ޚަބަރު

އެޑިއުކޭޝަން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރުން ހަމަޖައްސަވައިފި

1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ދެ މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރައްވައި އެ ބޭފުޅުންގެ މަގާމުގެ ފަތްކޮޅު މިއަދު އަރުވައިފިއެވެ.

މި ދެ ބޭފުޅުންގެ މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަގާމަށް އައްޔަން ކުރެއްވީ ފުވައްމުލަކު ސިޓީ، މާދަޑު، ހަޒާރުމާގެ އާއިޝަތު އާތިޔާ ނަސީރެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަގާމަށް އައްޔަން ކުރެއްވީ ހުވަދުއަތޮޅު ދެކުނުބުރި ތިނަދޫ، ނީލުގެ، ޒިފްލީނާ ހަސަންއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިއަދު މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަގާމަށް އައްޔަން ކުރެއްވި އާއިޝަތު އާތިޔާ ނަސީރު މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައި ވަނީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ނޮޓިންހަމް އިން އެޑިއުކޭޝަނަލް ލީޑަރޝިޕް ދާއިރާއިން ކަމަށެވެ.

އާތިޔާ ނަސީރު އެންމެ ފަހުން އަދާކުރައްވާފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގެ ޗީފް އެޑްމިނިސްޓްރޭޓަރ ގެ މަޤާމެވެ. އޭގެ އިތުރުން އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަމާ ތައުލީމީ ދާއިރާގެ އެކިއެކި މަޤާމުތައް އާތިޔާ އަދާކުރައްވާފައި ވެއެވެ.

ރައީސް އޮފީހުން ބުނީ މިއަދު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަގާމަށް އައްޔަންކުރެއްވި ހުވަދުއަތޮޅު ދެކުނުބުރި ތިނަދޫ، ނީލުގެ، ޒިފްލީނާއަކީ މިހާރު ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންގެންދަވާ ބޭފުޅެއް ކަމަށެވެ.

ޒިފްލީނާ މާސްޓަރސް ޑިގްރީ ހާސިލު ކުރައްވާފައި ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލޭންޑުންނެވެ.

ޒިފްލީނާ ފުރުއްވާފައިވާ ބައެއް މަޤާމުތަކުގެ ތެރޭގައި އެމްޑީޕީގެ ކޮންގްރެސް ކޮމެޓީގެ މެންބަރުކަމާއި އެޕާޓީގެ އެކި އެކި މަޤާމުތަކުގެ އިތުރުން ބައެއް މެގަޒިން ތަކުގެ އެޑިޓަރުކަމާއި ތައުލީމީ ދާއިރާގެ ބައެއް މަޤާމުތައް ހިމެނެއެވެ.