ޚަބަރު

އާ ސީޕްލޭން ޓާމިނަލްގެ 73 އިންސައްތަ މަސައްކަތް ނިންމާލައިފި

ފަތޯނާ ފާއިޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރަން ފެށި އާ ސީ ޕްލޭން ޓާމިނަލް މަޝްރޫއުގެ 73 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)އިން ބުނެފިއެެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރާއްްޖޭގެ މައި ދޮރޯށި ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ފެށި ބޮޑު މަޝްރޫއުގެ ތެެރެއިން، އާ ސީ ޕްލޭން ޓާމިނަލްގެ މަސައްކަތަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ޓާމިނަލެއްގެ ހިދުމަތް ދިނުމުގެ ގޮތުން ފެށި މުހިންމު މަސައްކަތެކެވެ. އެ މަޝްރޫއަށް ހުޅުލެއިން 3.5 ހެކްޓަރުގެ ސަރަހައްދެއް ހިއްކާފައިވެއެވެ.

އެމްއޭސީއެލްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ވީއައިއޭގެ ސީ ޕްލޭން މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ކަރަންޓު ވަޔަރު ކުރުމާއި، ފިއުލް ޕައިޕްލައިންތައް ހަރުކުރުމާ އިންޓީރިއާ ފިނިޝިން ފަދަ މަސައްކަތްތައް ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު އެމްއޭސީއެލްއިން ވަނީ ހިއްސާ ކޮށްފައި

ވީއައިއޭގެ އާ ސީ ޕްލޭން ޓާމިނަލުގައި ހަތަރު ފަންގިފިލާ ހުރެއެވެ. ވީވީއައިޕީގެ ހިދުމަތާއި ހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަ ލޮބީތަކުގެ އިތުރުން އޮފީސް މަސައްކަތްތަކަށް ހާއްސަ ބައެއްވެސް ޓާމިނަލް އިމާރާތުގައި ހިމެނޭނެއެވެ.