ފުލުހުން އިހުމާލުވި ކަމުގެ ތުހުމަތު

މަރިޔަމް ޝަހުދާ

13 އަހަރުގެ ކުއްޖަކަށް ދޮންބައްޕަ ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އެކުއްޖާގެ އާއިލާއިން ތުހުމަތުކޮށްފިއެވެ.

މިދިޔަ މަހުގެ 29 ގައި ފުލުހުންނަށް މި މައްސަލަ ހުށަހެޅިއިރު، މިހާތަނަށް މިމައްސަލައިގައި ފުލުހުންގެ މާބޮޑު އެއްބާރުލުމެއް ނުލިބޭ ކަމަށް ބުނެ 13 އަހަރުގެ ކުއްޖާގެ އާއިލާގެ މީހަކު ވަނީ މިކަން ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އޭނާ މައުލޫމަތު ދިންގޮތުގައި 13 އަހަރުގެ ކުއްޖާއަށް ފާއިތުވި ތިން އަހަރު އޭނާގެ ދޮން ބައްޕަގެ ފަރާތުން ޖިންސީ ފުރައްސާރައާއި ވަނީ ކުރިމަތިލާންޖެހިފައެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ކުޑަ ކުއްޖާއާއި މި ޕޯސްޓް ސޯޝަލް މީޑިއާގައި އާންމު ކުރި މީހާގެ ސްޓޭޓްމަންޓެއް ނެގުމަށްފަހު މި މައްސަލައަށް ވަކި އިންވެސްޓިގޭޓިން އޮފިސަރެއް ހަމަޖައްސާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ. ނަމަވެސް ދެން ލިބުނީ މައްސަލަ ބަންދު ކޮށްފައިވާ ކަމުގެ މެސެޖެއް ކަމަށް އޭނާގެ ޕޯސްޓުގައި ބުނެފައި ވެއެވެ. އަދި ވަގުތުން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް މި މައްސަލައާއި ގުޅިގެން މައުލޫމާތު ސާފު ކުރަން ދިއުމުން އެ މެސެޖަކީ އޮޅިގެން ކުރެވިފައިވާ މެސެޖެއް ކަމަށް ފުލުހުން ބުނި ކަމަށް އޭނާ މައުލޫމާތު ދިނެވެ.

ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓްގައި މި މައްސަލައަށް އިންވެސްޓިގޭޓިން އޮފިސަރެއް ހަމަޖެއްސުނީ ދެދުވަސް ފަހުން ކަމަށާއި، ކުއްޖާގެ މަންމަގެ ބަޔާން ނެގުމަށް ކުއްޖާގެ މަންމަ ގެންދެވުނީ ހަތަރު ދުވަސް ފަހުން ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ފުލުހުންގެ މަސައްކަތް ލަސްކަމުން ކުއްޖާގެ ހާލަތު މޮނިޓަރ ކުރުމަށް ގައިނޮކޮލޮޖިސްޓަކާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއްގެ އިތުރުން ތެރަޕީ ސެޝަންތައް ހަމަޖެއްސީ އަމިއްލައަށް ކަމަށް މި ޕޯސްޓުގައި ބުނެފައި ވެއެވެ.

ފުލުހުން ވަނީ ތެރަޕީ ސެޝަން ހަމަޖެއްސޭނީ އީދު ބަންދަށް ފަހު ކަމަށް ބުނެފައިވާ ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ. އަދި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ދޮންބައްޕަގެ ފަރާތުން އިންޒާރު ލިބެމުންދާ ކަން މައްސަލަ ބެލުމަށް ކަނޑައަޅާފައިވާ އިންވެސްޓިގޭޓިން އޮފިސަރާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ފުލުހުންގެ ތަހުގީގަށް ސައިކޮލޮޖިސްޓަކަށް އެކުއްޖާ ދެއްކުމަށް ބުނި އިރު އެކުއްޖާއަށް އެކި ފަހަރު މަތިން ލިބިފައިވާ އަނިޔާ އެކި އެޕޮއިންމަންޓްތަކުގައި ކިޔައިދޭން ޖެހުމުން އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަމަށް އޭނާ ފާހަގަ ކުރިއެވެ. އަދި މައްސަލަ ހުށަހެޅުނުތާ 21 ދުވަސް ވެފައިވާއިރުވެސް އެކުއްޖާއަށް ޖިންސީ ފުރައްސާރަ ކުރި އެނާގެ ދޮންބައްޕަ އަދިވެސް މިނިވަންކަމާއެކު އުޅެމުން އަންނަކަން ފާހަގަކޮށްފައިވެ އެވެ.

އާއިލާގެ މެންބަރުގެ ޓުވީޓަށް ޖަވާބުދެއްވަމުން، ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވީ މި މައްސަލަ ބަލަމުން އަންނަ ފުލުހުންނާއެކު ހުށަހަޅާފައިވާ ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ކޭސް ބަންދު ކުރެވިފައިވާ ކަމަށް ބުނެ ފޮނުވިފައިވާ މެސެޖަކީ މެޝިން އެރޯއެއް ކަމަށް ހަމީދު ވިދާޅުވެފައި ވެއެވެ.