ސިޔާސީ

އީދު ބަންދުގައި މާލެ ސަރަަހައްދުން ފުލުހުންނަށް 206 މައްސަލައެއް ހުށަހަޅާފައިވޭ

މަރިޔަމް ޝަހުދާ

އީދު ބަންދުގައި މާލެ ސަރަަހައްދުން ފުލުހުންނަށް 206 މައްސަލައެއް ހުށަހަޅާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިމަހު 18ގައި ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބަކީ މިމަހު ނުވައަކުން 17 އާއި ދެމެދު މާލެ ސަރަހައްދުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކެވެ.

މީގެ ތެރޭ ވައްކަމާއި، މާރާމާރީގެ އިތުރުން ޓްރެފިކްގެ ހާދިސާތަކާއި ޑްރަގް މައްސަލަތައް އަދި ގެވެށި އަނިޔާ ފަދަ މައްސަލަތައް ހުށަހަޅާފައިވެއެވެ. މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އީދު ބަންދުގައި އެންމެ ގިނަ މައްސަލަތައް ހުށަހަޅާފައިވަނީ މާފަންނުންނެވެ. އެއީ 56 މައްސަލައެކެވެ.

މާފަންނުން އެންމެ ގިނައިން ހުށަހަޅަފައިވަނީ ވައްކަމުގެ މައްސަލައެވެ. އެގޮތުން ވައްކަމުގެ 22 މައްސަލައެއް ހުށަހަޅާފައިވެއެވެ. މީގެ އިރުތުން އެންމެ ގިނައިން ދެން ހުށަހަޅާފައިވަނީ ޓްރެފިކްގެ މައްސަލައެވެ. އެގޮތުން ޓްރެފިކްގެ ހަތް މައްސަލައެއް މާފަންނުން ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

ދެވަނައަށް އެންމެ ގިނައިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ ހެންވޭރުންނެވެ. ހެންވޭރުން ޖުމުލަ 52 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޓެންޓުގެ މައްސަލައެވެ. ހެންވޭރުން އީދު ބަންދުގައި ފުލުހުންނަށް ޓްރެފިކްގެ 18 މައްސަލައެއް ހުށަހަޅާފައިވެއެވެ. ދެ ވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލައެވެ. ވައްކަމުގެ 10 މައްސަލައެއް ހުށަހަޅާފައިވެއެވެ.

މާލެ ސަރަހައްދުން އެންމެ މަދުން ފުލުހުންނަށް މައްސަލަ ހުށައަޅާފައިވަނީ ވިލިމާލެ އިންނެވެ. އެގޮތުން ވިލިމާލެއިން ފުލުހުންނަށް ހުށަހަޅާފައިވަނީ ވަނީ ހަތް މައްސަލައެކެވެ. އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލައެވެ. އެއީ ތިން މައްސަލައެކެވެ.

މި މުއްދަތުގައި ޖުމުލަކޮށް އެންމެ ގިނައިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ ހައްޖު ދުވަހުއެވެ. އެގޮތުން ހައްޖު ދުވަހު ޖުމުލަ 37 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.