މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 30

އަބްދުﷲ ފާރޫގް ހަސަން

ރޯދަމަހާއި ޢީދު

(13 އޯގަސްޓް ގެ އަދަދާ ގުޅޭ)

އިސްލާމީ ކޮންމެ މުޖުތަމަޢެއްގައިވެސް ރޯދަމަހަށް މަރުޙަބާ ކިޔުމުގެ ގޮތުން ޚާއްޞަ ތައްޔާރީތަކެއް ކުރެއެވެ. މިގޮތުން ދިވެހި ކާބަފައިންގެ ދެދަރިކޮޅު ކަމުގައިވާ މަލިކާއި ދިވެހިރާއްޖޭގައި ރޯދަޔަށް ތައްޔާރުވުމުގެ ގޮތުން ހިންގެނީ އެއްކަހަލަ ކަންތައްތަކެކެވެ.

ރާއްޖެތެރޭގެ ރަށްރަށާއި މަލިކުގައިވެސް ރޯދަޔަށް ތައްޔާރުވުމުގެ ގޮތުން ހިންގޭ އެންމެ ޚާއްޞަ ޙަރަކާތަކީ ގޯތިގެދޮރު ސާފުތާހިރުކުރުމާއި، ގޭތެރެޔާއި ބަދިގެތެރޭގެ ތަޅުމާއި ފާރުތައް ދޮވުމާއި، ފާރުގައި އުވަލުމާއި، ވަޅުވަޅާއި ވެޔޮތައް ސާފުކުރުމާއި، ދަނޑިފަނުން އަޅައިފައި ހުންނަ ގޭގޭގެ ފުރާޅުތަކާއި ބިތްތަކާއި ބަދިގޭގެ ދުމަށިތައް އާކުރުމާއި، ގޭތެރެޔަށާއި ގޯތިތެރެޔަށް ކަށިވެލިލުމާއި، ރޯދަމަހަށް ބޭނުންވާ ދަރު ކާށިފަދަ ތަކެއްޗާއި، ހަނޑޫހަކުރާއި، ހަވާދުގެ ބާވަތްތަކާއި، ކަދުރާއި، ސަރުބަތާއި އެސެންސާއި، ސާގާއި، އިސްބަޣޫލު ފަދަ ފަނިކެއްކުމާއި ފަނި ގިރުމާބެހޭ ތަކެތި ހޯދުމެވެ.

ރޯދަޔަށް ތައްޔާރުވުމުގެ ގޮތުން މަލިކުގައި ކުރާ ގިނަކަންތައް އިހުގައިކޮށްއުޅެނީ އަވަށްއަވަށުގެ ރައްޔިތުން ބައިވެރިވެގެންނެވެ. މިގޮތުން ކުރާ ކަންތައްތަކުގެ ތެރޭގައި، މަލިކުގައި ހުންނަ ބޮޑުވަޅުތައް (ވެޔޮތައް) ސާފުކުރުމާއި، ބަންޑާރަޔަށްގޮސް ކާށިއަޅައި ދަރުކޮށައި އެތަކެތި އަވަށުދޯނީގައި އަވަށަށް ގެނައުން ހިމެނެއެވެ. ދަރާއި ކާށި އަވަށަށް ގެނެސް ގޭގޭގެ ނިސްބަތުން ބަހައިލަނީއެވެ. ފިރިހެނުން ތަކެތި ގެނެސް ބަހައިލުމުން އެތަކެތި ގެޔަށް ގެންދަނީ އަންހެނުންނެވެ.

ނަމަވެސް ރަށުގެ ބަންޑާރަގަނޑު ބޯބޯމައްޗަށް ބެހުމާ ވިދިގެން މިހާރު ކާށިއެޅުމާއި ދަރުގެނައުމަކީ ކޮންމެ ގެއެއްގެ މީހުންވެސް އަމިއްލައަށް ކުރާ ކަމެކެވެ. ތަކެތި އުފުލުމަށް ދޯނިފަހަރުގެ ބަދަލުގައި މިހާރު ބޭނުންކުރަނީ "ޓިއްލަރު" ނުވަތަ އޮޓޯފަދަ ދުއްވާ ތަކެއްޗެވެ.

ރާއްޖޭގައިވެސް ރޯދަޔަށް ހަނދު ބަލަންދާ ފަދައިން މަލިކުގައިވެސް އެކަން އޮވެއެވެ. އިހުގައި މިއީ ވަރަށްފޯރިއާއެކު ކުރާ ކަމެކެވެ. ހަނދުބަލަން ދަނީ މާހެފުމަށް ބޭނުންކުރާ ތަކެއްޗާއި، މަށައިފައި ހުންނަ ކާށިފަދަ ތަކެތި ހިފައިގެންނެވެ. ހަނދުފެނުމުން ކާށިޖެހުމާއި "ހަނދޯތް" މިހެން ގޮވުން އޮވެއެވެ. "ހަނދޯތް" ގޮވުމުގެ ބޭނުމަކީ ރޯދަމަހަށް ހަނދުފެނުނުކަން ރަށަށް އިޢުލާން ކުރުމެވެ. ކާށި ޖެހުމަކީ އެއްކާށި ބިންމަތީގައި ބާއްވާފައި އަނެއްކާށިން ޖަހައި ކާށި ފަޅައިލުމެވެ. މިއީ ވަރަށް ފޯރިގަދަ މުބާރާތެއް ކަހަލަ ގޮތަކަށް ހިނގާ ކަމެކެވެ. ނަމަވެސް މިއީ މިހާރު މާފޯރިގަދަކޮށް އޮންނަ ކަމެއް ނޫނެވެ.

ރާއްޖޭގައިވެސް އިހުޒަމާނުގައި ރޯދަމަހަށް ހަނދުބަލާ ރެޔަށް އަންބަލަންލުމާއި މިފަދަ ކުޅިވަރުތައް އޮތް ފަދައިން މަލިކުގައިވެސް އެކަންތައް އޮތެވެ. މިހާރު ރާއްޖޭގައި ހަނދުބެލުމުގެ އާދަ އިހާއަޅާ ބަލާއިރު ކުޑަވެފައިވާ ފަދައިން މަލިކުގައިވެސް އެކަން ހިސާބަކަށް ވަނީ ހީނަރުވެފައެވެ.

ރޯދަމަހަކީ "އިސްރާފުކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއް" ކަމުގައި ދިވެހީންގެ ތެރޭގައި ވެފައި އޮންނަ ފަދައިން މަލިކުގައިވެސް ރޯދަމަހަކީ ކެއުމުގެ ޚަރަދު ވަރަށްބޮޑު މަހެކެވެ. މީރު އެއްޗެހި ހެދުމާއި ކެއުމުގައި މަލިކުމީހުންނާއި ދިވެހީންގެ އެއްބައެއްވަންތަކަން ހާމަވެގެންދަނީ ވަރަށްބޮޑަށެވެ.

ރާއްޖޭގެ މީހުންނެކޭ އެއްފަދައިން މަލިކުމީހުންވެސް ރޯދަވީއްލުމަށް (މަލިކުބަހުރުވައިގައި ކޯދުވުމަށް) ވަރަށް ގިނަ ހެދިކާ ތައްޔާރުކުރެއެވެ.

މަލިކުގައި ރޯދަވީއްލާއިރަށް ތައްޔާރުކުރާ ބާވަތްތަކުގެ ތެރޭގައި ކަދުރާއި، އިސްބަޣޫލުފަންޏާއި، އެކިވައްތަރުގެ ފަންޏާއި، ކަންޖާއި، ގުޅަޔާއި، "މުގުއައްޕަނާއި"، ކިރާއި، ފޮޅިޔާއި، ބަނބުކޭލުސަންނަޓި ހިމެނެއެވެ.

ރޯދަވީއްލުމަށްފަހު މަޣުރިބުނަމާދުގެ ފަހަށް ބަތްކައި އުޅޭމީހުންވެސް ކޮންމެވެސް ވަރަކަށް އުޅެއެވެ.

ރާއްޖެއެކޭ އެއްގޮތަށް މަލިކުގައިވެސް ތަރާވީސްދަމަށް ހެދިކާ ހަދައި ތައްޔާރުކުރުން އޮވެއެވެ. ގާތްތިމާގެ މީހުންނާއި، ރައްޓެހީންގެ ގޭގެއަށް ތަރާވީސްދަމު ޒިޔާރަތްކުރުމަކީ ދެތާނގައިވެސް އެކުވެރިކަން ބަދަހިކުރުމުގެ ވަސީލަތެއްގެ ގޮތުން ބޭނުންކުރެވޭ ކަމެކެވެ.

މަލިކުގައި "ތަރާވީސް ކެއުމަށް" ތައްޔާރުކުރާ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ހުނިހަކުރުފަތަފޮޅި (ހުނިހަކުރު ފޫކުއްތު) ފެންވަރާބޮނޑި، ހިކިތަވާ، "ގުޅަގަން"، "ހާލިފޮޅި"، "ކީނައްތު"، "ފޮއްޅަ"، ބިސްފަރަޓާ" މިފަދަ ބާވަތްތަކެވެ.

މަލިކުގައިވެސް ހާރުދަމު ކައިއުޅެނީ ބަތެވެ. ނަމަވެސް ރާއްޖެއެކޭ އެއްގޮތަށް ކޮންމެބަޔަކުވެސް ހާރުކައްކަނީ އެބަޔަކަށް ލިބޭ އެންމެ ރަނގަޅަކަށެވެ. ތައްޔާރުކުރެވޭ އެންމެ މީރެއްކޮށެވެ.

ފިރިމީހާގެ ގެއަށް ރޯދަވީއްލާނެ ވައްތަރުވައްތަރުގެ ހެދިކާ ތައްޔާރުކޮށްފައި ފޮނުވުމަކީ މަލިކު އަންހެނުން ވަރަށް ފަރުވާބަހައްޓައިގެން ކުރާ ކަމެކެވެ.

ރޯދަމަހުގެ ފަހުދިހަޔަށް އެޅުމާއެކު މަލިކުމީހުން ޢީދަށް ތައްޔާރުވެއެވެ. ހަނޑޫ ދޮވުމާއި، ހަނޑޫ ފޮޅުމާއި، ހަވާދު އަވީލައި ތައްޔާރުކުރުމެވެ. ޢީދުވިލޭރޭ ހަނދު ފެނުމާއެކު މަލިކުގެ ކޮންމެ އަވަށެއްގައިވެސް ގެރިކަތިލުން އޮވެއެވެ. ބޮޑެތި އަވަށްއަވަށުން ދެގެރި ތިންގެރި ކަތިލައެވެ. ޢީދުވިލޭރެއަށް ކުރީއްސުރެ ހުންނަނީ ހެދިކާގެ ބާވަތް ތައްޔާރުކޮށްފައެވެ. ކޮންމެ އަވަށެއްގެވެސް އަވަށުގޭގައި އަވަށު އެންމެންނަށާއި، އެހެނިހެން އަވަށްއަވަށުން ޒިޔާރަތްކުރާ އެކުވެރީންނަށް ސައި ތައްޔާރުކޮށްފައި އޮވެއެވެ.

ފިރިހެނުން ޢީދުނަމާދުކޮށްގެން އަންނައިރަށް އަވަށުގޭގޭގައި ކާން ތައްޔާރުކޮށްފައި ހުރެއެވެ. ފުރަތަމަ ކާނީ އަވަށުގެ ބޮޑުންނެވެ. ދެން އަވަށުގެ އެހެނިހެން މީހުންނެވެ. އަވަށުގެ ހުރިހާ ފިރިހެނުން ކާނީ އަވަށުގެއިންނެވެ. އެއްއަވަށެއްގެ މީހުންނަށް އަނެއް އަވަށަކަށް ދަޢުވަތު ދިނުންވެސް އޮވެއެވެ. ޢީދުދުވަހަށް އަވަށުގެ އެންމެންނަށް ފުދޭވަރަށް އަވަށުގޭގައި ކައްކާނެއެވެ. ކައްކާތަކެތި އަވަށުގެ ހުރިހާ ގޭގެއަށް ބަހައިވެސް އުޅެއެވެ. މިކަމަށް ކިޔަނީ "ބަތްދޭން ދިޔުމެވެ." ބަތްދޭން ދަނީ އަވަށުގެ އަންހެނުންނެވެ. ކޮންމެ އަވަށެއްގެވެސް މާލިއްޔަތުގައި މިބާވަތުގެ ޚަރަދުކުރެވޭހައި ތަނަވަސްކަން ހުރެއެވެ.

ރޯދަމަހާ ވިދިގެން އަންނަ ފިޠުރުޢީދަށް މަލިކުމީހުންވެސް ކިޔައިއުޅެނީ ކުޑަޢީދެވެ. ޙައްޖުމަހުގައި އަންނަޢީދަށް ކިޔަނީ ބޮޑުޢީދެވެ. މިއީ އަޅުގަނޑުމެންވެސް ދެޢީދަށް ނަންކިޔާގޮތް ނޫންތޯއެވެ؟ މިހާރުގެ ދިވެހިރާއްޖެއެކޭ އެއްގޮތަށް ފިޠުރުޢީދު، އަޟްޙާޢީދު މިދެނަންވެސް ބޭނުންކުރެއެވެ.

އަޟްޙާޢީދު (ބޮޑުޢީދު) ގައި އުޟްޙިޔާގެ ގޮތުން ގެރިބަކަރި ކަތިލުމާއި، ކަތިލާ ތަކެތީގެ މަސް ގާތްތިމާގެ މީހުންނަށާއި، ރައްޓެހީންނަށް ބެހުމުގެ އިސްލާމީ ރީތިއާދަ މަލިކުގައި އޮވެއެވެ.

މަލިކުގައި ޢީދުތެރޭގައި ކުޅޭ ވަކިޚާއްޞަ ކުޅިވަރެއް ނޯވެއެވެ. އެއީ "މަލިކުދަނޑި" ފަދަ ކުޅިވަރުތައް މިހާރު މަލިކުން އުވި ގޮސްފައިވާތީ ކަމަށް ވެދާނެއެވެ. ޢީދުގައި މިހާރު ކޮށްއުޅޭ ކަމަކަށް އޮންނަނީ ރާތީބު ކިޔުމެވެ. ރޯދަމަހުވެސް ރާތީބު ކިޔުމާއި ތާހީދު ކިޔުން އޮވެއެވެ.

އިސްލާމްދީނުގައި ކަނޑައެޅިފައިވާ ދެޢީދުގެ އިތުރަށްވެސް މަލިކުގައި ބައެއް "ޢީދު" ފާހަގަކުރާކަމަށް މަލިކާ ބެހޭގޮތުން ލިޔާ ބޭރުގެ ލިޔުންތެރީން ލިޔެއެވެ. އޭގެތެރޭގައި އައްޝައިޚް މުޙްޔިއްދީން (އައްޝައިޚް މުޙްޔިއްދީން ޢަބްދުލްޤާދިރު ޖީލާނީ) ގެ އަހަރުމަތިފުޅާއި، "ޝައިޚްރިފާޢީ" ގެ އަހަރުމަތިފުޅާއި، ޝަޢުބާންމަހުގެ ފަނަރަވަނަ ދުވަހާއި، މުޙައްރަމްމަހުގެ ދިހަވަނަދުވަސް ހިމެނެއެވެ. އަދި ކީރިތިރަސޫލާގެ ޢީދުމީލާދު ދުވަސްވެސް މީގެތެރޭގައި ހިމެނެއެވެ.

ނަމަވެސް ޙަޤީޤަތުގައި މިއީ ޢީދެއްގެގޮތުން ފާހަގަކުރެވޭ ދުވަސްދުވަހެއް ނޫނެވެ. ފާހަގަކުރެވޭ ޚާއްޞަ މުނާސަބާތަކެކެވެ. މީގެ ތެރެއިން "ޝައިޚްރިފާޢީ" ގެ އަހަރުމަތިފުޅު ދުވަސްނޫން ދުވަސްދުވަހަކީ ރާއްޖޭގައިވެސް އިހުޒަމާނުގައި ފާހަގަކުރެވުނު ދުވަސްދުވަހެވެ.

މަލިކުގައި ޝަޢުބާންމަހުގެ ފަނަރަވަނަދުވަހު މަރުފޮޅިފިހެ މަރުވާމީހުންނަށް ހެޔޮދުޢާކޮށް އުޅުނެވެ. ދިވެހި ޘަޤާފަތުގެ އަހުލުވެރީން ހަނދުމަފުޅު ހުންނާނެ ފަދައިން ޝަޢުބާންމަހުގެ ސާދަވަނަ ދުވަހަކީ ރާއްޖޭގައިވެސް މިގޮތުން ފާހަގަކުރެވުނު ދުވަހެކެވެ. އެއީ ހަތަރު ބޯފޮޅިދުވަހުގެ ތެރެއިން އެއް ބޯފޮޅިދުވަހެވެ. ބޯފޮޅިދުވަހު ޢަޞުރުނަމާދަށް މުންނާރުން ބަންގިގޮވީމާ ނާބުސްޚާނުން "ފާތިޙާބެރު" ޖެހި ހަނދުމަފުޅާއި، ކީރިތިމަހާރަދުން ބޯފޮޅިޔަށް ވަޑައިގަންނަވާ ހަނދުމަފުޅު ހުންނާނެ ބޭފުޅުން މާލޭގައި މިހާރުވެސް ތިއްބަވާނެއެވެ. ރާއްޖެތެރޭގައިވެސް އެދުވަހު "ބޯފޮޅި" ފިހެ މިސްކިތްދޮށަށް ފޮނުވައި ފާތިޙާ ކިޔުއްވައި އުޅުނެވެ. ނަމަވެސް މިކަން މިހާރު ރާއްޖޭގައިވެސް އަދި މަލިކުގައިވެސް މިސިފަޔަކަށް ކުރެވެމަކުން ނުދެއެވެ.

މަލިކުގައި މިހާރުވެސް މުޙައްރަމްމަހުގެ ދިހަވަނަދުވަސް ފާހަގަކުރާ މުއްސަނދި ބައެއް ޢާއިލާތައް އުޅެއެވެ. ނަމަވެސް މިއީ ރާއްޖޭގައިވެސް އިހުގައި މުޙައްރަމްމަހުގެ ދިހަވަނަދުވަސް ފާހަގަކުރެވުނު ފަދައިން ފާހަގަކުރެވުނު ދުވަހެކެވެ.

އާދެ، އިހުގައި ކޮންމެ އަހަރަކުވެސް މުޙައްރަމްމަހުގެ ހަތްވަނަދުވަހު މާލޭގައި ކަނދިޒަކާތުގެ ކޮލިލެވެއެވެ. މުޙައްރަމްމަހުގެ ދިހަވަނަ ދުވަހު ކަނދިކައްކައި، ކުދީން ކަންޖާއަޅައި ކިރައި، ޞަލަވާތް ކިޔަވައި އުޅުނެވެ. ރާއްޖެތެރޭގައިވެސް ކަނދިކައްކައި، ކުދީން ކަންޖާއަޅައި ކިރައި، ޞަލަވާތް ކިޔަވައި އުޅުނެވެ. ނަމަވެސް މީގެ އެއްވެސް އަސަރެއް މިހާރު ރާއްޖެއަކުވެސް ނެތެވެ.

ކީރިތިރަސޫލާގެ ޢީދުމީލާދު ފާހަގަކުރުން ރާއްޖޭގައި އޮންނަ ވަރަށްވެސް މިހާރު މަލިކުގައެއް ނެތެވެ. އެކަންވަނީ "ބިދުޢަ" އަކަށްވާތީ ހުއްޓާލެވިފައެވެ. މަލިކުގައި ތިބޭ ދިގުކަރައިގެ (އިންޑިޔާގެ) މުސްލިމުންނާއި "ދީބުގެ" (ލަކްޝަދީބުގެ ރަށްރަށް) މުސްލިމުން އެދުވަސް ފާހަގަކުރެއެވެ.

އަޅުގަނޑާއި އަޅުގަނޑުގެ އަޚު ޢަބްދުﷲ ޞާދިޤާ ދެމީހުން މަލިކުގައި ތިއްބައިވެސް ރަބީޢުލްއައްވަލް މަހުގެ ބާރަދުވަސް އައެވެ. މަލިކުމީހުންގެ ތެރޭގައި އެއްވެސް ފެންވަރެއްގައި އެދުވަސް ފާހަގަކުރެވިފައެއް ނުވެއެވެ. ނަމަވެސް މަލިކުގައި ތިބި "ދީބު މުސްލިމުން" އެދުވަހު ހިނގާލުމެއް ބޭއްވިއެވެ.

ބިދުޢައާމެދު ދީނީ ޢިލްމުވެރީން ވިސްނައިވަޑައިގަންނަވާ ނަޒަރުން ވިސްނައިވަޑައިނުގެން މަލިކާ މިވަގުތު ކުރިމަތިވެފައިވާ ޣައިރުމުސްލިމުންނާ މައްސުނިވުމުގެ ޙާލަތަށްޓަކައި، އެދުވަހަކީ ކީރިތިރަސޫލާގެ ޝަޚްޞިއްޔަތާއި އެކަލޭގެފާނުގެ މިޝަން ތަޢާރުފްކޮށްދިނުމުގެ ދުވަހަކަށް މަލިކުގެ ޢިލްމުވެރީން ހައްދަވާނެ ނަމައޭ އެދުވަހު އަޅުގަނޑުގެ ހިތަށްއެރިއެވެ. މަލިކުގެ ބައެއް ޢިލްމުވެރީންގެ އަރިހުގައި އަޅުގަނޑު މިޚިޔާލު ފާޅުކޮށްވެސް ހެދީމެވެ. (ބިދުޢަޔަށް މަގުފަހިކޮށްދޭ ޚިޔާލަކަށް ވެދާނެތީ ބިރުވެތިވަމެވެ.)

(ނުނިމޭ)