ބޮލީވުޑް

ހިކޭ ބޭހެއް އެންޑޯސް ކުރުމަށް ޝިލްޕާ ދެކޮޅު ހަދައިފި

ބަތަލާ ޝިލްޕާ ޝެޓީ ކުންޑްރާ އަކީ ސިއްހަތަށް ވަރަށް ބޮޑަށް ބަލައި ފޭނުންނަށްވެސް، ސިއްހަތަށް ފައިދާ ކުރި ކާނާ ކެއުމަށާއި ކަސްރަތުކުރުމަށް ޕްރޮމޯޓް ކުރާ ތަރިއެކެވެ. އެކަމަށްޓަކައި ޝިލްޕާ ވަނީ ވެލްނެސް އެޕެއްވެސް ތައާރަފުކޮށްފަ އެވެ.

ސިއްހަތަށާއި ފިޓްނަސްއަށް ޝިލްޕާ އިސްކަންދޭ ވަރުން އަޔުރްވެދިކް ކުންފުންޏަކުން ވަނީ ހިކޭ ބޭހެއް އެންޑޯސްކުރުމަށް އޭނާއަށް ހުށަހަޅައިފައެވެ. އެ އެންޑޯސްމަންޓްގެ އަގަކީ 10 ކްރޯޑް ރުޕީސްއެވެ. ނަމަވެސް ޝިލްޕާ ވަނީ އެ ބޭސް އެންޑޯސްކުރުމަށް ދެކޮޅު ހަދައިފައެވެ.

ޝިލްޕާ ބުނީ އޭނާ ގަބޫލު ނުކުރާ އެއްޗެއް އޭނާއަށް ނުވިއްކޭނެ ކަމަށެވެ. ހިކޭ ބޭހާއި ފެޑް ޑައިޓަކީ އަވަހަށް ހިކިލަން ފަސޭހައަކަށް އަދި ޓެމްޓްވެގެން މީހުން ކުރާކަމެއް ނަމަވެސް އެއީ ސިއްހަތަށް ފައިދާ ހުރި ކަމެއް ނޫންކަމަށް ޝިލްޕާ ވަނީ ބުނެފައެވެ. އެންމެ ރަނގަޅު ގޮތަކީ ރަނގަޅު ކާނާ ކެއުމާއި ފިޓްނަސް ހިފެހެއްޓުން ކަމަށް އޭނާ ބުންޏެވެ. ލައިފްސްޓައިލް ރަނގަޅު ގޮތުގައި މެއިންޓެއިން ކުރުމުން ދިގު މުއްދަތަކަށް އަދި ދެމިގެންދާ ފިޓް ހަށިގަނޑަކާއި ސިއްހަތެއް ލިބިގެންދާނެކަމަށް އޭނާ ބުންޏެވެ.

13 އަހަރަށް ފަހު ޝިލްޕާ މިހާރު ގެންދަނީ އަނެއްކާވެސް ފިލްމުތަކަށް ނިކުތުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަބިމަންޔޫ ދަސާނީ އަދި އަލަށް ނުކުންނަ ތަރިއެއް ކަމަށްވާ ޝާރީ ޝެތިއާ އާއެކު ޝިލްޕާ ފެނިގެން ދާނީ ފިލްމު "ނިކަންމާ" އިންނެވެ. އެކަން ޝިލްޕާ ވަނީ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.