(17 އޯގަސްޓުގެ އަދަދާ ގުޅޭ)
މަލިކު މީހުންގެ އާދަކާދަޔާމެދު ލިޔާ ބާބެއް ނިންމައިލާއިރު އެބައިމީހުންގެ "ރަށްގަނޑަށް ދިއުމުގެ" މައްޗަށް އަލިއަޅުވައި ނުލައިފިނަމަ އެބާބެއް ފުރިހަމަ ނުވާނެކަމީ ޝައްކެއްހުރި ކަމެއް ނޫނެވެ.
ރަށްގަނޑަށް ދިއުމަކީ އަޅުގަނޑުމެންގެ ގޮތަށް ދަންނަވާނަމަ ދަތުރު ދިއުމެކެވެ. އަޅުގަނޑުމެންވެސް ފަޅުރަށްރަށަށް ދަތުރުދާ ފަދައިންނެވެ. ނަމަވެސް މަލިކަކީ އެކަހެރީންނަށް އޮންނަ ރަށެއްކަމުގައި ވުމާއެކު އެބައިމީހުން އެކަންކުރަނީ މާފުޅާ ދާއިރާއެއްގައެވެ. އަޅުގަނޑުމެންގެ ތެރޭގައި އެކުވެރި ގްރޫޕްތަކުން ދަތުރުދާ ފަދައިން އެބައިމީހުންގެ ތެރޭގައިވެސް އެކިއެކި ޢާއިލާތަކުންނާއި "ވިލިވިލިން" ވެސް ރަށްގަނޑަށް ގޮސް އުޅެއެވެ. ނަމަވެސް މަލިކުމީހުން އެބައިމީހުންގެ ޚާއްޞަގޮތުގައި ރަށްގަނޑަށް ދާއިރު ރަށުގެ އަވަށެއް ނުވަތަ ދެތިން އަވަށެއްގެ މީހުން އެކަމުގައި ބައިވެރިވެއެވެ.
ރަށްގަނޑަކީ މަލިކު ފަޅުތެރޭގައި ފޯޗަންޗޯރު މަގެވެ ކިޔާ ނެރާ ދާދިގާތުގައި އިހަށް އޮތް ފިނޮޅެކެވެ. ފަހުން އެފިނޮޅު ގިރަމުންގޮސް ހުސްގާތަކެއްގެ ފުށްޓެއްގެ ގޮތުގައި އޮވެފައި މިހާރުވަނީ މުޅީން ގިރައިފައެވެ. "ރަށްގަނޑު" މުޅިން ނެތިގެން ދިޔައީ އަޅުގަނޑުމެން މަލިކަށް ދިއުމުގެ އަހަރެއް ދެއަހަރެއްގެ ކުރީންނެވެ.
އަވަށްއަވަށުގެ މީހުން އެކުވެގެން ރަށްގަނޑަށް ދާއިރު ރަށްގަނޑަށް ދާދުވަހުގެ ކުރީދުވަހު އެއަވަށެއްގެ ހުރިހާ ފިރިހެނުން ނުކުމެ ޖަހާދޯންޏާއި އިތުރު ދޯނިފަހަރު ތައްޔާރުކޮށް ޒީނަތްތެރިކޮށް ދޯނިފަހަރުގައި ސަނދުވާ ދަމައި ތައްޔާރުކުރެއެވެ. އަންހެނުންނާއި ފިރިހެނުން ޢާންމުކޮށް ދަތުރުކުރަނީ ތަފާތު ދޯނިފަހަރުގައި ކަމަށްވުމާއެކު އަންހެނުން ދަތުރުކުރާ ދޯނިފަހަރުގައި ފޮތިދަމައި ހަދައެވެ. އަވަށު ގެއިން ރަށްގަނޑަށްދާ ދޯންޏަށް ދާން އޮންނަ މަގުގައިވެސް ފޮތިދަމައެވެ.
އަންހެންވެރީންގެ އެދުވަހުގެ މަސައްކަތަކީ ރަށްގަނޑަށް ގެންދަން ބޭނުންވާ ކާބޯތަކެއްޗާއި، ބޯފެނާއި، ކައްކާނެ އެއްޗެހި ތައްޔާރުކުރުމެވެ.
ރަށްގަނޑަށްދާން ފުރަނީ ފަތިސްނަމާދު ކޮށްގެންނެވެ. ފިރިހެނުން ދޯނިފަހަރު ބާލަން ފެށުމާއެކު ދުވަސްވީ ފިރިހެނުންގެ ބަޔަކު ބެރުޖަހަމުން އަންހެންވެރީން އަތިރިމައްޗަށް ނެރޭނެއެވެ. އަންހެންވެރީން ނުތެމި ދޯންޏަށް އެރުވުމަށްޓަކައި ގޮނޑުދޮށުގައި ދިގުގޮނޑީގެ ދެގޮނޑި މަތިމައްޗަށް ބަހައްޓައި ފިރިހެނުން އެގޮނޑިތަކުގައި ހިފަހައްޓައިގެން ތިބެ އަންހެނުން ދޯންޏަށް އަރުވައެވެ.
ބެރުޖަހަމުން އަންހެންވެރީން ނެރެ ދޯންޏަށް އަރުވާ މީހުންނަކީ ޢާންމުގޮތެއްގައި ރަށުގައި ތިބޭ ބަޔެކެވެ. އެބައިމީހުންނަށް ދެން ކުރަންޖެހޭ ކަމަކީ އަންހެންވެރީން ދޯންޏަށް އަރުވަން ބޭނުންކުރި ދިގުގޮނޑިތައް އެއްގަމަށް ގެންދިއުމާއި ދޯނިފަހަރު ރަށްގަނޑުން އެނބުރި އައުމުން އަންހެންވެރީން ދޯނިން ބޭލުމެވެ. އަންހެނުން ދޯނީން ބާލާނީވެސް އެބައިމީހުން ދޯންޏަށް އެރުވި ފަދައިންނެވެ.
މަލިކުގެ ބެރުޖަހާމީހުން އަޅަނީ ޚާއްޞަ ހެދުމެކެވެ. އެއީ ރަތްކުލައިގެ ހަރުވާޅު ލައިފައި ހުދުކުލައިގެ މުންޑެއް (ހޮޅިސާޑި) އަނދެ އަރުވާޖަހައި ގަންޖުފަރާސްލައި ބޮލުގައި ރަތްރުމާ އޮޅުމެވެ. ބޮލުގައި އޮންނަ ރަތްރުމާލުގެ ތެރެއަށް ފެންފޯއްރުކު އެތުގެ މާ ޖަހައިފައި ހުރެއެވެ.
ޖަހާދޯންޏާއި އެހެން ދޯނިފަހަރަށް މީހުން އަރައި ހަމަވުމުން ޖަހާދޯނީގެ ކަފުގައި އެހެން ދޯނިފަހަރު ޖަހައިގެން ރަށްގަނޑަށްދާން ވީއްލައިލައެވެ. އޭރު ކޮންމެ ދޯންޏެއްގެ ދިރުނބާކޮޅާއި ކޮޅުފަސްކޮޅުގައި ކުރުނބާއިހާތައް އެލުވައިފައި ހުރެއެވެ.
އަންހެންވެރީންގެ ދޯނީގައި ތިބެނީ ދެފިރިހެނުންނެވެ. އެއީ ހުންގާނުހިފާ މީހަކާއި ދިރުނބާކޮޅުގައި ގަލަންކިޔާން ހުންނަ މީހެކެވެ. ކާބޯތަކެއްޗާއި، ބޯފެނާއި، ޖަހާދޯންޏަށް ނޭރި ބާކީވާ ފިރިހެންކުދީން ތިބެނީ ވަކިދޯންޏެއްގައެވެ.
ދޯނިފަހަރު ރަށުގެ ފަޅުތެރެއިން ރަށާ ކައިރިން ފަލިޖަހަމުން ދާނީ ސާލުމަގާވީ ކޮޅަށެވެ. ގޮސް ކޯޑިކޮޅުގެ ވަކިހިސާބަކުން ދޯނިފަހަރު ބޭރުކޮށް ރަށްގަނޑަށް މިސްރާބުޖަހައެވެ. ދޯނިފަހަރު ދަތުރުކޮށްފައިދާއިރު އަންހެނުން ތިބޭ ދޯނިން ރައިވަރު ކިޔައި ބެރުޖަހަމުން ގެންދެއެވެ. ޖަހާދޯނީގައި ތިބޭ ފިރިހެނުން އަންބާކިޔައެވެ.
މިގޮތުގައި ރަށްގަނޑަށްގޮސް އެރަށަށް ފައިބައިފައި އެންމެން އަވަލިމޮޑެގެން ކަނީއެވެ. އަވަލި ކައިނިމިގެން އެންމެން ދޯންޏަށް އަރައިގެން ދެންދާނީ ވިލިނގިއްޔަށެވެ. (މަލިކު ބަހުރުވައިގައި އެރަށަށް ކިޔަނީ ވިރިނގިއްޔެވެ.)
ވިލިނގިއްޔަށްގޮސް ފޭބުމަށްފަހު އަންހެނުން މަޝްޣޫލުވަނީ ކެއްކުމުގެ ކަންތަކާއެވެ. ފިރިހެނުން ލާނދާ އަޅަން ދިޔުމާއި، މަސްބާނަން (މަލިކު ބަހުރުވައިގައި އެއްލަން) ދިއުމާއި، އެކިއެކި ކުޅިވަރުކުޅުމާއި، ބޮލިހިލުމާއި، މޫދަށްއެރުމާ މިބާވަތުން އެމީހަކު ކުރާހިތްވާ ކަމެއްގައި މަޝްޣޫލުވަނީ އަޅުގަނޑުމެންވެސް ދަތުރުގޮސްއުޅޭ ގޮތަށެވެ.
މެންދުރު ކާގަޑިޔަށް އެންމެން އެއްވެ ކައިހަދައިގެން އަނެއްކާވެސް އެމީހަކު ކުރާ ހިތްވާ ކަމަކާ ދިމާޔަށް އެމީހަކު އެނބުރެނީއެވެ.
ރަށަށްދާން ފުރަނީ ހަވީރު ސަޔަށްފަހުގައެވެ. ސައިބޮއި ނިމިގެން ދޯނިފަހަރަށް އަރައިގެން ރަށަށް އަންނާން ފުރަނީއެވެ. ވިލިނގިލިން ރަށަށް އަންނައިރު މަލިކާ ކައިރި ކުރަނީ ފުރެއްދޮށުކޮޅުންނެވެ. އެހިސާބުން ފެށިގެން ދޯނިފަހަރު ފަލިޖަހަމުން އަންނާނީ ރަށުގެ ފަސްގަނޑާ ވީހާވެސް ކައިރިއަކުންނެވެ. އަންނައިރު ކޮންމެ އަވަށަކާ ހަމަވުމުން މޫދަށް ކުރުނބާއިހަލެއް ވައްޓައެވެ. އޭރު އަވަށުމީހުން ކުޅިބަލަން ނުކުމެ އަތިރިމަތީގައި ތިބެއެވެ.
މިގޮތަށް ކޮންމެ އަވަށަކަށް ކުރުނބާއިހަލެއް ވެއްޓުމަށްފަހު އަނބުރައި އައިސް ފުރިދިމާޔަށް ލަފަނީއެވެ. އޭރު ދަތުރުދިޔަ އަންހެނުން ބާލަން މީހުން އައިސްތިބޭނެއެވެ. އަންހެނުން ރަށަށް ފައިބަނީ ދޯންޏަށް އެރިގޮތަށް މަތިމައްޗަށް ބަހައްޓާ ދެދިގުގޮނޑިން ލައިފައެވެ.
އަންހެނުން ފޭބުމާއެކު ބެރުޖަހާމީހުން ބެރުޖަހަމުން (މަލިކު ބަހުރުވައިގައި ބެރުމަތީގައި) އެބައިމީހުން ގެންދަނީ އެއަވަށެއްގެ އަވަށުގެއަށެވެ. އޭރު އަވަށުގައި ދަތުރުނުގޮސް ތިބޭ މުސްކުޅިފުރައިގެ އަންހެނުން ދަތުރު ދިޔަ މީހުންނަށް އަވަށުގޭގައި ސައިތައްޔާރު ކޮށްފައި ހުންނާނެއެވެ.
ރަށްގަނޑަށް ދިޔަ ދޯނި ތާހިރުކޮށް ދޯނި އެހެލައި ހެދުމަށްފަހު ފިރިހެނުންވެސް ދާނީ އަވަށުގެއަށެވެ. ފިރިހެނުން މަސައްކަތް ނިންމައިފައި އަވަށުގެއަށް ދިއުމުން އެންމެން އެކުގައި ސައިބުއިމަށްފަހު އެމީހަކު އެމީހެއްގެ ގެއަށް ދިއުމުން ރަށްގަނޑަށް ދިއުމުގެ ޕްރޮގްރާމް ނިމުނީއެވެ.
(ނުނިމޭ)