މުނިފޫހިފިލުވުން

ދިޕިކާއަށްޓަކައި އެންމެ ފަހުރުވެރިވަނީ ފަރާ ހާން

ފަތޯނާ ފާއިޒު

ދެހާސް ހަތްވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ދިޕިކާ އަކީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ބޮލީވުޑްގެ އެންމެ ކުރީ ހަރުފަތަށް ދަތުރު ކުރި އަންހެން ފަންނާނެވެ. އޭނާ އަކީ ބޮލީވުޑަށް ލިބުނު "ރަން މުތެއް"ގެ ގޮތުގައި، އެ އިންޑަސްޓްރީގެ ޕްރޮޑިއުސަރުން ސިފަކުރެއެވެ.

ދިޕިކާގެ ކާމިޔާބީގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު، އޭނާއާ މެދު އެންމެ ބޮޑަށް ފަހުރުވެރިވަނީ، އޭނާ މިދާއިރާއަށް ނެރެދިން ޑައިރެކްޓަރު ފަރާ ހާންއެވެ. 2007 ވަނަ އަހަރު، ފިލްމު "އޯމް ޝާންތީ އޯމް"އިން އެކްޓަރު ޝާހްރުކްހާންއާ އެކީގައި ލީޑް ރޯލު ކުޅެން ދިޕިކާއަށް ފުރުސަތު ދިން މީހަކީ ފަރާއެވެ. އެހެންކަމުން، ފަރާއަކީ ބޮލީވުޑަށް ރަންމުތް ހޯދައިދިން ފަރާތެވެ. ފަރާ މިއަދުވެސް އެވާހަކަ ދައްކަނީ ފަހުރުވެރިކަމާއެކުގައެވެ.

ދާދި ފަހުން ފަރާ މިވަނީ ދިޕިކާ އަކީ އޭނާ ފޮޅުވި މަލެއްގެ ގޮތުގައި ސިފަކޮށްފައެެވެ. ދިޕިކާ އަކީ މާމެލާމެއްޔަށް ވަރަށް ލޯބި ކުރާ ތަރިއެކެވެ. އޭނާގެ އަމިއްލަ ގޭގައިވެސް ތަފާތު އެކި ވައްތަރުގެ މާގަސްތައް ހައްދާފައި ހުރެއެވެ. އެ ގަސްތަކުގައި ފަރިވެ ފޮޅޭ މާތައް ދިޕިކާ އޭނާގެ އިންސްޓެގްރާމްގައިވެސް ހިއްސާ ކުރެއެވެ.

ދިޕިކާ ހައްދާފައިވާ ގުލްސަންޕާ ގަހެއްގައި އަޅާފައިވާ މާތަކެއްގެ ފޮޓޯ އިންސްޓެގްރާމަށް ދޫކޮށްލަމުން އޭނާ ލިޔުނު އިބާރާތްކޮޅަކީ " އެމީހަކު ފަރުވާތެރިކަމާއެކު ބަލަހައްޓަމުން އަންނަ އެއްޗެއް އެންމެ ފުރިހަމައަށް ފޮޅިފައި ހުންނަ މަންޒަރު ފެނުމުން އެލިބޭ ހިތްހަމަޖެހުމަށްވުރެ ބޮޑު އެއްޗެއް ނެތް" މިއެވެ.

ދިޕިކާގެ ކެޕްޝަން އެންމެ ހާއްސަވީ މަޝްހޫރު ޑައިރެކްޓަރު ފަރާ ހާން އަށެވެ. އެފޮޓޯއަށް ކޮމެންޓް ކުރަމުން ފަރާ ބުނީ ދިޕިކާއާ ދޭތެރޭގައި އޭނާވެސް ދެކެނީ އެފަދައިން ކަމަށެވެ.

އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ފަރާ ބޮލީވުޑަށް ނެރެދިން ދިޕިކާއަށް މިއަދު ހޮލީވުޑުންވެސް އަންނަނީ ފުރުސަތުތައް ލިބެމުންނެވެ.