ދިވެހީންގެ ކޮންމެ ޖީލެއްގައި ވެސް ފަނޑުނުވާނެ އެއް ލަވައަކަށް "ޗާލޭ މަގޭ ރަންކޮޅާ، ޗާލޭ މަގެ ދޫންޏާ" ވާނެ އެވެ. މަޑުމައިތިރި ރާގަކަށް، އަސަރުން ފުރިގެންވާ ޅެމަކުން އަންހެނެއްގެ ޗާލުކަން ކިޔައިދީފައިވާ މި ލަވަ އެކި ދުވަސްވަރު އެކި ފަންނާނުންގެ އަޑުން އިވިފައިވެއެވެ. ގިޓާ ކޮށްޓާލަން އެނގޭ ހިސާބުން ކިޔަން ފަށާ އެއް ލަވައަކަށް މި ލަވަ ވަނީ ވެފައެވެ.
މިފަހަރު މި ލަވަ ކިޔައިދެނީ ފަރުބަދަތަކާއި ވާދީތަކުން ފުރިފައިވާ ޗާލު ބޫޓާނުންނެވެ. ބޫޓާންގެ ރެކޯޑް ލޭބަލް ސްޓޫޑިއޯއެއް ކަމަށްވާ އެމް ސްޓޫޑިއޯގައި ރެކޯޑް ކޮށްފައިވާ "ޗާލޭ"ގެ ކަވަ ކިޔައިދީފައިވަނީ އެގައުމުގެ ޒުވާން ތިން ލަވަކިޔުންތެރިންނެވެ.
ލަވަ ކިޔާފައިވަނީ ބޫޓާންގެ މަޝްހޫރު ހިޓް ލަވަތަކެއް ކިޔާފައިވާ ލަވަކިޔުންތެރިޔާ އަދި އެކްޓަރު އުގްޔެންއެވެ. މި ދިވެހި ލަވަ ޔޫޓިއުބަށް އަޕްލޯޑް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ލަވައިގެ ޖާދޫގައި ދިވެހީންގެ އިތުރުން ބޫޓާން ރައްޔިތުން ވެސް މިހާރު ޖައްސަމުންދާއިރު މިވީ ފަސް ދުވަސް ތެރޭގައި 4500 އަށްވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.
ނަމަވެސް މިއީ، ދިވެހިންގެ ތެރޭގައި މަޝްހޫރުވި ޓްރިއޯ ބޭންޑުގެ ކުރީގެ ލަވަކިޔުންތެރިޔާ މޫސާ ޝިފާއު (ޓްރިއޯ)ގެ އަޑުން ދެހާހުގެ ކުރީކޮޅު ގެނެސްދިން "ޗާލޭ"ގެ ކަވައެއް ބޭރުގެ ފަންނާނަކު ހުށަހަޅައިދިން ފުރަތަމަ ފަހަރެއް ނޫނެވެ.
މީގެ ކުރިން އިޓަލީގެ ޕޮޕް ލަވަކިޔުންތެރިޔާ ލެއްލޯގަރޭއްލީ ކިޔައިދިން ކަވަ އާއި ރާއްޖޭގެ ރިސޯޓްތަކުގައި ހުށަހަޅައިދޭ "އޯވާ ދަ މޫން" ޑުއާ އިން ވެސް އެ ލަވަ ކިޔައި ޔޫޓިއުބަށް ދޫކޮށްލުމުން ބޮޑު ސަމާލުކަމެއް ލިބުނެވެ.
މިއީ ދިވެހި އަމިއްލަ ރާގުތަކަށް ރާއްޖެ އާއި ދުނިޔޭގައި ވެސް އޮތް ސަމާލުކަމެވެ. ދިވެހި އަމިއްލަ އުފެއްދުންތައް ދުނިޔެއަށް ވެސް ޗާލުވާ ކަމެވެ. ހަމަގައިމުވެސް ރާއްޖޭގެ މިއުޒިކީ ދުނިޔޭގައި ޓްރިއޯގެ "ޗާލޭ"ގެ އިރު އޮއްސުމެއް ނެތެވެ. އަންނަން އޮތް ޖީލުތަކަށް ވެސް އެ އަސަރު ދެމިގެންދާނެއެވެ.