ރައްޔިތުންގެ މަޖިލިސް

ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 15 އަހަރަށް މަތިކޮށް، ކުޑަކުދިންގެ ކައިވެނި ގާނޫނުން މަނާކުރަނީ

އަށާރަ އަހަރުން ދަށުގެ ކުދިން ކައިވެނިކުރުން މަނާކޮށް، 15 އަހަރުން ދަށުގެ ކުޑަކުދިންގެ މައްޗަށް އެއްވެސް ކުށެއްގެ ޖިނާއީ ދައުވާއެއް ނުއުފުލޭގޮތަށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އަލުން އެކުލަވައިލުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުން ފޮނުއްވައިފިއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިހާރު ހަދާފައި އޮންނަ ގަވާއިދުގައި ބުނެފައިވަނީ، އުމުރުން 10 އަހަރު ވެފައިވާ ނަމަ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކާއި މަރުގެ ހުރިހާ ބާވަތެއްގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭނެ ކަމަށެވެ.

ގާނޫނު މިހާރު އޮންނަ ގޮތުން، އުމުރުން 18 އަހަރުން ދަށުގައި ކައިވެނި ކުރުމަކީ، މަނާކަމެއް ނޫނެވެ. ނަމަވެސް އެއީ ރަނގަޅު ކަމެއްނޫން ކަމަށް ވިސްނައި ދިނުމަށް ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ. އަދި ހާއްސަ ހުއްދައެއް ލިބިގެން ކުޑަކުދިން ކައިވެނި ކުރުމަށް ހުރަހެއް ވެސް ގާނޫނަކުން ނޭޅެއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނެއް އަލުން އެކުލަވާލަން ސަރުކާރުން ނިންމަވާފައި ވަނީ ގާނޫނު ނަންބަރު 91/9 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގާނޫނު) ބައްޓަންކުރެވިފައިވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ އެންމެހައި ހައްގުތައް އޭގެ އެންމެ ފުޅާމިނުގައި ލިބިދެވޭ ފަދަ ގޮތަކަށް ކަމުގައި ނުވާތީކަމަށެވެ. އަދި، އެ މުއާހަދާގައި ކުޑަކުދިންނަށް ކަށަވަރުކޮށްދޭ ހައްގުތައް، ދިވެހިރާއްޖޭގައި ތަންފީޒުކުރުމަށްޓަކައި ކުޑަކުދިންނަށް ލިބިދެވޭނެ ހައްގުތައް މި ބިލުގައި ހިމަނާފައިވެއެވެ.

އެގޮތުން ބިލުގައި ކަނޑައަޅާފައިވާ ކުޑަކުދިންނަށް ލިބިދޭ ހައްގުތަކުގެ ތެރޭގައި، ތަފާތުނުކުރުމާއި، ދިރިހުރުމާއި ހެދިބޮޑުވުމުގެ ހައްގާއި، ކުއްޖާގެ މަސްލަހަތަށް އިސްކަންދިނުމާއި، އަޅައިލުމާއި ހިމާޔަތް ލިބުމާއި، އަނިޔާކުރުމާއި ގޯނާކުރުމާއި އަޅާނުލުމުން ރައްކާތެރިކަން ލިބުމާއި، މައިންބަފައިން އެނގުމާއި އެމީހުންގެ އަޅައިލުން ލިބުމުގެ ހައްގާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހާއްސަ އަޅައިލުމާއި ރައްކާތެރިކަން ލިބުމުގެ ހައްގާއި، ދުޅަހެޔޮ ސިއްހަތާއި ސިއްހީ ފަރުވާ ލިބުމުގެ ހައްގާއި، އުނގެނުމުގެ ހައްގާއި، ރަހުމުކުޑަ ލާއިންސާނީ އަދަބު ނުދިނުމާއި، އަނިޔާއިން ރައްކާތެރިވުމާއި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު އާންމުނުކުރުމުގެ ހައްގު ފަދަ ހައްގުތައް ހިމެނިފައިވެއެވެ.

މި ބިލު ގާނޫނަކަށް ވުމުން، އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ ކައިވެނި މި ގާނޫނުން މަނާކުރެއެވެ. އަދި، ކުޑަކުދިންނަކީ، ބޮޑެތި މީހުންނާ އެއް މިންވަރަކަށް ހެދިބޮޑުވެ، ތަސައްރުފު ފުދިފައިވާ ބައެއް ކަމުގައިނުވާތީ، އެއްވެސް ކުއްޖަކަށް، މަރުގެ އަދަބު ދިނުން، މި ބިލުން މަނާކޮށް، ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ، 15 އަހަރު ފުރުމުން ކަމުގައި ކަނޑައެޅިފައިވެއެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، އުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިންގެ މައްޗަށް އެއްވެސް ކުށެއްގެ ޖިނާއީ ދައުވާއެއް ނުއުފުލޭނެ ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ބަދަލުގައި، 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން، ކުށްކުރުމާ ދުރުހެލިކޮށް، އެކުދިންނަށް ބޭނުންވާ ފަރުވާ ދީ، އެކުދިން ރީހެބިލިޓޭޓް ކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް ހަމަޖެއްސުމަށް ބިލުގައި ލާޒިމުކޮށްފައިވެއެވެ.

މި ބިލުގެ ދަށުން ކުޑަކުދިންނާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގަ އާއި، މިނިސްޓަރަށް ލަފާދޭ ފަރާތެއްގެ ގޮތުގައި، އުފައްދާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލެއް އުފެއްދުމަށް މި ބިލުގައި ހިމަނާފައިވެއެވެ. އަދި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އަޅައިލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށް އަޅައިލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި މައިގަނޑު މަސްއޫލިއްޔަތު އަދާކުރަން މިނިސްޓަރުގެ ލަފާގެ މަތިން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއެއް އުފައްދައި، އެ ސަރވިސްގެ ޒިންމާތައް މި ބިލުގައި ކަނޑައަޅާފައިވެއެވެ.

އަދި، މި ބިލުގެ ދަށުން ދައުލަތުން ވަގުތީ ގޮތުން ހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ ކުދީންނަށް ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޯލްޓަރނޭޓިވް ކެއާގެ ހިދުމަތް ފޯރުކޮށްދޭނެ ރެސިޑެންޝަލް ފެސިލިޓީތަކެއް އެކަށީގެންވާ އަދަދަކަށް ގާއިމްކުރަންވާނެ ކަމަށާއި، އެތަންތަނުގައި ބައިތިއްބަންޖެހޭ ފަރާތްތަކަކީ ކޮބައިކަން ކަނޑައަޅާފައިވެއެވެ.

މީގެއިތުރުންވެސް ގާނޫނު ތަންފީޒުކުރެވޭ މިންވަރު ބަލައި މޮނިޓަރކުރުމަށްޓަކައި، މިނިވަން މުސްތަގިއްލު ޗިލްޑްރަންސް އޮމްބަޑްސްމަނެއް އައްޔަންކުރަންވާނެ ކަމަށްވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. ޗިލްރަންސް އޮމްބަޑްސްމަންގެ އޮފީހަކީ، ހިއުމަން ރައިޓްސް ކޮމިޝަންގައި ގާއިމުކުރެވޭ އިދާރާއެކެވެ.