ޕީޕީއެމްއިން މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި ކޮންގްރެސްގައި ނިންމި ނިންމުންތައް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގެން މައްސަލަ އެޕާޓީން ހައިކޯޓަށް ހުށަހަޅައިފިއެވެ.
ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެޕާޓީން އެދިފައިވަނީ ޕާޓީގެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އަދި އެ ޖަލްސާގައި ފާސްކުރި، ޕާޓީގެ އަސާސީ ގަވާއިދާއި މަގާމުތަކަށް އިންތިޚާބު ކުރި ފަރާތްތައް ޕާޓީގެ ދަފްތަރުގައި ހިމެނުމަށް އަމުރުކޮށް ދިނުމަށެވެ.
ޕީޕީއެމްއިން ބޭއްވި ކޮންގަރެސްގެ ނިންމުންތައް ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އިޖުރާއަތްތައް ފުރިހަމަ ނުވާ ކަމަށް ބުނެއެވެ.
ޕީޕީއެމްއިން މިދިޔަ ހަފްތާގެ ބުދަ ދުވަހު ހުށަހެޅި އެ މައްސަލަ ހައިކޯޓުން ބަލައިގަނެ މާދަމާއަށް ވަނީ އަޑުއެހުން ތާވަލްކޮށްފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ހުސްވި ހަފްތާގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރިއިރު، އެޕާޓީގެ މައްސަލައެއް ކޯޓުގައި އޮތުމުން ވަނީ ޕީޕީއެމް އަށް ދޫކުރަންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައެވެ.
ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް އީސީ ބަލައިނުގަތުމަށް ނިންމި އިރު، ކޮންގްރެސް ހުއްޓުވައި ދިނުމަށް އެދި އެޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން 27 ނޮވެންބަރު 2018 ގައި އީސީއަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އީސީން އޭރު ބުނެފައިވަނީ ކޮންގްރެސް ހުއްޓުވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ޕީޕީއެމްގެ ހިންގުން ސިވިލް ކޯޓުގެ ހުކުމަކުން ރައީސް ޔާމީންއާ ހަވާލުކޮށްފައިވަނީ 16 އޮކްޓޯބަރު 2016 އެވެ.
މީގެއިތުރުން ޕީޕީއެމްގެ ބާރުތައް އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލު ކޮށްދިނުމަށް އެދި އެ ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލްތައް ސުޕްރީމް ކޯޓަށް ގެންދިއުމަށްފަހު އެ މައްސަލަ ސިވިލް ކޯޓުން ބެލުން މިހާރު ވަނީ ހުއްޓުވައިފައެވެ.