ޚަބަރު

ނަސްރުގެ ދުވަސް ނިމިގެން ދިޔަ އިރު ރައީސް ޔާމީން ސައިލެންޓް

މި އަހަރުގެ ނަސްރުގެ ދުވަސް ނިމިގެން ދިޔަ އިރު، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސައިލެންޓް ވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދީނާއި ދިވެހި ގައުމަށްޓަކައި ޖާނުދެއްވި މަތިވެރި އަބްތާލުންގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ނަސްރުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ހިނގައިދިޔަ ނޮވެމްބަރު ތިނެއްގެ އުދުވާނަށް އިއްޔެ 30 އަހަރު ފުރިފައި ވާއިރު، އެދުވަހު ހިނގައިދިޔަ އުދުވާނުގައި ސިފައިންގެ 8 ބޭކަލުންނާއި އާންމުންގެ 11 މީހުން ޝަހީދުވެފައިވެ އެވެ.

1989 ވަނަ އަހަރު ނަސްރުގެ ދުވަސް ފާހަގަކުރައްވަން ފެއްޓެވި ފަހުން އިއްޔެއާ ހަމައަށް އައި އިރު، ކޮންމެ އަހަރަކު ވެސް ރައީސުލްޖުމްހޫރިޔާގެ ޚިތާބު ނުވަތަ ނަސްރުގެ ދުވަހުގެ ޖަލްސާއެއް ބޭއްވުމަކީ ރާއްޖޭގައި އަމަލުކުރަމުން އައިސްފައިވާ ގޮތެވެ. އެހެން ނަމަވެސް މި ފަހަރު އެއިން އެއްވެސް ކަމެއް ކުރައްވައިފައި ނުވާތީ ގިނަ ބަޔަކު ގެންދަނީ ހިތްހަނުޖެހުން ފާޅުކުރަމުންނެވެ.

"ވަން އޮންލައިން" އިން ކުރީގެ ރައީސުންގެ ސްޓޭޓަސްތައް ޗެކުކޮށްލި އިރު، ނަސްރުގެ ދުވަހުގެ ތަހުނިޔާ އަދި އެ ދުވަހުގެ ހަނދާންތައް އާ ކުރައްވައިފައި ވަނީ، ނޮވެމްބަރު ތިނެއްގެ އުދުވާނު ރާއްޖެ އަށް ކުރިމަތިވި އިރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ރައީސް މައުމޫނު އަބްދުލް ގައްޔޫމް އެކަންޏެވެ.

ރާއްޖޭގެ ކުރީގެ ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ނަސްރުގެ ދުވަހުގެ މުނާސަބާގައި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އަދި އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް މި ދުވަހާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވެފަ އެއް ނުވެ އެވެ. މިހާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ނަސްރުގެ ދުވަހުގެ މުނާސަބާގައި ސައިލެންޓް އެވެ.

ނަސްރުގެ ދުވަހުގެ މުނާސަބާގައި މިހާރުގެ ރައީސް، ރައީސް ޔާމީންގެ ޚިތާބެއް ނެރުއްވައިފައެއް ނުވެ އެވެ. އަދި ސިފައިން ރަސްމީކޮށް ހިންގާ ހަރަކާތްތައް ފިޔަވައި ސަރުކާރުގެ އެހެން ހަރަކާތެއް ވެސް ފެނިފައެއް ނުވެ އެވެ. އަދި ސިފައިންގެ ހަރަކާތްތަކުން ވެސް ރައީސް ޔާމީން ނުފެނެ އެވެ.