ޚަބަރު

ހައްޖަށް ފަހު މީހުން އަންނަން ފަށައިފި، ބަލިމަޑުކަމެއް ފެތުރިދާނެތީ ސަމާލުވޭ!

ފަތޯނާ ފާއިޒު

ހައްޖުގެ އަޅުކަން އަދާ ކުރުމަށްފަހު އެނބުރި އަންނަ ފަރާތްތަކުން ބަލިމަޑުކަމެއް ފެތުރިދާނެތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ގްރޫޕްތަކުގެ ތެރެއިން އެންމެ ފުރަތަމަ ގްރޫޕް މިއަދު ވަނީ ރާއްޖެ އައިސްފައެވެ. މިއަދު ހަވީރު ރާއްޖެ އައީ ތަޒްކިޔާ ގްރޫޕްގެ ހަވާލުގައި ހައްޖަށް ދިޔަ 44 މީހުންނެވެ. މިއަހަރު ރާއްޖެއިން ހައްޖަށް ދިޔައީ 2000 މީހުންނެވެ.

އެޗްޕީއޭއިން ބުނީ ހައްޖުގެ އަޅުކަން ނިންމާފައި އެނބުރި އަންނައިރު ބަލި ނަމަ، ބަލި ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށްޓަކައި ހައްޖާޖީންނާއި، އާއިލާއިން ސަމާލުވެ ތިބުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެގޮތުން އަރިދަފުސް ރޯގާ އަދި ވައިރަލް ހުމުން ރައްކާތެރިވުމަށް ކެއްސާ ކިނބިހި އަޅާވަގުތުތަކުގައި އަނގަމައްޗާއި ނޭފަތް މަތި ކުޑަ ރުމާލަކުން ނިވާ ކުރުމާއި ޓިޝޫ ފަދަ ތަކެތި ބޭނުން ކޮށްފައި ނައްތާލުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ވަނީ ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ބައެއް ފަރުވާތައްވެސް ހިއްސާ ކޮށްފައެވެ.

އޭގެ ތެރޭގައި ގިނައިން ދިޔާ ތަކެތި ބޭނުން ކުރުން، އަރާމުކުރުން، ކަޅުސައި، ލުނބޯ، އިނގުރު އަދި މާމުއި ފަދަ ބުއިންތައް ބޭނުން ކުރުން، ހުންގަދަ ވެއްޖެނަމަ ގައިގައި ފެން ހޭކުން އަދި ޕެރެސެޓެމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ ލަފަޔާ ނުލައި ބޭނުން ނުކުރުން ހިމެނެއެވެ.

އެޗްޕީއޭއިން ވަނީ ހައްޖުވެރިން އެނބުރި އަންނަތާ 14 ދުވަސް ތެރޭ ހުންއައިސް، ކެއްސާ، ނޭވާލާން އުނދަގުވެ އެހެން އިތުރު ބަލިމަޑުކަމެއްގެ އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސް ކޮށްފައެވެ.