ފުރާނަދަންދެން

ފުރާނަދަންދެން - 30

1

ޖުމްލަ ދިހަ ޕޭޝަންޓުން ބެލުމަށްފަހު ބްރޭކެއް ނަގަން އުޅުނު ނާހިދް ސިހުނީ ދޮރުހުޅުވާލާފައި ކޮޓަރިއަށް ވަތް ޒުވާނާ ފެނުމުންނެވެ. އޭނާއަށް ކޮޅަށް ތެދުވެވުނުއިރު މޫނުމަތިން ހައިރާންކަމެއް ފެންނަން ހުއްޓެވެ.

ވާނީވެސް އެހެންތާއެވެ. އޭނާގެ ކުރިމަތީގައި އެހުރީ އޭނާއާއި ދާދި އެއްގޮތް ކަމެއް ހުރި ޒުވާނެކެވެ. ދެކެ ފަރިތަ މޫނެކެވެ. ކާކުކަން ދެނެގަންނަން އެ ކުޑަ ހިނދުކޮޅުގައި އޭނާގެ ސިކުނޑިއަށް ބާރުލަމުން ދިޔައެވެ. މޫނު މައްޗަށް ވެރިވެފައިވާ ހައިރާންކަން ފިލާ އިސާހިތަކު އޭނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

"ނިރާޝް.....!" ސަލާންކޮށް ނިރާޝްގެ ހަށިގަނޑުގައި ކުޑަކޮށް ބައްދައިލަމުން ނާހިދް ގޮވައިލިއެވެ.

"ނޭނގޭނެއްނު. ހީކުރީ އަހަރެންގެ ސިފައިގަ ހުރި ހަންޑިއެއް ކަމަށް" ހީލަމުން ނާހިދް ބުނެލިއެވެ. ޖަވާބުގައި ނިރާޝް ވެސް ހިނިގަނޑެއް ޖަހައިލިއެވެ.

"ލޯންގް ޑރ ޓައިމް ނޯ ސީ... ހައުސް ޔޫ ބަޑީ..." ނާހިދް އަހައިލިއެވެ. ކިޔެވި ދުވަސްވަރު އެހާ އެކުވެރިކޮށް އުޅުނު އެކުވެރިޔަކު ކުއްލިއަކަށް ގިނަ ދުވަސްތަކެއް ފަހުން ފެނުމުން ހަޤީޤަތުގައިވެސް ނާހިދް ހުރީ ހިތްހަމަޖެހިފައެވެ.

"އައިމް ޑުއިން ފައިން.... ދެން ދިމާވީމަ ކޮފީއަކަށް އަރާލަންވާނެއްނު" ނިރާޝްގެ އެދުމަށް ނާހިދް އިންކާރުކުރީ ކުޑަ އިރުކޮޅަކުން އޭނާގެ ބްރޭކް ގަޑި ނިމޭނެ ކަން އިނގޭތީއެވެ. އެހެންނަމަވެސް ދެ އެކުވެރިން ވަކިވީ ރަސްމީ ގަޑި ނިމުމުން ބައްދަލުކުރާނެ ކަމަށް ބުނެފައެވެ.

މާލޭގެ ގެސްޓްހައުސްއެއް ކައިރިއަށް ޓެކްސީ މަޑުކޮށްލުމާއެކު އޭގެއިން ފޭބީ ނައިޝީއެވެ. އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. އޭނާ ގެސްޓްހައުސް ދޮރާއި ހަމައިގައި މަޑުކޮށްލުމަށްފަހު ފޯނު ނެގިއެވެ. މާހިލްއަށް މެސެޖްކޮށްލުމަށްފަހު އެއްފަރާތުގައި މަޑުކޮށްލިއެވެ. މާހިލްގެ ރިޕްލައި އައުމާއެކު އޭނާ ނޭނގޭކަމަށް ހަދާލާފައި ދެފަރާތަށް ބަލައިލިއެވެ. ގެސްޓްހައުސް އެތެރެއަށް އޭނާ ވަނީ އެކަމަަށް ސަމާލުކަންދީގެ މަގުމަތީގައި އެއްވެސް މީހަކު ނެތްކަން ޔަޤީންކޮށްފައެވެ. އެހެނީ އެކަންކަމަކީ އޭނާއަށް މަޖުބޫރުވެގެން ކުރާ ކަމެއް ނޫނެވެ. މީހަކަށް ފެނި އޭނާގެ ނަން މުޑުދާރުވާން ނެދޭތީ އެވެ.

ކޮޓަރީގައި ޓަކި ޖެހުމާއެކު އެތެރޭގައި ހުރި މާހިލް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރި ނައިޝީ އަތުގައި ހިފާ އެތެރެއަށް ލުއްކެއް ޖަހާލުމަށްފަހު ނައިޝީގެ ހަށިގަނޑުގައި ބައްދާލިއެވެ. މާހިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެފައި ވީއިރު ނައިޝީގެ އެއް ލޮލުން ކަރުނަ ތިއްކެއް ވެއްޓިގެން ދިޔައެވެ.

"މާހިލް....! ހެޔޮނުވާނެ... ނިކަމެތި އަންހެންކުއްޖެއްގެ މައުސޫމު ކަމުގެ ނާޖާއިޒް ފައިދާ ތިގޮތަށް ނުނަގާ... އަހަރެން މިކަމުން މިނިވަންކޮށްދީ... މި ނޫން ކޮންމެސް އެހެން ކަމެއް އަހަރެންނާއި ހަވާލުކުރޭ... ޕްލީޒް..." ނައިޝީއަށް ރޮވުނެވެ.

"ޝް..ޝް..ޝް.... ވާހަކަނުދައްކާ ބޭބީ... އޫމް..... ހާދަ މީރު ވަހެކޭ ދުވަނީ މިއަދު..." ނައިޝީ ދެއްކި ވާހަކަތައް މާހިލްއަށް އަޑު ނީވޭ ކަހަލައެވެ. އޭނާ ނައިޝީއަށް ދިނީ ބީރު ކަންފަތެކެވެ. ރުއިން ނޫން އެހެންކަމެއް ނައިޝީއަށް ނުކުރެވުނެވެ.

އެތައް އިރެއްގެ ވަގުތުތަކަށް ފަހު މާހިލް ފާހާނާއަށް ވަތް މަންޒަރު ބަލަން ލޯގަނޑު ކައިރީގައި ޝޯލް އަޅަން ހުރި ނައިޝީއަށް ފެނުނެވެ. އޭނާގެ އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު ބޮޑެތި ފިޔަވަޅުތަކެއްގައި ގޮސް ނެގީ އެނދުމަތީގައި އޮތް މާހިލްގެ ޖިންސް ޖީބުގައި އޮތް މޯބައިލް ފޯނެވެ. ފާހާނާއާއި ދިމާލަށް އަވަސް ނަޒަރެއް ދެމުން އޭނާގެ ސަމާލުކަން އެފޯނަށް ހުއްޓާލިއެވެ. ބިރުގަނެފައި ހުރި ވަރުން ދެ އަތުގައި ތުރުތުރު އަޅަމުން ދިޔައެވެ. އޭނާ އަވަސް އަވަހަށް ފޯނު އަރިމަތިން ފިތަކަށް އޮށްބަލިއެވެ. ކަރު އެލުވާލީ އެ ފޯނު ހުޅުވެނީ ފިންގަރޕްރިންޓް ބޭނުންކޮށްގެން ކަމަށްވާތީއެވެ. އަލުން އޮތްތަނުގައި ފޯނު ބާއްވާފައި ދަބަސް ހިފައިގެން ކޮޓަރިން ނިކުތެވެ. މާހިލްގެ ކިބައިން ސަލާމަތްވާނެ އެއްވެސް ގޮތެއް އޭނާއަށް ނެތީ ހެއްޔެވެ؟

ނައިޝީ ގެއަށް އައިސް ވަތްއިރު ހަވީރު ފަސްގަޑި ބައިވާން ގާތްވެއްޖެއެވެ. ސިޓިންގްރޫމް ސޯފާގައި އިން ނާހިދް ނައިޝީ ފެނުމާއެކު ތެދުވިއެވެ. މޫނުމަތި މިލާފައިވާ ނައިޝީއަށް ނާހިދް ފެނުމާއެކު ގަދަކަމުން ހިނިތުންވެލިއެވެ.

"އިޝީ...!! ކޮންތާކަށް ދިޔައީ.... ފޯނުވެސް ނިވާލާފައި.... ވަރަށް ކަންބޮޑުވެފަ މި އިންނަނީ... އީވް ވެސް ބުނި އެގެއަށް ނާދެޔޭ..." ނާހިދް ވާހަކަދެއްކިއެވެ.

"މިއައީ މިތާ ކައިރި ފިހާރައަކަށް ވަދެލާފަ. މަންމައަށް އެއްޗެއް ނުފޮނުވާތާ ގިނަ ދުވަސްވީމަ.... މިއައީ ބަލާލާފައި. ފަހުން ގަންނަންދާން... ފޯން އަދިވެސް މިއޮތީ ނިވިފައި. މި އަންނަނީ ޗާޖަރަށް ޖަހާފައި" ނައިޝީ ހިނގައިގަތެވެ. އޭނާ ބޭނުންވީ ނާހިދް ކުރިމަތީގައި ބޭޒާރުވުމުގެ ކުރިން އަވަހަށް އެތަނުން ދާށެވެ. ނައިޝީ ކަމެއް ފޮރުވާހެން ނާހިދަށް ހީވީ ކީއްވެގެން ކަމެއް ނޭނގެއެވެ. ކުއްލިއަކަށް ނައިޝީ ހުއްޓި ފަހަތް ބަލައިލީ އޭނާގެ އަތުގައި ނާހިދް ހިފެހެއްޓުމުންނެވެ.

"ޔޫ އޯކޭ..." ނައިޝީ މޫނުގެ ދެފަރާތުގައި ހިފާލަމުން ލޯތްބާއެކު ނާހިދް އަހައިލިއެވެ. ނައިޝީގެ ކަޅި ނާހިދްގެ ކަޅިއާއި ބައްދަލުވުމާއެކު ހުއްޓުން އެރިއެވެ. ނާހިދްގެ އޯގާތެރިކަން ފެނި އޭނާގެ ހިތް ރޮއެގަތެވެ.

"ކަމެއް ގޯސްވީތަ...؟" ނައިޝީ އިސްޖަހައިލުމުން ނާހިދް އަހައިލިއެވެ.

"ނޫން... މިއަދު ހެނދުނު ޑިޔުޓީގަ މާ ބަލިމީހަކު ގެނެސްގެން ޓްރީޓްމަންޓް ދެމުން ދަނިކޮށް އެމީހާ ނިޔާވީމަ... ހިތަށް އަރަނީ އޭނާގެ ވައިފް ހާދަ ދެރަވާނޭ... މާބޮޑަށް އިމޯޝަނަލް ވެވެނީ..." ނާހިދް ހީލަމުން ނައިޝީ ގެނެސް ބައްދާލިއެވެ. ނާހިދްގެ ހަށިގަނޑުގައި ދެއަތުން ވަށާލިއިރު ރަނގަޅަށްވެސް އޭނާއަށް ރޮވިއްޖެއެވެ. އޭނާ ނާހިދަށް ދޮގެއް ނަހަދައެވެ. ޙަޤީޤަތުގައިވެސް އެއީ ހިނގި ކަމެކެވެ. ނަމަވެސް ހިތާމައަކީ އޭނާގެ ހިމޭންކަމުގެ ފަހަތުގައިވާ 'ބޮޑު ޙަޤީޤަތް' ނާހިދަށް ސިއްރު ކުރެވިފައިވާކަމެވެ. އަދި ދެވަނަ މީހަކަށް އެވާހަކަތައް ޙިއްސާކުރަން އޭނާ ނުކުޅެދިފައިވާ ކަމެވެ.

އެހެން ރޭތަކުގައި ކެއުން ކުރިއަށްދާ ވަގުތު އެންމެ މަޑުން އިންނަ އިނާޝާ އެއްފަހަރު ހިމޭންކަމާއެކު ކާން އިން ނައިޝީގެ މޫނަށް އަނެއްފަހަރު ނާހިދްގެ މޫނަށް ބަލަމުން ދިޔައެވެ. އެހެން ރޭތަކާއި ޚިލާފަށް މޯހަންދާސްވެސް އިނީ މަޑުންނެވެ.

"މަންމާ...! މިރޭ ހާދަ އުފަލުން އިންހެން ހީވެޔޭ..." ހުރިހާ މީހުން އިނާޝާއަށް ބަލައިލީ ނާހިދް ވާހަކަދެއްކުމުންނެވެ.

"މަންމަ ތިދެކުދިން ކައިރީގައި ވާހަކައެއް ބުނަން ބޭނުން..." އިނާޝާ ބުނެލިއެވެ.

"އަވަހަށް ބުނޭ..." ހުރިހާ ސަމާލުކަމެއް އިނާޝާއަށް ދެމުން ނާހިދް ބުނެލިއެވެ. އެއްޗެއް ނުބުނެ އިނަސް ނައިޝީ ވެސް އިނީ އިނާޝާއަށް ބަލަހައްޓައިގެންނެވެ.

"މިގޭ ޖުމްލަ މީހުންގެ އަދަދު ފަހަކަށް ވާނީ ކޮންއިރަކުން...؟" އިނާޝާ އަހައިލިއެވެ. އޭނާ ބުނި ބަހުގެ މާނަ ނޭނގިގެން ބާކީ ތިބި ތިން މީހުން އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލިއެވެ.

"ނޭނގުނު ދޯ... މަންމަ ބޭނުމީ މަންމަގެ މި އުނގުގައި ލޯބިން ބާއްވާލާނެ މާމަ ދަރިއެއް..." އިނާޝާ ބުނެލިއެވެ. ނާހިދް ހީލިއެވެ. ނަމަވެސް ނައިޝީއަށް އުފަލެއް ނުލިބުނެވެ. އެތެރެ އެތެރެއިން އޭނާގެ ހިތް ރޯލިއެވެ. އިނާޝާގެ އެ އެދުން އޭނާ ފުރިހަމަކުރާނީ ކިހިނެއް ހެއްޔެވެ؟ އޭނާ ބަނޑުބޮޑު ވެއްޖެނަމަ ނިކުންނާނީ ހާދަ މުޑުދާރު ނަތީޖާއެކެވެ. ނަސްލު އޮޅުވާލަން ވެދާނެ ހެއްޔެވެ؟ އެހެންކަމުން އޭނާ ބޭސް ބޭނުންކުރަން ފެށީ އެތައް ގޮތަކަށް ވިސްނާފައެވެ.

"އިނާ...! ކޮންމެ ކަމަކަށްވެސް ވަގުތެއް ކަނޑައެޅިފައިވޭ. އިނާގެ ތި އުންމީދު ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހާސިލްވާނެ" މޯހަންދާސް ވާހަކަދެއްކިއެވެ.

ސައިކަލު މަތީގައި އިން ނާހިދް ޖީބުގައި އޮތް ފޯނު ނަގާފައި ބަލައިލިއެވެ. ނިރާޝް ގުޅާކަން އިނގުމުން އޭނާ ދުވެލި ބާރު ކޮށްލިއެވެ. ދުއްވަމުން ފޯނުން ވާހަކަދެއްކުމަކީ ރައްކާތެރި ކަމަކަށް ނުވާތީ އޭނާ ފޯނަށް ޖަވާބެއް ނުދެއެވެ. އޭނާ ސައިކަލު މަޑުކޮށްލީ ކެފޭއެއް ކައިރިއަށެވެ.

ސައިކަލުން ފޭބިއިރު ދޮރުމަތީގައި ނިރާޝް ހުއްޓެވެ. ދެ އެކުވެރިން ކެފޭއަށް ވަދެ ސިޑިން އަރައިގެން ދިޔައީ މައްޗަށެވެ.

"ކޮބާ....؟ ހާދަ ދުވަހެއް ފަހުންނޭ ދޯ މި ފެނުނީ.....؟" މޭޒުމަތީގައި ސައިކަލް ތަޅުދަނޑި ބާއްވަމުން ނާހިދް ވާހަކަދެއްކިއެވެ.

"ޔަ... އަހަރެން ހީކުރީ ނާހިދް އަހަރެން މަތިން ހަނދާން ނުހުންނާނެ ކަމަށް" ހީލުމަކާއެކު ނިރާޝް ބުނެލިއެވެ.

"ނޫނޭ... އެހެނެއްނުވާނެއްނު. ނިންމާފަ ކޮންތާކަށް ދިޔައީ. މާލެއަކުން ނުވެސް ފެނޭ. ފޯނު ނަންބަރވެސް ނުލިބި އުޅެނިކޮށް ވަކިވީ. ވަރަށް ބެލިން ސޯޝަލް މީޑިޔާގަވެސް ނިރޫ އުޅޭތޯ" ނާހިދް ވާހަކަދެއްކިއެވެ.

"މިކޮޅަށް އައިސް ހަފްތާއެއް ނުވަނީސް އަތޮޅުތެރެއަށް ދިޔައީ. އަދިވެސް އެރަށުގަ މިހުންނަނީ. ހީވަނީ ވަން ޔިއަރ ވަރު ވާނެހެން މިކޮޅަށް އެއްކޮށް ބަދަލުވާން" ލޮލުގައި އިން އަވި އައިނު ނަގާ މޭޒުމަތީގައި ބާއްވައިލަމުން ނިރާޝް އޮޅުންފިލުވައިދިނެވެ.

"އެހެންވެދޯ ނުފެންނަނީ... ކިހިނެއްތަ ކަންތައްތައް...؟ ހައުސް ލައިފް....؟" ނާހިދް އަހައިލިއެވެ.

"ގޯހެއް ނޫން... ނާހިދް ކިހިނެއްތަ...؟ މިހާރު މެރީކުރީތަ...؟" ނިރާޝް އެސުވާލުކުރީ ކޮންމެހެން އޭގެ ޖަވާބު އޭނާއަށް ނޭނގޭތީއެއް ނޫނެވެ. ނާހިދްގެ ދިރިއުޅުން ކުރިއަށް ޖެހުނުވަރު ބަލައިލާން ބޭނުންވެގެންނެވެ.

"އަހަރެންގެ ލައިފް ދޯ... ފެންޓާސްޓިކް... އަދި ވަރަށް އުފަލުން މިހުންނަނީ. މައި ވައިފް އިޒް ވޯލްޑްް ބެސްޓް ވައިފް... ޝީ އިޒް ވަން އިން އަ މިލިޔަން..." ހަށިގަނޑު ފަހަތަށް ޖައްސައިލަމުން ނާހިދް ވާހަކަދެއްކިއެވެ.

"މިހާރު އިނގިއްޖެ.... ލަކީ ޔޫ.... އެންޑް ގޯޑް ބްލެސް ޔޫ ބޯތް..." ނިރާޝް ހީލިއެވެ. އޭނާ ހިތުގެ ކަނަކުން ދެރަވެސްވިއެވެ. އަޒްކާއަށް އެންމެ ލޯބިވާ މީހާ ލިބުމެއް ނެތޭ ހީވިއެވެ.

"އެންޑް ޔޫ...؟" ނާހިދް އަހައިލިއެވެ. ނިރާޝް ހީލަމުން ކޮފީތަށިން ކޯވަރެއް ބޯލަމުން ނާހިދް ބަލައިލިއެވެ.

"އަހަރެންގެ ލައިފްގަ މާބޮޑު ކަމެއް ނުހިނގާ. ހިތްކިއީ އެންމެ ކުއްޖަކަށް. ވަރަށް ބޮޑަށް އެދެވޭ އެމަންޖެއަށް. އެކަމަކު... އެއީ ވަރަށް ތަފާތު އަންހެންކުއްޖެއް... ހުންނަނީ ވަރަށް ސައިލެންޓްކޮށް. ޝީ ސްޓްރަގަލް އަލޮޓް....." ނިރާޝްގެ ހިނިތުންވުން ފަނޑުވިއެވެ.

"ސޮރީ...." ނާހިދް ބުނެލިއެވެ.

"ޑޯންޓް ފީލް ސޮރީ..." ނިރާޝް ބުނެލިއެވެ.

"ވެލް.... ދެން މޫވްއޮން ކުރަން ނޫޅެންތަ؟ ލައިފަކާއިމެދު ނުވިސްނަން...؟" ނާހިދް އަހައިލިއެވެ.

"ވިސްނަން. އެކަމަކު.... އެ މަންޖެ ނުލިބުނިއްޔާ ވަރަށް ދެރަވާނެ. އެކަމަކު އައި ވިލް ނޮޓް ފޯސް ހަރ. ރައިޓް ނައު ޝީޒް އަ ވެރީ ގުޑް ފްރެންޑް އޮފް މައިން" ނިރާޝް ވާހަކަދެއްކިއެވެ.

"އިން މައި އެކްސްޕީރިއަންސް އިނގޭ. އެއްވެސް މީހަކު ދެކެ މާބޮޑަށް ލޯބިނުވާތި. ފަހުން ހިތާމަކުރަން ޖެހިދާނެ....ހެހެހެ..." ނާހިދްގެ ޖުމްލަ ހިނިގަނޑަކުން ނިންމާލިޔަސް އެ އަޑުގައި އެކުލެވިގެންވި އަސަރު ނިރާޝްއަށް އިހުސާސްވިއެވެ.

"މިހާރު ކިތައް ކިޑްސް ހުރޭތަ..؟" ނިރާޝް އަހައިލިއެވެ.

"ނޮޓް ޔެޓް... އިންޝާﷲ... އައި އެމް ޓްރައިންގް މައި ބެސްޓް" ހީލަމުން ނާހިދް ބުނެލިއެވެ.

ނާހިދްގެ ވާހަތަކުން ނިރާޝްއަށް އެނގުނު ކަމަކީ އޭނާ އަޒްކާ މަތިން ހަނދާން ނައްތާލާފައި ވީކަމެވެ. އޭނާގެ ހިތުގައި އެއް ކަނުގައި ނުފިލާ ރިހުމެއް ހުރި ކަމެކެވެ. އަޒްކާ އެއްފަރާތްކޮށް އޭނާގެ އަނބިމީހާއަށް ޖާގަދީފިކަމެވެ. އެހެންނަމަވެސް ފަހުން ވާނެގޮތެއް ނޭނގޭތީ ނިރާޝްގެ ހިތުގައި ނުތަނަވަސްކަމެއް އުފެދުނެވެ.

****************

ތ.ހިރިލަންދޫ ފަޅުން ލޯންޗު އެތެރެވުމާއެކު ނަތާޝާ އަތްދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ފައިބަން ތައްޔާރުވެލިއެވެ. ލޮލުގައިވާ އަވި އައިނު ރަނގަޅުކޮށްލަމުން އެކުވެރި ދެ އަންހެންކުދިންނާއެކު އޭނާ ޖެޓީ މައްޗަށް ފޭބިއެވެ. ރަށުގެ އަތިރިމަތީގައި ސައި ހަދާފައި ހުރިއިރު ކައުންސިލްގެ އިސްވެރިން މެޑިކަލް ކޭމްޕްގެ ބައިވެރިންނަށް މަރުހަބާ ދެންނެވުމަށްޓަކައި އެސަރަހައްދުގައި ތިއްބެވެ. ނަތާޝާ ގޮސް މަޑުކޮށްލީ މީހަކާއި ވާހަކަދައްކަން ހުރެފައި ފޯނެއްގައި ހުރެ އެއް ކައިރިއަކަށް ޖެހުނު ނިރާޝް ކައިރީގައެވެ.

"ނަތާމެން ތިބޭގޮތަށް ހަމަޖެހުނީ ކައުންސިލް ރައީސްގެ ގޭގައި. ރަނގަޅުވާނެ. ސަޅި ގެއެއް އެއީ..." ނިރާޝް ވާހަކަދެއްކިއެވެ. އޭނާ ނަތާޝާއާއި ވާހަކަދައްކަމުން ޖޫސްތައްޓެއް ނަގައިގެން ބެންޗެއްގައި ޖައްސާލިއެވެ.

"ހިތަށް އަރަނީ އެއް ހަފްތާގެ މުއްދަތު ކުޑަނުވާނެބާއޭ. އެބަޖެހޭ އުމުރުން ދުވަސްވީ މީހުންނަށް ވަކިން ޙާއްސަކޮށް ސެޝަނެއް ނަގައިދޭން. އަންހެންވެރިންނަށް ބްރެސްޓް ކެންސަރާއި ޕެޕްސްމިއަރ ގެ މުހިންމުކަމާއި ބެހޭގޮތުން މައުލޫމާތުދޭންވެސް" ނަތާޝާ ވާހަކަދެއްކިއެވެ.

"ތިހުރިހާކަމެއް ކަވަރ ކުރެވޭވަރަށް ދުވަސްތައް ހަމަޖައްސައިގެންތާ އަންނާނީ... އެހެންވީމަ ލެޓްސް ގޯ ދޯ... އިރުކޮޅަކުން ވޭން ކައިރިކުރާނެ. މާދަމާއެއްނުން ކޭމްޕް ފެށުން އޮތީ... ބިޒީވާނެ ދޯ..." ދެ އެކުވެރިން ވާހަކަދައްކަމުން ތެދުވެ ހިނގައިގަތެވެ.

އިޝާނަމާދު ފަހުން ނަތާޝާއާއި ޓީމް ކެއުމަށް ހާއްސަކޮށްފައިވާ ގެއަށް ކެއުމަށް ދިޔައެވެ. އަށް މެންބަރުންގެ ޓީމް އެކީގައި ކައި ނިމިގެން އެގޭ ދޮރުމަތީގައި ހުރި ޖޯލިތަކުގައި ޖައްސާލިއެވެ. ބައެއް ކުދިން ރަށް ބަލައިލުމަށް ހިނގާލަންދާން ބުނުމުން ނަތާޝާ ދެކޮޅު ހެދިއެވެ. އޭނާ ރާއިދުއަށް ގުޅައިގެން ޖޯލީގައި ޖައްސާލިއެވެ. އޭނާ ނޫން ހުރިހާ ކުދިން ރަށް ބަލައިލުމަށް ހިނގައިގަތެވެ.

ރާއިދުގެ ފޯނުގައި އޮވެފައި އެއްލި ކަޅިއަކުން ނަތާޝާއަށް ފެނުނީ ހަމަހިމޭންކަން ވެރިވެފައިވާ މަގު މެދުން އިސްޖަހާލައިގެން ހުރެ ހިނގާފައި އަންނަ ޒުވާނާއެވެ. ފުދޭ ވަރަކަށް މަގު އަނދިރިކޮށް އޮތުމުން އެއީ ކާކުކަން ނޭނގުނަސް އެމީހަކުގެ ހިނގުން ނަތާޝާ އަޅައިގަތެވެ. ޖީންސްގެ ދެ ޖީބަށް އަތް ޖަހާލައިގެން ހުރި ޒުވާނާ ނަތާޝާއާއި އަރާ ހަމަވެފައި ނަތާޝާ އިން ފަރާތް ނޫން އަނެއް ފަރާތަށް ހުރި ލަކުޑި ދޮރާއްޓެއް ލާފައިވާ ގެއާއި ދިމާލަށް ބަލައިލިއެވެ. އޭނާއަށް ނަތާޝާ ނުފެންނާތީ ނަތާޝާ މަޑުކޮށްގެން އިނީ އެއީ ނިރާޝްކަން ޔަޤީންވަންދެނެވެ.

"ނިރާޝް....!" ނަތާޝާއަށް އެއީ ނިރާޝްކަން ޔަޤީންވުމާއެކު ގޮވައިލިއެވެ. ނަތާޝާ ކިތަންމެ މަޑުން ގޮވާލި ނަމަވެސް ހިމޭންކަމުގެ ތެރޭގައި ނިރާޝްގެ ކަންފަތަށް އެ އަޑު އިވުނެވެ. ނިރާޝް އަޑު އައި ދިމާލަށް އެނބުރި ބަލައިލިއެވެ. ޖޯލިފަތީގައި އިން ނަތާޝާ އޭނާއަށް ފެނުނެވެ. އޭނާގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ނަތާޝާ އިން ދިމާލަށް ހިނގައިގަތެވެ.

"ނަތާ...! މިތާ ކީތްތިކުރަނީ. ކޮބާ ޓީމްގެ އެހެން ބައިވެރިން...؟" ނަތާޝާ އިން ޖޯއްޔާއި ޖެހިގެން އެއް ޖޯލި ދޫކޮށް އިށީންނަމުން ނިރާޝް ވާހަކަދެއްކިއެވެ.

"އެމީހުން ރަށުތެރެއަށް ނިކުމެއްޖެ. އެމީހުން އަންނާނެ މިތަނަށް ނަތާ ބަލާ.... ނިރާޝް މިތާ ކީތްތިކުރަނީ...." ނަތާޝާ ވާހަކަދެއްކިއެވެ.

"ހެހެހެ... މިއީ އަބަދުވެސް އަހަރެން އުޅޭގޮތް. ރޭގަނޑު ކެއުމުގެ ފަހުން ކޮންމެރެއަކު ވައިވެގެން މިހެން ހިނގާލަން" ނިރާޝް ވާހަކަދެއްކިއެވެ. އޭނާގެ ނަޒަރު އަދިވެސް ހުއްޓިފައިވަނީ އެގެއަށެވެ. ރީނދޫ ކުލައިގެ ބޮތްކެއްގެ އަލީގައި އެގެއަށް ފަނޑު އަލިކަމެއް ވެރިވެފައިވާއިރު ރޭގަނޑު ވުމަށްފަހު އެގޭ ތެރެއިން އެއްވެސް މީހަކު ބޭރަށް ނުނިކުންނާނެކަން އޭނާއަށް އިނގެއެވެ. ނަމަވެސް އޭނާގެ މޭތެރޭގައި އޮތް ބަސްނާހާ ހިތް އޭނާގެ އަމުރަށް ކިޔަމަންނުވާތީ އެގޭދޮށުން އޭނާއަށް މުގޯލި އެޅެނީއެވެ.

"ހާދަ ވަރަކަށް މިގެއަށް ތިބަލަނީ. ދަންނަ ބައެއްތަ އުޅެނީ...؟ ނަތާޝާ އަހައިލިއެވެ.

"ނު... ނޫން... އެކަމަކު އެގޭގައި އުޅެނީ ވަރަށް ނިކަމެތި ބައެއް. އެކަމަކު ވަރަށް ހިތްހެޔޮވާނެ" ނިރާޝް ވާހަކަދެއްކިއެވެ.

"ނިރާޝް ތިހެން އުޅޭއިރު މިރަށުން ނިކަން ރީތި އަންހެންކުއްޖެއް ހޯދަބަލަ... އޭރުން ދޮންތަބެވެސް ކިހާ އުފާވާނެ..." ނަތާޝާ ވާހަކަދެއްކިއެވެ.

"އެބައުޅެޔޭ ވަރަށް ބޭނުން ކުއްޖެއް" ނިރާޝް ހީލަމުން ބުނެލިއެވެ. އޭނާގެ ހިތަށް އަޒްކާގެ ނިޔަނެތި ސޫރަ ސިފަވުމާއެކު ތުންފަތަށް ވެރިވި ހިނިތުންވުން އިތުރަށް ފުޅާވިއެވެ.

"ރިއެލީ... އައި ވޯންޓް ޓު މީޓް ހަރ. އޭރުންނެއްނު ފޮޓޯއެއް ނަގައިގެން ގޮސް ދޮންތަމެންނަށް ދައްކާލެވެނީ..." ނަތާޝާ ވާހަކަދެއްކިއެވެ.

"ތިކަމެއް ހިއެއްނުވޭ ވާނެހެނެއް. އެއީ ވަރަށް ތަފާތު ކުއްޖެއް. މީހުންނާއި ވާހަކަދެއްކުމާއި ހީނ ސަމާސާ ކުރުމާއި އުފާފާޅުކުރުން މިއީ އެކުއްޖާ ދަންނަ ކަންތައްތަކެއް ނޫން" ނިރާޝް ވާހަކަދެއްކިއެވެ. އެވާހަކަތަކާއި ނަތާޝާ ގަޔާވިއެވެ. އެކުއްޖާއާއި ބެހޭގޮތުން އިނގެން ބޭނުންވިއެވެ.

"އިންޓްރެސްޓެޑް... ކިޔާދީބަލަ... ކީއްވެ ތިހެން ތިބުނީ...؟" ނަތާޝާ އަހައިލިއެވެ.

"މިގަޑީގަ ކިޔައެއް ނުދެވޭނެ. އެ އައީ ނަތާ ބަލާ އެމީހުން. އަވަހަށް ނިދަންދޭ. ރަށު ތެރޭގައި ދަންވަންދެން އުޅުމަކީ އެހާ ރަނގަޅުކަމެއްނޫން. މާދަމާ ނުލާހިކު ހެނދުނު ހޭލަންވެސް ޖެހެއެއްނު" ނިރާޝް އިޝާރާތްކުރީ އެދިމާލަށް އަންނަމުން ދިޔަ ގުރޫޕަށެވެ. ނަތާޝާ ބޭނުންނުވިޔަސް ޖެހުނީ ދާށެވެ. ނަމަވެސް ފުރުމުގެ ކުރިން ނިރާޝްއާއި ބައްދަލުކޮށް އެވާހަކަތައް އަހަން އޭނާ ހުރީ ނިންމައިގެންނެވެ.

****************

ނާހިދްގެ އަތު ތެރޭގައި އޮތް ނައިޝީއަށް ނާހިދް ދައްކަމުން ދިޔަ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. މާހިލް ބައްދަލުކުރަން ބުނި ގަޑި ފަހަނައަޅާ ދަނީއެވެ. އޭނާ މާހިލް ދެމުންދާ އިންޒާރުތައް މަތިން ހަނދާންވަމުން ދިޔައެވެ.

"އިޝީ ބޭނުންނުވަނީތަ...؟ ހާދަ ފާޑަކަށޭ ތިއުޅެނީ... ހީވަނީ ބިރުން އުޅޭހެން" ނާހިދް ވާހަކަދެއްކިއެވެ. ނައިޝީގެ މޫނުމަތިން ހިތްނުތަނަވަސްވުމެއް އޭނާއަށް ފާހަގަވާތާ ހިނދުކޮޅެއް ވެއްޖެއެވެ.

"އަހަރެން ނާހިދަށް ވުރެ ބޮޑަށް އެދޭނެ އެއްވެސް މީހަކު މިދުނިޔޭގައި ނެތް. ތިއަތުގެ ފިރުމުންތައް އަހަރެންނަށް ލިބެންފެށީ ހާދަ ދުވަހެއްގެ އިންތިޒާރަށްފަހުއޭ. ދެން ކީއްވެ އަހަރެން ފުރަގަސްދީފަ ދާންވީ..." ނައިޝީ ވާހަކަދެއްކިއެވެ.

"ސޮރީ... އެހެން ބުނީ އިޝީ ވަރަށް އަންކޮންފަޓަބަލް ހެން ހީވީމަ" ނާހިދް ވާހަކަދެއްކިއެވެ.

"ނޫން. ހަވީރުން ފެށިގެން ބަނޑެއްގައި ރިއްސާވަރުން މިއުޅެނީ..." ނައިޝީ ވާހަކަދެއްކިއެވެ. މިހާރު އޭނާއަށް ޖެހެނީ އަބަދުވެސް ނާހިދް ކައިރީގައި ކޮންމެސް ދޮގެއް ހަދާށެވެ.

"ކީއްވެ ކުރިން ނުބުނީ. އަވަހަށް ރެސްޓްކޮށްލާ... މާބޮޑަށް ތަދުވަންޏާ ޖެހޭނެ ޑޮކްޓަރަކަށް ދައްކަން" ބާލީސްމަތީގައި ނައިޝީ ބާއްވާލަމުން ނާހިދް ޖައްސާލީ ކުރު އަތްމައްޗަކަށެވެ.

"ސޮރީ އިނގޭ..." ނާހިދްގެ މޫނުގައި ފިރުމާލަމުން ނައިޝީ ބުނެލިއެވެ.

"ނެވަރ މައިންޑް. ޔުއަރ ސޭފްޓީ އިޒް މޯ އިމްޕޯޓެންޓް. އޯލްވޭޒް..." ނާހިދް ބުނެލިއެވެ. ނައިޝީ ބަލައިލީ އޭނާ އޮތް ދިމާލު ސައިޑް ކަބަޑް މަތީގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. މާހިލްގެ ނަންބަރ ފެންނަން އިނުމުން އޭނާ ނާހިދަށް ނޭނގޭނެހެން ފޯނު ބަންޑުން ބާއްވާލިއެވެ.

"ގުޑްނައިޓް..." ނާހިދް ބުނެލިއެވެ.

ނާހިދަށް ނިދޭނެ އިރެއްގެ އިންތިޒާރުގައި އޮތް ނައިޝީ އޭނާގެ ބަނޑުމަތީގައި އޮތް ނާހިދްގެ އަތް މަޑުމަޑުން ނެގިއެވެ. އެނދުގެ ހެޑް ބޯޑުގައި ލެގިލުމަށްފަހު ފޯނު ނަގާ ބަލައިލިއެވެ. އޭނާ އުޅުނީ މިރޭގެ ބައްދަލުވުން އެހެން ރެއަކަށް ބަދަލުކޮށްދިނުމަށް އެދޭށެވެ. ނަމަވެސް މާހިލް ފޮނުވާފައި އިން ވީޑިޔޯ ފެނުމާއެކު އޭނާ ފުންމައިގެން ތެދުވިއެވެ. އަވަސް އަވަހަށް ތައްޔާރުވެގެން ކޮޓަރިން ނިކުތެވެ.

***************

ރަސްމީ ގަޑީގައި ބުރުހާނުއްދީން އޮފީހުގައި އިނދެފައި ބޭރަށް ނިކުމެލީ އެކުވެރިޔަކު ކޮފީއަކަށް ދައުވަތު ދިނުމުންނެވެ. އޭނާ ސައިކަލު މަޑުކޮށްލީ ހެންވޭރުކޮޅުގައި ހުރި ކޮފީ ޝޮޕެއް ކައިިރިއަށެވެ. އޭރު އޭނާގެ އެކުވެރިޔާ މޭޒެއް ކައިރީގައި އިނެވެ. ބުރުހާނުއްދީން ފެނުމާއެކު ކޮޅަށް ތެދުވެފައި ސަލާންކޮށްލިއެވެ. ކޮފީއަށް އޯޑަރ ދިނުމަށްފަހު ދެ އެކުވެރިން ދެމެދުގައި ފެށުނީ ވިޔަފާރިއެއްގެ ވާހަކައެވެ. އެވާހަކަތައް ކުރި ފަޅަމުން ގޮސް އެންމެފަހުން އެކަކު އަނެކަކުގެ ދިރިއުޅުމާއި ބެހޭގޮތުން ވާހަކަދެކެވެން ފެށުނެވެ. އެވާހަކަތައް ދައްކަން ބުރުހާނުއްދީނަށް ފަސޭހައެއް ނުވިއެވެ.

ސްކޫލު ދައުރުގައި އޭނާއަކީ ލޯބީގައި ކާމިޔާބު މީހެއް ކަން އޭނާ ދަންނަ ކޮންމެ އެކުވެރިޔަކަށްވެސް އިނގޭނެއެވެ. ވީއިރު މިހާރު އޭނާ ލޯބިވެގެން އިންނަން އުޅުނު މީހާ ނުލިބިގެންނޭ ބުނަން އޭނާ ފަސްޖެހުނެވެ.

"ވަރަށް އަވަހަށް ސައި އޮންނާނެ" ބުރުހާނުއްދީން ބުނެލީ އެވަރަށެވެ.

ކޮފީ ނިންމާފައި ނިކުންނަން އުޅުނު ބުރުހާނުއްދީނަށް ފެނުނީ ވަކިން ހުރި މޭޒެއްގައި ލިޔުންތަކެއް ހިފައިގެން އިން މޯހަންދާސްއެވެ. ހީވާގޮތުން ކޮފީ ނިންމާފައި މޯހަންދާސް ވެސް ކެފޭ އިން ނިކުންނަން ތައްޔާރުވަނީއެވެ. ނަމަވެސް ބުރުހާނުއްދީން ގަސްތުކުރީ މޯހަންދާސްއާއި ވާހަކަދައްކާލުމަށެވެ.

"ހެލޯ... އެކުވެރިޔާ ކިހިނެއްތަ...؟؟" މޯހަންދާސްގެ ފަހަތުން ހުއްޓިލަމުން ބުރުހާނުއްދީން ބުނެލިއެވެ. މޯހަންދާސް ފަހަތަށް އެނބުރި ބަލައިލިއެވެ. ބުރުހާނުއްދީން ފެނުމުން މޯހަންދާސް ހިތުގައި ފޫހިކަމެއް އުފެދުނެވެ.

"އަލްހަމްދުލިﷲ...." މޯހަންދާސް ޖަވާބުދިނެވެ. އޭނާ ޖަވާބު އައި ގޮތުން ބުރުހާނުއްދީންގެ ދެބުމަ ގޮށްޖެހުނެވެ.

"މޭ އައި....؟؟" ބުރުހާނުއްދީން އިޝާރާތްކުރީ މޯހަންދާސް ކުރިމަތީގައި ހުރި ގޮނޑިއަށެވެ.

"ޔަ ޝުއަރ..." ހީލަމުން މޯހަންދާސް ބުނެލިއެވެ. ބުރުހާނުއްދީން އިށީނުމާއެކު މޯހަންދާސް ތެދުވީ އެތަނުން ދިޔުމަށެވެ.

"އަހަރެން އިށީނީމަ ދަނީތަ...؟ ވާހަކައެއް ދައްކާލަންބޭނުން" ބުރުހާނުއްދީން ބުނެލިއެވެ. މޯހަންދާސް އަލުން އިށީނެވެ.

"ކޮބާ އަހަރެންގެ ދަރިފުޅު...؟" ބުރުހާނުއްދީން އަހައިލިއެވެ.

"ކަލޭގެ ދަރިއެއް އަހަރެން ކައިރީގައި ނުހުރޭ...." މޯހަންދާސް ބުނެލިއެވެ.

"ޤަބޫލުކުރަންތަ ތިއީ ބިދޭސީއެއް ކަން. ރަށު މީދާ ރަށަށް ގަދަވާނެކަން..." އިރުކޮޅަކު މޯހަންދާސްގެ މޫނަށް ބަލަން އިނުމަށްފަހު ބުރުހާނުއްދީން ވާހަކަދެއްކިއެވެ. މޯހަންދާސް ބުރުހާނުއްދީންގެ މޫނަށް ބަލައިލީ ކުއްލިއަކަށް ބުރުހާނުއްދީންގެ ބަސްމަގު ބަދަލުވުމުންނެވެ.

"ޔެސް. އައި އެމް ފްރޮމް އިންގްލޭންޑް..." މޯހަންދާސް ބުނެލިއެވެ.

"ގުޑް. އަބަދުވެސް ހަނދާން ބަހައްޓާތި. ވަރަށް އަވަހަށް އަހަރެން އިނާޝާ ކާމިޔާބު ކުރާނަން. އަދި ދަރިފުޅުވެސް..." ބުރުހާނުއްދީން ބުނެލިއެވެ. މޯހަންދާސް ވިސްނާލިއެވެ. ބުރުހާނުއްދީން އެދިނީ އިންޒާރެއް ހެއްޔެވެ؟

" އަހަރެންނަށް ތިއީ ފިނޑިއެއްކަން ޔަޤީންވާ ވަރަށް ޔަޤީންވޭ ތިއީ ދުވަހަކުވެސް ކަލެއަށް ކާމިޔާބު ނުވާނެ ކަމެއްކަން. އިނާޝާއާއި އަހަރެންގެ ދަރިފުޅު ކަލޭގެ މީހަކަށް ވާތަން ކަލެއަށް ފެންނާނީ ހުވަފެނުން" މޯހަންދާސް ބުނިއެވެ. ބޯމަތީގައި އަޅާލާފައިވާ އަވި އައިނު ހެޔޮވަރު ކޮށްލަމުން އޭނާ ސާބިތުކަމާއެކު ބުރުހާނުއްދީނަށް ބަލައިލިއެވެ. ބުރުހާނުއްދީނަށް އެކައްޗެއްވެސް ނުބުނެވުނެވެ.

"އަދި އެއްވާހަކަ. އަހަރެންގެ އަނބިމީހާ ހިމަނައިގެން ކަލޭގެ ތި ގަމާރު ސިކުނޑިން ތިކައްކާ ހިޔާލީފޮލާތައް ކެއްކުން ހުއްޓާލާ. އަހަރެން ހަށީގައި ފުރާނަ ހުރިހާ ހިނދަކު ކަލެއަށް އެ ދެމައިންނަށް ވައި ވެސް އެޅެން ނުކެރޭނެ" މޯހަންދާސް ފަހު ބަސް އިއްވާލާފައި ހިނގައިގަތެވެ.

ބުރުހާނުއްދީން ވިސްނާލިއެވެ. އޭނާ ލޮލުގައިވި ނަންބަރު އައިނު ނަގާލިއެވެ. އޭނާ ނިތްމަތިން ހިއްލާފައިވާ ދާތައް އަތުން ފޮހެލިއެވެ. ފުން ނޭވައެއް ލަމުން އޭނާ ދަތްކުނޑި ވިކާލިއެވެ. މޯހަންދާސް ވާހަކަދައްކަން ފެށުމުން އޭނާ ބަސްހުއްޓި ކިޔާނެ ބަހެއް ދުލަށް ނާންނަނީ ކީއްވެގެން ހެއްޔެވެ؟ އަމިއްލަ ނަފްސު ދެކެ އާދެވުނު ރުޅިއެއް ސަބަބުން މޭޒުމަތީގައި ހުރި ފެން ހުސްކުރި ފުޅި އަތުން ޖަހާ އެއްލާލިއެވެ. އިނާޝާ ހާޞިލްކުރުމަށް އެހެންގޮތެއް އޭނާ ވިސްނަން ފެށިއެވެ. މޯހަންދާސް ފަސްފަހަތުން ދުވިޔަސް އެ ކަންތައް ދުވަހަކުވެސް އޭނާއަށް ހާޞިލްނުވާނޭކަން އިނގުނެވެ.

******************

އެއްވެސް އަގަކާއިނުލާ ހަކުރާއި ލޭގެ ޕްރެޝަރ ޗެކް ކުރުމަށް ހުޅުވާލި ފުރުސަތުގެ ބޭނުން ރަށުގެ ގިނަ ރައްޔިތުން ހިފަމުން ދިޔައެވެ. އެކި އުމުރުފުރާގެ ދެ ޖިންސުގެ ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންތަކުން މަރުކަޒުގެ ގޯތިތެރެ ވަނީ ފުރިފައެވެ. އެމީހުން ގަނޑު ތެރޭގައި ބުރަކޮށް އުޅުނު ނަތާޝާއަށް ވަދެގެން އައި މީހާ ފެނި ހުއްޓުން އެރިއެވެ. ކުރަމުން ދިޔަ މަސައްކަތަށް ހުއްޓުމެއް އައިސް އެމީހާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ހުދު އޭނާއަށް ވެސް ނޭނގި ހުއްޓައެވެ.

(ނުނިމޭ)

ާއަޒްކާ

31 ކޮބާ