އެފްއޭއެމް

ނިއު އިން މުސާރަ ދީފައިނުވާ ކުޅުންތެރިންނަށް އެފްއޭއެމް އިން އަދިވެސް ފައިސާއެއް ނުދޭ!

އަލީ ރިފްޝާން

1

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މުސާރަ ދީފައިނުވާ ދިހަ ކުޅުންތެރިޔަކަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމާފައިވާ ގޮތަށް އެ އެސޯސިއޭޝަނުން އަދިވެސް ފައިސާ ދީފައިނުވާތީ، އެ ކުޅުންތެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މިދިޔަ އަހަރު ނިއު އިން މުސާރަ ދީފައިނުވާތީ އެކްލަބުގެ ބައެއް ކުޅުންތެރިން ވަނީ އެފްއޭއެމްއަށް މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލަ ބެލި ކޮމިޓީން ނިންމީ އެފްއޭއެމް އިން ނިއުއަށް ދޭންޖެހޭ ފައިސާގެ ގޮތުގައި، އެ އެސޯސިއޭޝަނުން ހިފަހައްޓާފައިވާ ތިން ލައްކަ ރުފިޔާ، މައްސަލަ ހުށަހެޅި ދިހަ ކުޅުންތެރިޔަކަށް ހަމަހަމައަށް ދިނުމަށެވެ.

މިދިޔަ އަހަރު ނިއުގެ ގޯލު ބެލެހެއްޓި ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދު މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ މައްސަލަ ނިމުނުތާ ދެ މަސްވެގެން ދިޔައިރުވެސް އެފްއޭއެމް އިން އެ ފައިސާ ދީފައިނުވާ ކަމަށެވެ. އެ ފައިސާ ކުޅުންތެރިންނަށް ދެނީ ކޮން އިރަކުންތޯ އާއި ނިއު ރޭޑިއަންޓަށް ދޭން ޖެހޭ ފައިސާ އެފްއޭއެމްގައި ނެތީތޯ ވެސް ކީޕަރު އިމްރާން ވަނީ ސުވާލު އުފައްދައިފައެވެ.

ނިއު އިން މުސާރަ ދީފައިނުވާތީ މައްސަލަ ހުށަހެޅުމުން އެފްއޭއެމް އިން ފައިސާ ދިނުމަށް ނިންމާފައިވަނީ އަލީ އަޝްފާގު (ދަގަނޑޭ)، އިމްރާން މުހައްމަދު، އަކްރަމް އަބްދުލްޤަނީ، އިމްރާން ނަޝީދު، މުހައްމަދު އުމައިރު، ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު ރަޝީދު، ރިލްވާން ވަހީދު (ރިލޭ)، ހަސަން އަދުހަމް (ސަޑޭ) އަދި ހިސާމް ސަލީމަށެވެ.

އެ ފައިސާ ދިނުން ލަސްވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އެފްއޭއެމް އިން ހާމަކޮށްފައެއް ނުވެއެވެ.