އޭނާގެ ދުވަސް ފެށެނީ ރަށު ތޮށި މައްޗަށް ގޮސް ދޮށި އެއްލައިގެން މަސް ބޭނުމުންނެވެ. އެއީ "ދަރިންނަށް" ހެނދުނުގެ ނާސްތާ ދިނުމަށެވެ. އޭނާއާއެކު އެސޮރުމެން ވެސް ތޮށި މައްޗަށް ގޮސް އެއްޗެއް ބޭނެންދެން އެހުނު ބަހެއް އަހައިގެން ތިބެއެވެ. އެ ދުވަހަކު ބޭނުނު ކޮންމެ އެއްޗެއް ބޮޑާނަހާކައި ކައެވެ.
މިއީ ދ. މާއެނބޫދޫ، އާބާދީވިލާ އުމުރުން 55 އަހަރުގެ އަލީ ފިރާގު ނުވަތަ ރަށު މީހުން ކިޔާ ގޮތުންނަމަ އައްޔަ އާއި އޭނާ ދަރިންގެ ގޮތުގައި ބަލައި ބޮޑުކުރި ދެ މާކަނާގެ ވާހަކައެވެ.
ފިރާގުބެ "ވަން" އަށް ބުނިގޮތުގައި އޭނާއަކީ ކުޑައިރުއްސުރެ ދޫނި ގެންގުޅުމަށް ލޯބިކުރާ މީހެކެވެ. އޭރު މޫސުންތަކަށް ރާއްޖެ އައިސް އުޅޭ ދޫނި އެއްޗެހި ހިފައި ގެންގުޅުމަކީ އޭނާގެ އުފަލެކެވެ.
ނަމަވެސް އެފަދަ ދޫނިތައް ސަރުކާރުން ހިމާޔަތް ކުރުމުން ގެންގުޅުނު ހުރިހާ ދޫންޏެއް ދޫކޮށްލިއެވެ. ނުގަބޫލުގައި ވިޔަސް، ޖޫރިމަނާއެއް ބޮލުގައި އަޅަން ބޭނުން ނުވާތީއެވެ.
އެހެން ދުވަސްތައް ގޮސް، މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިއެވެ. ގެއްލުނު ހިތްހަމަޖެހުން އަލުން ފިރާގުބެއަށް ގެނެސްދިނީ ކައިރީގައި އޮތް ފަޅުރަށަށް ދަރިން ދަތުރުގޮސް ގެނައީ މާކަނާ ޖޯޑަކުންނެވެ. އޭރު އެސޮރުމެން ވަރަށް ޅަ އެވެ. އެހެންވެ އެދުވަހުން ފެށިގެން އެ ދެ މާކަނައަށް ހިމާޔަތްދިން ބެލެނިވެރިއަކަށްވީ ފިރާގުބެއެވެ.
"އެ އެއްޗެހި ގެނައީ ހާލިގަނޑާއެކު. ދެން ފުޅިމަދު ފޮއްޓަކަށް ލައިގެން ގެންގުޅުނީ. ކުޑައިރު ވަރަށް ރީތިކޮށް ލަވަ ކިޔާނެ. (ޅައިރު ދޫނިތައް ގޮވާ ގޮވުން) އެކަމަކު އޭރުވެސް އަޅުގަނޑު ފެނުނީމަ ލަވަ ކިޔާނީ. ބަނޑުގައި ޖައްސާލައިގެން ވެސް އެސޮރުމެން ތިބޭނެ،" މާކަނާ ލިބުނު ދުވަސްކޮޅުގެ ހަނދާންތައް ފިރާގުބެ ކިޔައިދިނެވެ.
"ކޮންމެ ދުވަހަކު ވެސް ހެނދުނު 8:30 އާއި 10:00 އާ ދެމެދު ދަނީ މަސް ބާނަން ތޮށި މައްޗަށް. ކޮންމެ ދުވަހަކު ވެސް ކާން ދެނީ އަމިއްލައަށް ގޮސް މަސް ބާނައިގެން. ދެން އެސޮރުން އެހެން އެއްޗެހި ވެސް ކާނެ،"
މިއީ މާކަނާތައް އެންމެ ޅައިރުން ފެށިގެން ދޮޅު އަހަރު ވަންދެން ފިރާގުބެ އެ އެއްޗިއްސަށް ކާން ދިން ގޮތެވެ. ފިރާގުބެ ބުނީ، މާކަނާތައް ކުޑައިރު އެޔަށް ދެއިރު ކާންދިން ނަމަވެސް މިހާރު ކާން ދެނީ އެންމެ ފަހަރަކު ކަމަށެވެ.
އެ އެއްޗިއްސަށް ކާންދީ ގެންގުޅުނު ނަމަވެސް ފިރާގުބެ އެކަން ކުރަނީ މާކަނާތައް ރަށަށް ދޫކޮށްލައިގެންނެވެ. ފިޔަ ކޮށައިގެން ނުގެން ގުޅެނީ އެއީ ހިމާޔަތްކޮށްފައިވާ ދޫނިތަކަކަށް ވުމުންނެވެ. ނަމަވެސް ކޮންމެ ދުވަހަކު ފިރާގުބެ ގެއަށް މާކަނާތައް ދެއެވެ.
އެހެން އުޅެފައި ރަށް ކައިރީގައި އޮތް ފަޅު ރަށަށް ކުރިން އެ ސޮރުމެން ގޮސް އުޅެއެވެ. ގޮސްލާފައި އެނބުރި ރަށަށް އާދެއެވެ. ނަމަވެސް މިހާރު ރަށްރަށަށް ނުދާކަން ފިރާގުބެ ފާހަގަކުރެއެވެ.
"މީގެ ކުރިން އެއް ފަހަރު ހާލި ވެސް ހެދި. ރަށުގެ ކުނިގޮނޑާ ދިމާލު ރުކެއްގައި ހެދީ. އެކަމަކު އެ ފަހަރު ރަށުގެ ކުދި ސޮރުންތަކެއް ރުކަށް އަރައި ހާލި ހަލާކުކޮށްލީ. އޭގެ ފަހުން އެ ސޮރުމެން ހާލި ހަދާކަށް ނޫޅޭ،" ފިރާގުގެ ބުންޏެވެ.
ފިރާގުބެ އާއި މާކަނާތަކުގެ އެކުވެރިކަން ކިތަންމެހާ ވެސް ބަދައްސެވެ. ނަމަވެސް އޭނާ ދެކެނީ އެހެންނެއް ނޫނެވެ. ބައްޕަ ކިޔާ ފަސް ކުދިން ތިބި ފިރާގުގެ ބުނާ ގޮތުގައި، މިއަދު އެ މާކަނާ ތަކަކީ ވެސް އޭނާ ކުދިންނެވެ.
"ދަރިންނެކޭ އެއް ކަހަލަ ގޮތަކަށް ގެންގުޅޭ އެއްޗެހި އެއީ. ހިތްހަމަޖެހެނީ ވެސް އެ އެއްޗިއްސަށް ކާން ދެވުނީމަ،" ހިނިތުންވުމުގެ ރާގަކާއެކު ފިރާގުބެ ބުންޏެވެ.
ސަބަބެއް ނެތި އެއްވެސް ނޫނެވެ. ކޮށްޖަހައި އުޅޭ މާކަނާ ކަނީ ވެސް ފިރާގުބެގެ އަތްމަތިންނެވެ. އަތް ޖެއްސީމަ ދުރަކަށް ވެސް ނުދެއެވެ. އެ ގުޅުން އޮތީ ވެސް ފިރާގުބެއާ އެކަންޏެވެ.