އަހްމަދު އަދީބު އަބްދުލްގަފޫރު

އަދީބު ފިއްލަވަން ވަޑައިގެންނެވި ޓަގު ބޯޓުގެ ކެޕްޓަން ފުރުން މަނާކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލެވުމަށް ވަޑައިގެންނެވި، "ވަރގޯ 9" ޓަގު ބޯޓުގެ ކެޕްޓަން ރާއްޖެއިން ފުރުން މަނާކޮށްފިއެވެ.

ސިންގަޕޫރުގައި ރެޖިސްޓަރީ ކޮށްފައިވާ އެ ޓަގް ބޯޓެއްގައި އިންޑިއާގެ ޓުޓިކޮރިން ބަނދަރުން އެ ގައުމަށް އެތެރެވާން އުޅެނިކޮށް އަދީބު ހައްޔަރު ކުރީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އެއަށްފަހު އެ ބޯޓާއެކު އަދީބާއިއެކު އޭގައިތިބި 10 މީހުން ރާއްޖެ ގެނައީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، އެ ޓަގު ބޯޓުގެ މައްސަލައަކީ މީގެ ކުރިންވެސް ފުލުހުން ބަލަމުން އަންނަ މައްސަލައެއް ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން ޓަގް ބޯޓުގެ ކެޕްޓަން ފުރުން މަނާ ކުރީ މިއަދު ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ޓަގު ބޯޓުގައި ފިއްލަވަން އުޅުއްވަނިކޮށް، މާލެ ގެނަސް ކޯޓަށް ހާޒިރު ކުރުމުން، އޭނަގެ މައްޗަށް ކުރާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް، ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އަދީބުގެ މައްޗަށް ޝަރީއަތް ކުރަނީ، ޅ. މާބިންހުރާ ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައެވެ.

އެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުނުވާ ކަމަށް ހުކުމްކުރުމާ ގުޅިގެން އެ މައްސަލަ ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

އެމައްސަލާގައި އަދީބު މުޖުތަމައަށް ދޫވެފައި ހުރެއްޖެނަމަ މުޖުތަމައަށް ނުރައްކާ ވެދާނެތީއާއި ފިއްލަވައިފާނެކަން ކަށަވަރު ވެފައިވާތީ ޝަރީއަތް ނިމެންދެން އަދީބު ހައްޔަރު ކޮށްފައި ބެހެއްޓުމަށް ދައުލަތުން އެދުމުން އެގޮތަށް ސުޕްރީމް ކޯޓުން އަމުރު ނެރުނީ މިމަހުގެ އަށްވަނަ ދުވަހުއެވެ.