ރައްޔިތުންގެ މަޖިލިސް

މިރެއާއި އާދީއްތަ ދުވަހާއި ބުރާސްފަތި ދުވަހުވެސް މަޖިލިސް ޖަލްސާތައް ބާއްވަނީ

އިބްރާހިމް ޒަކީ

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މުހިއްމު ބިލުތަކެއް ހުރުމާއި، މަޖިލީހުގެ އެޖެންޑާގައި ހުރި އެހެނިހެން މަސައްކަތްތައް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ނިންމުމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އާއްމުކޮށް ބާއްވަމުން ނުދާ، ހަފުތާގެ އާދިއްތަ ދުވަހާއި ބުރާސްފަތި ދުވަހު ވެސް މަޖިލީހުގެ ޖަލްސާތައް ބާއްވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

ބޮޑު އީދަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަދު ފައްޓަވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، އެ މަސައްކަތްތައް ނިންމުމަށް މިރޭވެސް މަޖިލީހުގެ ޖަލްސާ ބާއްވަން ނިންމަވާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި މިހާރު ތިން ބިލުގެ އިތުރުން ދެ ގަރާރަކާއި، ކޮމިޓީތަކުން ފޮނުވާފައިވާ ދެ ރިޕޯޓެއްގެ މަސައްކަތް އެބައޮތް ކަމަށެވެ. އަދި ފުރަތަމަ ކިޔުން އިއްވުމަށް ސަރުކާރުގެ ފަރާތުން ހަ ބިލެއް މަޖިލީހަށް ފޮނުއްވާފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މަޖިލިހުގައި ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ. އަޅުގަނޑުގެ އަމާޒަކީ ސަރުކާރުން ހުށަހަޅާފައިވާ ހަ ބިލު ވެސް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ނިންމައި އެ ހަ ބިލު ތަސްދީގު ކުރުމަށް ފޮނުވޭ މިންވަރަށް މަސައްކަތް ކުރިއަށް ގެންދިއުން،" މަޖިލިސް ރައީސް ވިދާޅުވި އެވެ.