އެޗްޑީސީ

ހުޅުމާލޭގައި ޕާކިން ޖާގަ ހުރި ފަރާތްތަކުން އެހެން ފަރާތަކަށް އެޖާގަ ދެވޭގޮތަށް އުސޫލަށް ބަދަލު ގެނެސްފި

މަރިޔަމް ޝަހުދާ

ހުޅުމާލޭގައި ޕާކިން ޖާގަ ހުރި ފަރާތްތަކުން އެހެން ފަރާތަކަށް އެޖާގަ ދެވޭގޮތަށް ހުޅުމާލެއަށް އެއްގަމު އުޅަނދު ފަހަރު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލަށް ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބަދަލު ގެނެއްސިއެވެ.

މި އުސޫލަށް ގެނައި ބަދަލާއެކު ހުޅުމާލޭގެ ގޯތި، ރޯހައުސް، މިކްސްޑް އަދި ޕިޔޯ ރެސިޑެންޓް ފްލެޓް ތަކުގެ ތެރެއިން ގަރާޖު ހަދާފައިވާ އިމާރާތާއި ފްލެޓްތަކުގައި ޕާކުކުރާނެ ޖާގަ އޮތްނަމަ އެތަންތަނުގެ ވެރި ފަރާތުގެ ހުއްދައާއެކު އެތަނުގައި އެހެންމީހަކަށް އެމީހެއްގެ އުޅަނދު ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. ނަމަވެސް އެއީ ދެފަރާތުން ވެފައިވާ އެއްބަސް ވުމުގެ ކޮޕީގެ ހުށަހެޅުމަށް ފަހު ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ. ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުން ހުށަހެޅުމުން އެފަރާތެއްގެ ނަން މަތީގައި އުޅަނދު ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޫކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު ފަހުކޮޅު ހުޅުމާލޭގައި ހަތަރުފުރޮޅުލީ ވެހިކަލް ރަޖިސްޓްރީ ކުރުމަށް ހުއްދަ ދޫކުރުން އެޗްޑީސީން ވަނީ މަޑުޖައްސާލާއެވެ. އޭރު ގަރާޖު ނެތް ތަންތަނަށް ދޫކުރުމަށް ކަނޑައަޅާފައިވާ ޕާކިންގެ ޖާގަ ހުސްވެފައިވުމުގެ ޕާކިން ޖާގަ ދޫނުކުރުމަށް ނިންމި ނިންމުމަށް ބަދަލެއް ނާންނަ ކަމަށް ވެސް އެޗްޑީސީ އިން ބުނެއެވެ.

މިދިޔަ އަހަރުގެ ތެރޭ މާލެއާއި ހުޅުމާލެ ބްރިޖުން ގުޅާލުމާއެކު ހުޅުމާލޭގައިވެސް ވެހިކަލް އިތުރުވެ، މާލެއެކޭ އެއްފަދައިން ޕާކިންގެ މައްސަލަތައް ވަނީ ދިމާވެފައެވެ.