ޔޫއެފާ ސުޕާ ކަޕް

ތަފާތު ކުޅުމެއް ދައްކަމުންދިޔަ ޗެލްސީ ބަލިކޮށް، ލިވަޕޫލުން ޔޫއެފާ ސުޕާ ކަޕް ކާމިޔާބުކޮށްފި

އަލީ ރިފްޝާން

ތަފާތު ކުޅުމެއް ދައްކަމުންދިޔަ ޗެލްސީ ބަލިކޮށް، ލިވަޕޫލުން ޔޫއެފާ ސުޕާ ކަޕް ކާމިޔާބުކޮށްފިއެވެ.

ތުރުކީގެ އިސްތަންބޫލުގައި ރޭ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ލިވަޕޫލާއި ޔޫއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ޗެލްސީ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފައެވެ. އިތުރު ވަގުތުގެ ދެ ހާފު ނިމުނު އިރު، 2-2ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ލިވަޕޫލް ކުރި ހޯދީ 5-4ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ކުރީކޮޅު ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ލިވަޕޫލުގެ މުހައްމަދު ސަލާހު ފޮނުވާލި ހަމަލާއަކާއި ސާޑިއޯ މާނޭ ފޮނުވާލި ހަމަލާއެއް ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަގަލާ ވަނީ މަތަކޮށްފައެވެ، އަދި އޭގެ ފަހުން ޗެލްސީގެ ޕެޑްރޯ ފޮނުވާލި ހަމަލާ، ލިވަޕޫލްގެ ކީޕަރު އެޑްރިއަން ވަނީ މަތަކޮށްފައެވެ. މިސީޒަނުގައި ލިވަޕޫލާ ގުޅުނު ކީޕަރު އެޑްރިއަންއަށް ރޭގެ މެޗުގައި ލިވަޕޫލްގެ ގޯލު ބެލެހެއްޓުމުގެ ފުރުސަތު ލިބުނީ އެޓީމުގެ އެއް ނަމްބަރު ކީޕަރު އެލިސަން ބެކާއަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ކްރިސްޓިއަން ޕުލިސިޗް ދިން ބޯޅައަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވަޑް އޮލިވިއާ ޖިރޫއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓު ތެރޭ ލިވަޕޫލުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ލިވަޕޫލުގެ ފަބީނިއޯގެ ބޯޅައެއް ޗެލްސީގެ ކީޕަރު ކެޕާ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މާނޭއެވެ.

މެޗުގެ ފަހުކޮޅު ލިވަޕޫލަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކްގެ ހަމަލާއެއް ކީޕަރު ކެޕާ މަތަކުރި އިރު، މެޗު ނިމެންދަނިކޮށް މާނޭ ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލު ހުރަސްކޮށް ބޭރަށެވެ. މެޗުގެ ފުރަތަމަ ވަގުތި ހަމަވި އިރު، 1-1ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފައެވެ.

އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ލިވަޕޫލުންނެވެ. ރޮބާޓޯ ފާމީނޯ ދިން ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން މާނޭއެވެ.

ލިވަޕޫލަށް މާނޭ ލީޑު ހޯދައިދިންތާ މާގިނައިރުތަކެއް ނުވަނީސް، ޗެލްސީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޗެލްސީއަށް އެ ޕެނަލްޓީ ލިބުނީ ލިވަޕޫލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޓެމީ އަބްރަހަމްއަށް ކީޕަރު އެޑްރިއަން ކުރި ފައުލަކާ ގުޅިގެންނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް، ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޖޯޖީނިއޯއެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ޗެލްސީގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ލީޑު ހޯދުމަށް ވަރަށް ރަނގަޅު ފުރުސަތެއް ވެސް ޗެލްސީއަށް ލިބިގެންދިޔައެވެ. މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ޗެލްސީގެ ޒުވާން މިޑްފީލްޑަރު މޭސަން މައުންޓް ފޮނުވާލި އެ ހަމަލާގެ ހުރަހަކަށްވީ ލިވަޕޫލްގެ ކީޕަރު އެޑްރިއަންއެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ލިވަޕޫލުން ވަނީ އެޓީމުން ފޮނުވާލި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފައެވެ. ލިވަޕޫލްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ފާމީނޯ އާއި ފަބީނިއޯ އާއި ޑިވޯކް އޮރީގީ އާއި އެލެކްސެންޑާ އާނޯލްޑް އަދި ސަލާހެވެ.

ޗެލްސީން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ އެންމެ ފަހު ޕެނަލްޓީއެވެ. ޗެލްސީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ޖޯޖީނިއޯ އާއި ރޮސް ބާކްލީ އާއި މައުންޓް އަދި އެމަސަންއެވެ. ޗެލްސީގެ ޓެމީ އަބްރަހަމް ފޮނުވާލި ހަމަލާ، ލިވަޕޫލްގެ ކީޕަރު އެޑްރިއަން ވަނީ މަތަކޮށްފައެވެ.