ރައްޔިތުންގެ މަޖިލިސް

މުސްތަގިއްލު މަގާމުތަކުގެ ބޭފުުޅުންނަށް ވިޔަފާރި މަނާކޮށް އާއިލީ މެންބަރުންގެ މާލީ ބަޔާން ހާމަކުރަން ލާޒިމް ކުރަނީ

އިބްރާހިމް ޒަކީ

މުސްތަގިއްލު ބައެއް ކޮމިޝަންތަކާއި މުސްތަގިއްލު ބައެއް މަގާމުތަކާއި ބައެއް މަގާމުތަކާ ގުޅުންހުރި ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ބިލުތައް މަޖިލީހަށް ހުށަހެޅުއްވުމަށްޓަކައި ސަރުކާރުން ފޮނުއްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ، އިސްލާހު ހުށަހަޅަން ސަރުކާރުން ނިންމާފައިވާ ގާނޫނުތަކަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާނޫނާއި އޮޑިޓް ގާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް ކަމަށެވެ.

ސަރުކާރުން މި ބިލުތައް ހުށަހަޅަނީ ގާނޫނުއަސާސީގެ ދަށުން ގާއިމްކޮށްފައިވާ މުސްތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތައް އަދާކުރައްވާ ފަރާތްތަކާ ގާނޫނުއަސާސީންނާއި ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރަނީ ތައައްސުބުން އެއްކިބާވެ، މިނިވަންކަމާ އެކުގައިކަން ކަށަވަރުކުރުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މިގާނޫނުތަކަށް ހުށަހަޅުއްވާ އިސްލާހުތަކުގެ ތެރޭގައި ގާނޫނުއަސާސީންނާއި ގާނޫނުން މިފަދަ މުސްތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމްތައް އަދާކުރައްވާ ފަރާތްތަކަށް، މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް، ތައައްސުބުން އެއްކިބާވެ، މިނިވަންކަމާ އެކުގައި އަދާކުރުމަށް ލާޒިމްކުރުމާއި، ކޮމިޝަންތަކުގެ މުވައްޒަފުންވެސް މިފަދަ އުސޫލުތައް ހިފެހެއްޓުމަށް ބާރުއަޅާ އިސްލާހުތައް ހިމެނެއެވެ.

މުސްތަގިއްލު މަގާމުތައް އަދާކުރައްވާ ފަރާތްތަކަކީ، ކޮރަޕްޝަންގެ ނުފޫޒުން އެއްކިބާވެ މަސައްކަތްކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި މި ފަރާތްތަކާއި މި ފަރާތްތަކުގެ އާއިލާގެ މެންބަރުންގެ މާލީ ބަޔާން ހާމަކުރުން ލާޒިމުކުރުމާއި، އެފަރާތްތަކަކީ އެއްވެސް ފަރާތަކަށް ނުޙައްގު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައި ނުވަތަ ވަކި ފަރާތަކަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި އަމަލުކުރާ ބަޔަކަށް ނުވާނެކަން ކަށަވަރުވާނެ ގޮތަށް ގާނޫނު އިސްލާހުކުރުންވެސް މީގެތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން މިނިވަން ކޮމިޝަންތަކުގައި ތިއްބަވާ ފަރާތްތަކަކީ އަމިއްލަ ވިޔަފާރި ކޮށް ނުވަތަ މަސްލަހަތު ފުށުއަރާފަދަ އެހެނިހެން މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަކަށް ވެގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާންކުރުމާއި މުސްތަގިއްލު މަގާމުތައް އަދާކުރައްވާ ފަރާތްތަކާއި، މުސްތަގިއްލު ކޮމިޝަންތަކުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑުތަކެއް ގާނޫނުގައި ކަނޑައަޅައި، އެ މިންގަނޑުތައް ހިފެހެއްޓުމަށް ލާޒިމުކުރުމާއި، އެ މިންގަނޑުތަކާއި ހިލާފު ވުމުން އެޅޭނެ ފިޔަވަޅުތައް ސާފުކޮށް ބަޔާންކުރުންވެސް މި ގާނޫނުތަކަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.

ކޮމިޝަންތަކުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން، އެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، ޖަވާބުދާރީވެ، އެމީހުންގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ޒިންމާ އުފުލަންޖެހުމާއި އަދި ކޮމިޝަން ހިނގަމުންދާ ގޮތާ ގުޅޭގޮތުން، ނުވަތަ ކޮމިޝަނުން ކުރަމުން އަންނަ ކަމަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުން ހޯދައި ބަލަންޖެހޭ ކޮންމެ ކަމެއްގައި، އީޖާބީ ގޮތެއްގައި އެއްބާރުލުން ދޭންވާނެކަމަށް ބަޔާންކުރުންވެސް މި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.