ރައީސް އޮފީސް

ހާއްސަ އިނާމަށް ކުރިމަތިލާން އެދޭ ފަރާތްތަަކަށް މައުލޫމާތުދިނުން ބުދަ ދުވަހު

އާނިފާ ހުސެއިން ސިރާޖް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލާން އެދިވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ދެއްވުމުގެ ބައްދަލުވުން މިހަފުތާގެ ބުދަދުވަހު ބާއްވަވާގޮތަށް ހާއްސަ އިނާމާބެހޭ ކޮމިޓީން ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީން ބުނީ މި ބައްދަލުވުން އޮންނާނީ ބުދަ ދުވަހުގެ މެންދުރުފަހު 2.00ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމުގައެވެ.

ބައްދަލުވުމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅުއްވައިގެން ނަން ނޯޓު ކުރެއްވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ހާއްސަ އިނާމަށް ނަން ހުށަހެޅުއްވުމުގެ ފުރުސަތު މިހާރު ހުޅުއްވައިލައްވާފައި ވާއިރު އަންނަ ސެޕްޓެންބަރު މަހުގެ 15 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ނަން ހުށަހެޅޭނެއެވެ. އެގޮތުން ނަން ހުށަހަޅުމަށް ފޯމު ފޮނުއްވާނީ ހާއްސަ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. މި ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރައްވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidencymaldives.gov.mv އިންވެސް ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.

މިއަހަރުގެ ހާއްސަ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ޖުމަހުރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.