އެމްއެންޑީއެފް

ޑައިވިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަން ފަށައިފި

ކ. އަތޮޅު ކަނޑޫމާ ތިލައަށް ޑައިވިންއަށްދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ''އޯސީއޭ އެމް 7 އެސް'' ނަމަކަށް ކިޔާ ސަފާރީއެއްގައި ޑައިވް ކުރުމަށް ފޭބި އަންހެން ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފްގެ މާލޭ އޭރިޔާގެ ކޯސްޓްގާޑުގެ ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު 1:09 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އޭނާ ޑައިވްކުރަން ފޭބީ ބާވީސް ފަތުރުވެރިން ހިމެނޭ ގްރޫޕަކާއެކުގައި ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި 22 މީހުންނާއެކު ޑައިވިންއަށް ފޭބި ފަހުން ހަބަރެއް ނުވެގެން ހޯދަމުންދަނީ އުމުރުން 41 އަހަރުގެ އަންހެނެކެވެ. އޭނާ އެންމެ ފަހުން ލައިގެން ހުރީ ހުދުކުލައިގެ ރޭޝްގާޑް ސޫޓެއް ކަމަށާއި އަދި އަރައިގެން ހުރީ ހުދު ކުލައިގެ ފިންސަކަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

ކަޅުކުލައިގެ ބޯޔަންސީ ކޮންޓްރޯލް ޑިވައިސް (ބީސީޑީ) އެއް އޭނާ އަޅައިގެން ހުރި ކަމަށް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެހެންކަމުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބޭތޯ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ބަލައި ދިނުމަށާއި އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ގުޅުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

އެމްއެންޑީއެފުން ބުނީ، ޑައިވިންއަށް ދިޔަ ފަތުރުވެރިޔާ ހޯދުމަށް ވައިގެ މަގުން އެސަރަހައްދުން ދަތުރުކުރާ ސީޕްލޭންތަކުންވެސް ބަލައިދިނުމަށް އެދޭ ކަމަށެވެ. އަދި އޭނާ ހޯދުމަށް ސަފާރީގެ ޑައިވަރުން ވެސް މަސައްކަތްކުރަމުންދާ ކަމަށް ބުނެފައިވެއެވެ.